ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ޕީއެންސީގެ އިސް މެމްބަރު އަހުމަދު ނާޒިމް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން މިއަދު ހެނދުނު ކުއްލި ގޮތަކަށް ބޭރުކޮށްފައިވާއިރު، އޭނާއާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެ، މާދަމާ އަށް ޖަލްސާއެއް ތާވަލް ކުރަން ޖެހިއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އާއްމު ޖަލްސާއެއް  ބޭއްވޭނީ އެންމެ މަދުވެގެން މެމްބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންމަބުން ތަޅުމުގައި ތިއްބވައިގެންނެވެ. މިހާރު އޮތް 20 ވަަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާތީ ޖަލްސާއެއް ބޭއްވޭނެ އެންމެ މަދު އަދަދަކީ 23 މެންބަރުންނެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9:00 ގައި ފަށަން ތާވަލުކޮށްފައި އޮތް އިރު ކޯރަމް ހަމަނުވާތީ 10:00 އަށް ޖަލްސާ ލަސްކުރިކަން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް އިއުލާނު ކުރެއްވީ 9:15 އެހާކަށް ހާއިރު އެވެ. 

"މިއަދުގެ ޖަލްސާ ފެށުމަށް ބެލިއިރު ކޯރަމް ހަމަނުވާތީ، ގަޑި 10 ޖަހާ އިރަށް ބަދަލުކުރުމުން ވެސް ކޯރަމް ހަމަނުވެފައި ވާތީ، މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާގެ (ބ)ގެ ދަށުން މިއަދުގެ ޖަލްސާ އަޅުގަނޑު ކެންސަލްކުރަން،" ދެ ފަހަރަށް މަސައްކަތް ކޮށްގެން ވެސް ކޯރަމް ހަމަނުވުމާ ގުޅިގެން ޖަލްސާ ކެންސަލް ކުރިކަން އިއުލާން ކުރައްވަމުން ނާޒިމް ވިދާޅުވި އެވެ. 

އެ އަށް ފަހު އޭނާ އިއުލާން ކުރެއްވީ މާދަމާ ހެނދުނު 9:00 ގައި ޖަލްސާއެއް އޮންނާނެ ކަމަށެވެ. އެކަމަކު، ބުރާސްފަތި ދުވަހަކީ އާންމު އުސޫލުގެ މަތިން މަޖިލިހުގެ ޖަލްސާތައް ބާއްވާ ދުވަހެއް ނޫނެވެ. 

މިއަދު ބާއްވަން ތާވަލުކުރި ބައެއް ކޮމިޓީ ބައްދަލުވުުންތައް ކެންސަލް ކުރިކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ މައިގަނޑު ތިން ކަމެކެވެ. އެއީ ބައެއް ގައުމުތަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުންދިނުމުގެ މަސައްކަތް ފެށުމަށް ޓަކައި އެ ބޭފުޅުންގެ ނަންތައް ތަޅުމަށް އިއްވައި ކޮމިޓީއަށް ފޮނުވުމާއި ދެ ބިލެއްގެ އިބްތިދާއީ ބަހުސެވެ. މިއަދު ބަހުސްކުރަން އޮތް އެއް ބިލަކީ ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހު ހުށަހަޅުއްވާފައިވާ ސައިބާ ސެކިއުރިޓީ ބިލެވެ. ދެވަނަ ބިލަކީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެވެ. 

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މާލޭގައި ވަޑައިގެން ނޫޅޫއްވާތީ ޖަލްސާތަކުގެ ރިޔާސަތު މި ހަފުތާގައި ބަލަހައްވަމުން ގެންދަވަނީ މަޖިލީހުގެ ނައިބު ރައީސް ނާޒިމެވެ. 

ނާޒިމް ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލައި، އަދި އޭނާއާ މެދު ނުތަނަވަސްކަން އުފެދިފައިވާއިރު އޭގެ ސަބަބު އަދި ތިލައެއް ނުވެ އެވެ. 

އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އަދި، މަޖިލީހުގެ ނައިބު ރައީސްކަމުން އޭނާ ދުރުކުރަން މައްސަލަ ހުށަހަޅަން ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގެ އަޑު ފެތުރުނެވެ. 

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕް ތެރޭގައި މަސައްކަތް ފަށާފައިވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން އޭރު "މިހާރު" އިން ސުވާލު ކުރުމުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެފަދަ ސަބަބެއް މެދުވެރި ވެސް ނުވާ ކަމަށެވެ.