ފިލްމު 'އަބަދަށް' ގެ ޕޯސްޓަރު
09 އެޕްރީލް 2025 - 17:14
މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ އާ ދިވެހި ފިލްމު 'އަބަދަށް' ގެ ޓިކެޓް ކިޔޫގައި "ފިތިމަރުވެދާނެ" ކަހަލަ ފޯރިއެއް އޮތީ ހިފައިފަ އެވެ. މި މަހުގެ 28 ގައި އޮލިމްޕަހުގައި ދައްކަން ފަށާ ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓް ބުކިން އަށް ދޮރު ހުޅުވާލުމާ އެކު، މިހާރު ވަނީ ވަރަށް ބާރު ބޮޑުވެފަ އެވެ.
"ކޮންމެ ދުވަހަކީ ވެސް މީހުންގެ ޑިމާންޑް އިތުރުވަމުން އަންނަ ދުވަހެއް. ހަމަ ވަރަށް ބާރު ބޮޑުކޮށް މި އުޅެނީ،" ފިލްމުގެ ޕްރޮޑިއުސަރު ހުސެއިން ނުރައްދީން (ނޫރު) ނާސިރު އޭނާގެ ފިލްމުގެ ވިޔަފާރިއާ ބެހޭ ގޮތުން މިއަދު ބުނީ މިހެންނެވެ.
ނޫރު ބުނީ "މާދަމާ އަށް މަޑުކޮށްފި ނަމަ ފިލްމުގެ ފުރަތަމަ ތިން ޝޯ އިން ޓިކެޓް ނުލިބުމުގެ ފުރުސަތު ބޮޑު" ކަމަށެވެ. މާދަމާގެ މެންދުރު ދޭއް ޖަހާއިރު ފުރަތަމަ ތިން ޝޯގެ ޓިކެޓް އޭގެ ހައްގު ފަރާތްތަކަށް ދޫކުރަން ފަށާނެ އޭނާ ބުންޏެވެ.
'އަބަދަށް' ޝޫޓް ކުރުމުގެ މަސައްކަތުގައި
މި ފިލްމުގެ ޕްރިމިއާ ނައިޓް ޓިކެޓް ވިއްކަނީ އާންމުކޮށް ދިވެހި ފިލްމުތަކުގެ ޕްރިމިއާ ނައިޓުތަކަށް ޓިކެޓް ވިއްކާ އުސޫލުން 200ރ. އަށެވެ. އެ އަށް ފަހު، ކޮންމެ ޝޯއަކުން ސީޓެއް ވިއްކަމުން ދާނީ 150ރ. މަގުންނެވެ. މާދަމާ އިން ފެށިގެން ފިލްމުގެ އެހެން ތާރީހުތަކަށް ވެސް ޓިކެޓް ވިއްކަން ފަށާނެ އެވެ. ޓިކެޓް ވިއްކަނީ އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުންނެވެ. ޓިކެޓް ބުކިންގެ ހޮޓްލައިން ނަމްބަރަކީ 7447555 އެވެ.
މިއީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދުގެ ފަސް ވަނަ ފީޗާ ފިލްމެވެ. އޭނާ އަކީ ފިލްމީ ދާއިރާ ބަދަލުކޮށްލި ދިވެހި ފިލްމުތައް ކަމުގައިވާ 'ހޭލާ' އާއި 'ހެޕީ ބާތު ޑޭ' އަދި 'ލޫދިފާ' ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމަ އަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ.
މޫމިންގެ މި ފަހަރުގެ ފިލްމު ވެސް އޮލިމްޕަހަށް މި ގެންނަނީ 'ލޫދިފާ' ފިލްމުގެ ކާމިޔާބީގެ ފަހަތުގައި އޮތް ޓީމާއި އެ ފިލްމުގެ ޕްރޮޑިއުސަރު ނޫރުއާ އެކުގަ އެވެ.
