ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނަން މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ދެންމެ ހުށަހަޅައިފި އެވެ. 

ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށް އޭނާ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. 

އެހެންވެ، ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާގައި ޕީއެންސީން ހުށަހެޅީ ސަލީމްގެ ނަމެވެ. 

އިދިކޮޅު އެމްޑީޕީން ނައިބު ރައީސްގެ މަގާމަށް ނެރުނީ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދެވެ. 

މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދެން އިންތިހާބު ކުރާނެ ބޭފުޅަކާ މެދު ޕީއެންސީގެ އެތެރޭގައި ބޮޑެތި މަޝްވަރާތަކެއް ހިނގި އެވެ. އެގޮތުން އެ މަގާމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ޝައުގުވެރިކަން އޮތް ކަމަށް އަޑު ފެތުރުނެވެ. 

ނަމަވެސް، ރޭގެ ވަގުތެއްގައި ޕީއެންސީގެ މެންބަރުންގެ މެދުގައި އެއްބަސްވެވިފައިވަނީ ސަލީމް އެ މަގާމަށް ގެންނާށެވެ. 

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް މިއަދު މަޖިލީހުގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އެއީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. 

އެއީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ފަލާހު ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ތާއީދު ކުރެއްވި ލިސްޓުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނެވެ.