އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި. -- ފޮޓޯ: އޭއެފްޕީ
05 އެޕްރީލް 2025 - 20:23
ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ހުސާން ކައިރީގައި އިޒްރޭލު ސިފައިންގެ ގަޔަށް ގާ އުކި ކަމަށް ބުނެ ފަލަސްތީނުގެ 17 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލު ސިފައިން ބުނީ ބުރާސްފަތި ދުވަހުގެ ރޭ މަގުމަތިން "ގިނަ އަދަދެއްގެ ޓެރަރިސްޓުން ގާ އުކި" ކަމަށާއި އެއީ އޮޕަރޭޝަން ހިންގަމުން ދިޔަ ސިފައިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެހެންވެ ސިފައިން ރައްދުގައި ބަޑި ޖެހި ކަމަށާއި އެހެންވެ އެކަކު މަރުވެ އެހެން ބައެއް މީހުންގެ ގަޔަށް ވަޒަން އެރި ކަމަށް ބުންޏެވެ.
ހުސާންގެ މޭޔަރު ޖަމާލް ސަބަތީން ވިދާޅުވީ ބައިތުލަހަމްގެ ހުޅަނގުން އޮންނަ އަވަށުގައި އިޒްރޭލު ސިފައިންނަށް ގަލުން ހަމަލާދިނީ ޒުވާނުންތަކެއް ކަމަށާއި އެ ޒުވާނުންނަށް އިޒްރޭލުން ހަމަލާ ދިނީ ބަޑިން ކަމަށެވެ.
"އިޒްރޭލުގެ އަސްކަރިއްޔާއިން ބަޑިޖެހީ. އެކަކު މަރުވި އިރު އަދި އެހެން މީހަކު ޒަހަމްވި. ސިފައިން ވަނީ އެމީހުން ގެންގޮސްފައި. އަދިވެސް ހަވާލެއް ނުކުރޭ،" ސަބަތީން އޭއެފްޕީ އަށް ވިދާޅުވި އެވެ.
ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވެފައިވަނީ ޔޫސުފް ޒައުލް ކިޔާ ކުއްޖެއް ކަމަށެވެ.
އިޒްރޭލު ސިފައިން ޣައްޒާގައި އަލުން ހަމަލާތައް ފަށައި ހާހަކަށް ވުރެ ގިނަ މީހުން ދެ ހަފްތާއެއްހާ ދުވަސް ތެރޭ ޝަހީދުކޮށްލާފައި ވާއިރު ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކުރުން އިތުރުކޮށް ބިން ފޭރުމުގެ އަމަލުތައް ވެސް ކުރިއަށްވުރެ ބޮޑަށް ގެންދަނީ ކުރަމުންނެވެ.
އޮކްޓޫބަރު 2023 ގައި ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ. އޭގެ ފަހުން އިޒްރޭލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ 917 މީހުން އެ ސަރަހައްދުގައި ޝަހީދުކޮށްލާފައި ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކިބަލަ
05 April 2025
ޒަމާނީހަތިޔާރާއެކު ދަނގަނޑު ދަހަނާ އަޅައިގެންތިބޭބަޔަކު ދުނިޔެމަތީ ގައުކޮޅެއްދެކެ މިއޮއް ގަންނަ ބިރަކުން އަލިފާނުގައި އަނދާދުވަހަކުން ހުންނާނެފޯރި.