'އަބަދަށް' ޝޫޓް ކުރުމުގެ މަސައްކަތުގައި
މޫމިންގެ މި ފަހަރުގެ ފިލްމުގައި ލީޑު ރޯލު ކުޅެފައި ވަނީ ޒުވާން ބަތަލާ ވާޝިޔާ މުހައްމަދާއި އަހުމަދު ޝާރިފް އެވެ. އަދި ލޮނު ހެޔޮވަރުކޮށްފައި ވަނީ ތަޖުރިބާކާރު 'ޕަވާހައުސް' ދެ އެކްޓަރުން ކަމުގައިވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ކޮޕީ އިސްމާއިލް ރަޝީދުގެ ހުނަރުތަކުންނެވެ. މޫމިންގެ ބައިސްކޯފް ޑްރާމާ 'ގަމިނި' އިން ބްރޭކްއައުޓްވި ބަތަލާ ސޫޒަން އިބްރާހިމްފުޅު ވެސް ފިލްމުގައި މުހިންމު ރޯލެއް އަދާކޮށްފައިވެ އެވެ.
މި ފިލްމުގެ ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ފިލްމީ ދާއިރާގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސް، އޯކޭޒް އިންކް އިންނެވެ. ފިލްމުގެ ސިނެމަޓޯގްރެފީ ބެލެހެއްޓީ ތަޖުރިބާކާރު ސިނަމަޓޯގްރަފާ އިބްރާހިމް ވިސާން (ކަނޑި) އެވެ.
ފިލްމަށް މިއުޒިކް ތައްޔާރުކޮށްފައި ވަނީ އިތުރު ތައާރަފެއް ބޭނުން ނުވާ މުހައްމަދު އިކްރާމް އެވެ. ފިލްމުގެ ސްޕެޝަލް މޭކަޕް އާޓިސްޓަކީ އިބްރާހިމް ހަސަން (ކްރިސް) އެވެ.
'އަބަދަށް' ޝޫޓް ކުރަނީ
މޫމިން ބުނެފައި ވަނީ 'އަބަދަށް' އަކީ ހަމަ ކޮންމެ ދިވެހި އާއިލާއެއްގެ ވެސް ވާހަކަ ކަމަށެވެ.
"ވަކިން ހާއްސަކޮށް މާލޭގެ މީހުންނަށް ނުވަތަ މާލޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ މައްސަލަތަކެއް ފިލްމުގައި ދައްކުވައިދެނީ. މި މައްސަލަތަކަކީ ޖެހިގެން ހުރި ގޭގައި ނުވަތަ ޖެހިގެން ހުރިހާ މީހާގެ ދިރިއުޅުމުގައި ވެސް އޮތް މައްސަލައެއް،" ފިލްމުގައި އަލިއަޅުވައިދޭ މުޖުތަމައުގެ ބޮޑެތި މައްސަލަތަކާ ބެހޭ ގޮތުން މޫމިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރޭ އައްޕަ
13 April 2025
ވާޝިޔާ އުޅެންޏާ ސަޅިވާނެ. ފަހުގެ އެކްޓަރުންތެރޭން ހަމަ ބެސްޓު.
މާހިލް
10 April 2025
މަރިޔަމް ނިޝާ އުޅޭނަމަ ދާނަން ތި ފިލްމަށް
ޝެލަރީ
10 April 2025
ފިތެނީއޭ މޮޔަގޮވަނީތަ އެހެންވެތާ ދުނިޔޭ މައްޝްހޫރު ސްޓާރުން އޮލިން ޕަސްކުރަތީ ކިއުހަދައިގެން އެތިބީ
ޑރ ވާންޗޯ
09 April 2025
އަބަދުގެ އަބަދަށް ސުންގަޑި ހަމަވިޔަސް އޯކޭ!!!!
ފިލްމު ރަދީފު
09 April 2025
ދިވެހި ފިލްމީ ދާއިރާ އަށް ކުރިއެރުމާއި ތަރައްގީ ގެނެސްދިނުމަށް މޫމިން އާއި ނޫރައްދީނު ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް. މި ފިލްމު ބަލަން އަޅުގަނޑު ވެސް ދާނަން.