ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ވޭޕްތަކެއް.-- ފޮޓޯ: ޕޮލިސް
21 މެއި 2025 - 14:04
ރާއްޖޭގައި ވޭޕް މަނާކުރުމުގައި ހެޔޮ ނަތީޖާތައް ފެންނަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭން ގެނައުމުގެ ގާނޫނުގެ އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ގެންގުޅުން މަނާކުރުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
ވޭޕް ބޭނުން ކުރުމާ ދުރަށް ދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ގައިމުވެސް ހޮސްޕިޓަލުތަކުގައި ރެސްޕިރޭޓަރީ ޑިޒީޒްތައް، މިކަމާ ގުޅިގެން އަންނަވަރު ހަމަ ޔަގީނުން ވެސް އިފެކްޓު ކުރަމުންދޭ، ޕޮޒިޓިވް އިފެކްޓް،" އެމަނިކުފާނު ވިދާޅުވި އެވެ.
ޖެނެރޭޝަން ބޭން ގެނައުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ދައްކާލައްވަނީ.-- ފޮޓޯ: ރައީސް ފޮޓޯ
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މުޅި އުމުރަށް މަނާވާނެ އެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރު 1 އިން ފެށިގެންނެވެ. އަދި އެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ.
ރައީސް ވިދާޅުވީ އެފަދަ ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ ވަކި ބަޔަކު ކުށްވެރިކުރުން ނޫން ކަމަށެވެ. އަދި ހޭލުންތެރި ކުރުވައިގެން މީހުން އަމިއްލައަށް ދުންފަތުން ސަލާމަތްވުމަކީ ޖެނެރޭޝަން ބޭން އަދި ވޭޕް މަނާކުރުމުގެ އެންމެ މުހިއްމު އެއް މަގުސަދު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދުންފަތުން ސަލާމަތްވުމަށް ބޭނުންވާ ސިޒޭޝަން ކްލިނިކްގެ ހިދުމަތް ވެސް މުޅި ރާއްޖެއަށް ފުޅާކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ރައީސް ވިދާޅުވީ އެ ތަންތަން ގާއިމްކުރަން ހެލްތު މިނިސްޓްރީއަށް ހާއްސަ ބަޖެޓެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުއުމާން
22 May 2025
ތި ވޭޕް ނުބޮވިގެން މިހާރު އުޅެނީ ހަމައެކަނި އެމްޑީޕީއިން.
ބަރަވެލި
22 May 2025
ހެޔޮވާނީ ކިހިނެތްތޯ މިވަރު އޮޅުވާލުން އޮޅުވާލަން. ހޮސްޕިޓަލަށް ބަލިމީހުން އަންނަ މިންވަރުގެ ޑޭޓާއެއް ރައީސާ ހިއްސާވެސް އަދި ނުކުރާނެއެވެ. އެެހެން ނޫނަސް މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި ސީދާ ތިކަމާ ގުޅޭ އިމްޕެކެޓެއް ދެނެވެސްނުގަނެވޭނެއެވެ،
ކަރަވެލި
22 May 2025
ބަރަވެއްޔަށް އެއީ އޮޅުވާލުމެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ކުޑަ މުއްދަތެއްގެ ތެރޭގައި އަންނަ އިމްޕެކެޓް ދެނެ ނުގަނެވޭނެކަންވެސް އެއީ ކަލެޔަށް ހީވާ ކަމެއް ނޫން ހެއްޔެވެ؟ ޙަޤީޤަތަކީ އިމްޕެކެޓް ދެނެ ނުގަނެވޭނެއޭ ކަލޭ ތިޔަބުނާ ބުނުމަކީވެސް އޮޅުވާލުމެކެވެ. ސަބަބަކީ އެފަދަ ހޯދުމެއް ހޯދަން އުޅުނަސް ކަލެޔަކަށް ނުހޯދޭނެއެވެ. އޮޅުވާލުމޭ ފާފަޅޮލޭ ތިޔަނީ ހީވާ އެއްޗެއްގެ މައްޗަށް ބިނާކޮށެވެ.
މުހައިމިންް
22 May 2025
އަހަރުން ބޭނުންވަނީ މިކަހަލަ ހެޔޮ ވެރިއެއް. ގައުމާއި ދޭތެރޭ ވިސްނާ ވެރިއެއް
ލާމިއު
22 May 2025
ގެއްލެމުން ދިޔަ ޒުވާނުން އަނބުރާ މުޖުތަމައުއަށް އަންނަން ކޮށާލި މަގެއް
ނާހިލް ނައީމް
22 May 2025
ރައީސް ތި ސަލާމަތް ކުރެއްވީ ފިއުޗަރ ޖެނެރޭޝަން
ރާހިލް ރަޝީދު
22 May 2025
ރަނގަޅު ވާކަކައެއް. މިހާރު ނުފެނޭ ވޭޕް ޖަހައިގެން އުޅޭ ބަޔަކު
އަލްސަންް
22 May 2025
ޝުކުރިއްޔާ ރައީސް މުއިއްޒު. ތިއީ އަހަރެމެން ނުބައި ވަބާއަކުން ސަލާމަތްކޮށްދެއްވި އަހަރެމެންގެ ސޭވިއާ.
ރާއިމާ ރަޝީދް
22 May 2025
ހަރުދަނާ ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމުގެ ބިންގާ އެޅުއްވި ރައީސަކީ ތިއީ
ވިސާމާާ
22 May 2025
ރައީސަކު މިފަދަ ނިންމުމެއް ނިންމާނެ ކަމަށް ދުވަހަކުވެސް އުންމީދެއް ނުކުރަން. އެކަމަކު މިޔަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޖީލެއް ސަލާމަތްކޮށްދެވި ވެރިޔަކީ ރައީސް މުއިއްޒުކަން.
އިޒްޔާންް
22 May 2025
އަހަރެމެން ޒުވާނުންނަށް ރައީސް ރައީސް ތި ދެއްވީ އައު ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގަ ހިފާނަން.