ކެބިނެޓު ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު އަދި ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ރައީސް އޮފީސް
13 އެޕްރީލް 2025 - 10:47
ވަކި އުމުރެއްގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ކެބިނެޓުގެ ބައްދަލުވުން ފެށުމުގެ ކުރިން، ރައީސް އޮފީހުން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯގައި ރައީސް ވިދާޅުވީ، ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް 2022 ވަނަ އަހަރު ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާގޮތުން ކަމަށެވެ.
ރާއްޖޭގައި 84 ޕަސެންޓު މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ ހަތަރު އަހަރު ކުރިން 2021 ވަނަ އަހަރު ހެދި ގައިންގަޔަށް ނާރާ ބަލިތަކުގެ ސާވޭތައް ދައްކާގޮތުން އުމުރުން 15-29 އަހަރާ ދެމެދުގެ 21.8 ޕަސެންޓު ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ.
ގްލޯބަލް ޔޫތު ސާވޭގައި ބައިވެރިވި ކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިންނަކީ ދުންފަތުގެ ކޮންމެ ވެސް ބާވަތެއް ބޭނުންކުރާ ކުދިންކަން ދައްކާފައިވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
"މިއީ ވަރަށް ސީރިއަސްކޮށް، ރާއްޖެ ކަހަލަ ކުޑަ އާބާދީއެއްގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. ރާއްޖޭގެ އާބާދީއަކީ މި ވަގުތު 411،741 ދިވެހީންގެ ތެރެއިން 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައި ތިބި، މިހާތަނަށް މަރުވެފައި ތިބި މީހުން އުނިކޮށްފައި ބަލާއިރު އެ އަދަދަކީ 124،002 މީހުން. މިއީ ރާއްޖޭގައި މި ވަގުތު އާބާދީގެ 30.1 އިންސައްތަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ޒުވާނުންނާއި މުޅި ޖުމްލަކޮށް އަޅުގަނޑުމެންގެ އާބާދީ ދުންފަތުގެ އިސްތިއުމާލުކުރުމުން މި ޖެހޭ، ގައިންގަޔަށް ނާރާ ބަލިތައް އޭގެ ތެރޭގައި ކެންސަރު ބައްޔާއި ހިތުގެ ބައްޔާ މިހެން ގޮސް އެކި ކަހަލަ ބަލިތައް. މި ބަލިތަކުން ސަލާމަތްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން، ސަރުކާރުން އެންމެންނާ ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން."
ރައީސް ވިދާޅުވީ ޖެނެރޭޝަން ބޭންއެއް ގެނައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެކަމާ ގުޅިގެން ކަމާގުޅުން ހުރި ފަރާތްތަކުގެ ހިޔާލު ހޯދާފައިވާ ކަމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ގެންނަ ޖެނެރޭޝަން ބޭންއާ މެދު ކެބިނެޓުގައި މަޝްވަރާކޮށް މިއަދު ގޮތެއް ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ޖެނެރޭޝަން ބޭން ގައުމަށް ތިން އިހުތިޔާރަކާ އެކު، ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާއްމުންގެ ހިޔާލަށް ދޫކޮށްލައްވައިފަ އެވެ. އެއީ؛
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން
ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކުގެ ޕޯލްގެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ހަމަވިއިރު އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.
ގާނޫނުގައި މިހާރު އޮންނަނީ އުމުރުން 21 އަހަރުން މަތީގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކޭ ގޮތަށެވެ. ޖެނެރޭޝަން ބޭން ގެނެސްފި ނަމަ އެ އަހަރަކުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ އެވެ.
ޖެނެރޭޝަން ބޭންގެ މަޝްވަރާތައް ފެށިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
13 April 2025
ޖެނެރޭސަން ބެންއޭ ކިޔާނެ ކަމެއް ނެތް! ބާކީ 3 އަހަރާއި 6 މަސް! ތިޔަށް ދެން ލާނެ ވޯޓެއް ނެތް! އަހަރުމެން ބިޑި އަނބުރުވަން ޖެއްސުން ގަބޫލެއް ނުކުރާނަށް!
އަހްމަދު ސަނީހް
13 April 2025
ވަރަށް ރަނގަޅު ނިންމުމެއް.
ޢަމްޖޭ
13 April 2025
ދުންފަތާ ގުޅޭ ކިތަންމެ މަނާ ކަމެއް މިހާރުވެސް އެބަހުއްޓެއްނޫންތޯ؟ ވަކިން ސިގިރޭޓް ވިއްކުމާ، ދިވެހި ލޭބަލް ނުޖެހުމާ، އެކި ގައުމުތަކުން ވަގަށް ގެނެސް ޓެކްސް ނުދައްކާ އާންމުކޮށް ފެންނަ ގޮތައް ވިއްކުމާ، މިކަހަލަ ކިތައްމެ ކަމެއް.... ގައިމުވެސް ޓަންފީޒް ނުކުރެވޭ ކަމެއްކަން ސާފު މިހާރުވެސް
ނާދިރު
13 April 2025
" ވަކި އުމުރެއްގެ ފަހުން އުފަންވާ ކުދިން " ނަށް... އެ އުމުރު ހަމަވަންދެން އެކުދިން ތިބީ ކޮންތާކުބާ؟
ބޮކި
13 April 2025
ކޮބާތަ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ކަންތަށް . އެކަން ތަންފީޒު ވޭތޯ ބަލާބަލަ........
ދޭހިލޭ
13 April 2025
އާންމު ޕާކުތަކުގައި ސިގިރޭޓް ބުއިން މަނާކޮށްދެއްވާ. ކުޑަކުދިން ގޮވައިގެން ޕާކަށް ދާއިރު އެތަންތަން ހީވަނީ ދުންބޯޓެއްހެން.
ސާޖިދާ
13 April 2025
އެންމެ ފުރަތަމަ ކެބިނެޓް މިނިސްޓަރުންނާއި އަދި ހުރިހާ ސިޔާސީ ބޭފުޅުންނަށް ބޭން ކޮށްލައްވާ. ދެން އޭގެ ނަތީޖާ އަށް ބެއްލެވުމައްފަހު އާއްމު ރައްޔިތުންނާ ހަމަޔަށް ތިޔަބޭން އަންނަން ވާނީ.
އިންޑިވިޖުއަލް ލިބަޓީ
13 April 2025
ރައްޔިތުންގެ މިނިވަންކަން ނަގާލުމަކީ ދުވަހަކުވެސް މާފު ކުރެވޭނެ ކުށެއްނޫން. އެއީ ދައުލަތަށް ގާނޫނޫ އަސާސީއިން ލިބިދޭ ހައްޤެއްވެސް ނޫން.
އަސް
13 April 2025
ހޮޅި ކަންކަން ތީ
އަހަރެން
13 April 2025
މަސްތުވާތަކެތިވެސް ބޭންކޮއްބަލަ! ކޮންމެވެސްގޮތަކަށް އެތެރެވާނީ! މަތިން ތިރިއަށް އެކަމުގައިވެސް އެބައުޅޭ