ކުރީގެ ރައީސުން އިނާޔަތް ދޫކޮށްލައްވަން ސަލީމް ގޮވާލައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ މިވަގުތު، ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތައް ދޫކޮށްލައްވަން ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ގޮވާލައްވައިފި އެވެ.


ސަރުކާރުގެ ކޭޝްފްލޯ ހަަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަަށްޓަކައި ގާނޫނީ ގޮތުން ލިބެން ޖެހޭ އިސްތިސްނާ ހޯދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ބަހުސްގައި ސަލީމް ވިދާޅުވީ، ދައުލަތުން ދޭ ބޮޑެތި މުސާރަ އާއި އިނާޔަތްތައް ކުޑަކުރަންޖެހޭ ކަމަށެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އެކަން ފަށަން ޖެހޭނީ ކުރީގެ ރައީސުންނާ ހަމައިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަދު ކުޑަކުރުމުގައި އެންމެ ފުރަތަަަމަ ވެސް އަޅުގަނޑު ގޮވާލަން އެބަ، އަޅުގަނޑުމެންގެ ތެރޭގައި ރައީސްކަން ކުރައްވާފައި މި ތިބަ ހަތަރު ބޭފުޅުންނަށް ދޭ ފައިސާ މިހާރުން މިހާރަށް އުނިކޮށްލަން. އަޅުގަނޑުމެންގެ ތެރޭގައި މިތިބަ ރައީސުން ކިރިޔާ ވެސް ގައުމާ ދޭތެރޭގައި އިހުލާސްތެރިކަމެއް ހުރިއްޔާ އެ ބޭފުޅުން އަަމިއްލައަ ށް ވެސް އެބަ ޖެހޭ އެ [ފައިސާ] ދޫކޮށްލަން،" ސަލީމް ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދު އަދި އެންމެ ފަހުން ދައުރު ނިންމެވި އަބްދުﷲ ޔާމީނެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަން ބަޔާންކުރާ ގާނޫނުގައިވާ ގޮތުން ރައީސްކަން އެއް ދައުރު ކުރައްވައިފި ނަމަ ދައުލަތުން މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. ދޭންޖެހެ އެވެ. އެއް ދައުރަށް ވުރެ އިތުރު ނަމަ މަހަކު 75،000ރ. ދޭންޖެހެ އެވެ. އަދި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ހިނގާ ހުރިހާ ހަރަަދަކަށް ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ވެ އެވެ. މީގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި އިޖުތިމާއީ މަސައްކަތެއް ކުރައްވަން އެ ބޭފުޅަކު ބޭނުންފުޅުވެއްޖެ ހިނދެއްގައި އޮފީހާއި މުވައްޒަފުންގެ ހަރަދާއި އެހެނިހެން ކަންކަމަށް 175،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ދޭންޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި ފަނޑިޔާރުންގެ މުސާރަ ވެސް 20،000ރ. އަށް ދަށްކުރަން ސަލީމް މިއަދު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ، އެ ގޮތަށް މުސާރަ އާއި އިނާޔަތް ކުޑަކުރަން އެންމެ ފަސޭހަ ވާނީ ،ހުންނަވާނެ ތަނަކާއި އެހެނިހެން ހަރަދުތައް ދައުލަތުން ހަމަޖައްސައިދީފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަަމަށެވެ.

"ހަރަދު ކުޑަކުރުމުގައި އެންމެ ފުރަތަަަމަ ވެސް އަޅުގަނޑު ގޮވާލަން އެބަ، އަޅުގަނޑުމެންގެ ތެރޭގައި ރައީސްކަން ކުރައްވާފައި މި ތިބަ ހަތަރު ބޭފުޅުންނަށް ދޭ ފައިސާ މިހާރުން މިހާރަށް އުނިކޮށްލަން. އަޅުގަނޑުމެންގެ ތެރޭގައި މިތިބަ ރައީސުން ކިރިޔާ ވެސް ގައުމާ ދޭތެރޭގައި އިހުލާސްތެރިކަމެއް ހުރިއްޔާ އެ ބޭފުޅުން އަަމިއްލައަ ށް ވެސް އެބަ ޖެހޭ އެ [ފައިސާ] ދޫކޮށްލަން،" ސަލީމް ވިދާޅުވި

"ހާއްސަކޮށް އަދި ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުން ކާންދީގެން ބޯންދީގެން، ދައުލަތުން ހުންނާނެ ތަނަކާއި ބޭސްފަރުވާ އާއި މި ހުރިހާ ކަމެއް ކޮށްދީފައި ހުންނަވާ ބޭފުޅެއް. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް ގޮވައިލަން ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުސާރަ އެ މަނިކުފާނު ވެސް ދޫކޮށްލަން،" ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލެ އިން ކުއްޔަށް ތަންތަން ހިފައިގެން އުޅުއްވާ ބޭފުޅުން މި ހާލަތުގައި ވަޑައިގަންނަވަންވީ ރަށަށް ކަމަށާއި މަޖިލިސް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށް ކަމަށް ވާތީ ރަށުގައި ތިއްބަވައިގެން ވެސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އެއްގޮތް. އަނެއް ގޮތަކީ އޮންނަ ކޮންމެ ޖަލްސާ އަކަށް 500.ރ ގެ އެލަވަންސެއް ދިނުން. މިއީ އަޅުގަނޑު ގޮވާލާ ގޮވާލުން،" ސަލީމް ވިދާޅުވި އެވެ.