ދުޅަހެޔޮ ޖީލަކަށް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތައް ބަލައިގަތީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. އެ ނިންމުންތަކަށް މަރުހަބާ ކިޔައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ އަހަރު ހާއްސަ އެވޯޑެއް ވެސް އަރުވައިފަ އެވެ. އެއީ ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅަން ފެށި ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ޖެނެރޭޝަން ބޭން އަދި ވޭޕް މަނާކުރުމާ އެކު އޭރު އެޅި ވަރުގަދަ އަނެއް ފިޔަވަޅަކީ ދުންފަތުގެ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް ދުންފަތުން މީހުން ދުރުކުރުވުމެވެ. އެކަމަކު، އެންމެ ހަރުކަށި ފިޔަވަޅުތަކުގައި މާ ގިނަ އަހަރަކު ކުރިއަކަށް ނުދިޔަ އެވެ. ސިއްހީ ދާއިރާއިން އެދެވޭ ނަތީޖާއެއް ފެނުމުގެ ކުރިން ވަކި ހިސާބަކުން އޭގެ ތެރެއިން ބައެއް ކަންކަމަށް ބަދަލުތައް ގެންނަން މަޖުބޫރުވީ އެވެ.
ދުންފަތުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަކީ އެޗްޕީއޭ އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އެދެމުން ދިޔަ ބަދަލެކެވެ. އެކަން ގަބޫލުކޮށް ސަރުކާރުން ވަނީ ނޮވެމްބަރު، 2024 ގައި ދުންފަތުގެ އިމްޕޯޓް ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ.
ނަމަވެސް، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު ބޮޑުކުރުމަށް ފަހު، ޑަބްލިއުއެޗްއޯގެ ލަފާ ލިބިގެން ކަމަށް ބުނެ އެ އަދަދު ކުޑަކޮށް އަދި އަމިއްލަ ބޭނުންތަކަށް ވަކި ވަރަކަށް ސިނގިރޭޓު އެތެރެކުރެވޭ ގޮތަށް މި ފަހުން ގެނައި ބަދަލަކީ ބަލިތަކުން އާއްމުން ދުރުކުރުވަން މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ހިތްވަރު އެލުވައިލި ކަމެކެވެ.
އެއާއެކު، ދުންފަތް ބޭނުންކުރާ މީހުން މަދުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ މެދު އުފައްދާ ސުވާލުތައް ގިނަ އެވެ.
ޓޮބޭކޯ ކޮންޓްރޯލް ބޯޑުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ އަދި ޕަބްލިކް ހެލްތު އެޑްވޮކޭޓު، އަހުމަދު އަފްއާލް ވިދާޅުވީ ދުންފަތުން މީހުން ދުރުކުރުވުމުގައި ވަރަށް މުހިއްމު އަދި ތައުރީފު ހައްގު ފިޔަވަޅުތަކެއް ސަރުކާރުން އެޅި ކަމަށެވެ. އޭގެ ތެރެއިން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމާއި ވޭޕް މަނާކުރުން ހިމެނެ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ހޯދަން އެ ފިޔަވަޅުތަކާ އެކު ކުރިއަށް ދިއުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް. ނަމަވެސް، އެ ފިޔަވަޅުތަކުގެ ފުރިހަމަ ދިގު މުއްދަތުގެ ފައިދާ ލިބުމަށްޓަކައި އެކަށީގެންވާ އަގުތަކާއި ޓެކްސް ނެގުމާއި އެތެރެކުރުން ކޮންޓްރޯލް ކުރުމާއި އަދި ސައިންސްގެ ހެކީގެ މައްޗަށް ބިނާވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ އެހެނިހެން ފިޔަވަޅުތަކުގެ އެހީތެރިކަން މިކަމަށް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އަމިއްލަ ބޭނުމަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އިނާޔަތް ދެނީ ވަރަށް މަދުން ނޫނީ ވަރަށް ހަރުކަށިކޮށް ކޮންޓްރޯލް ކޮށްގެންނެވެ. އެއާ އެކު، ޓެކްސް ނެގުމާއި އަގާ ގުޅުން ހުރި ފިޔަވަޅުތަކަށް އެއްވެސް ބަދަލެއް ގެނެސް ދޫކޮށްލުމަކީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށް، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ އަފްއާލް ގަބޫލުކުރައްވަ އެވެ.
"ދުންފަތް ލިބޭނެ މަގުތައް މަދުކުރުމާއި ދުންފަތަށް އޮންނަ ޑިމާންޑު ކުޑަކުރުމުގެ ފިޔަވަޅުތަކަކީ ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެއް. އެންމެ ރަނގަޅު ނަތީޖާ ފެންނާނީ އެ ދެ ބައި އެކުގައި ތަންފީޒުކުރުމުން ކަން ހެކިތަކުން ޔަގީންވޭ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ތައާރަފު ކޮށްފައިވާ އެއްވެސް ފިޔަވަޅެއް އުވާލައި ފަހަތަށް ޖެހުމަކީ، ޓެކްނިކަލް އަދި ޕަބްލިކް ހެލްތުގެ ނަޒަރުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
"ދުންފަތް އުފައްދާ ފަރާތްތަކާއި އެއާ ގުޅުން ހުރި ސިނާއަތްތަކުން މިފަދަ ފިޔަވަޅުތައް އުވާލުމަށް ނުވަތަ ލުއިކުރުމަށް ސަރުކާރުތަކަށް ޕްރެޝަރު ކުރާނެ. ނަމަވެސް، ވިޔަފާރި އާއި ގަވާއިދުތައް ހެދުމުގައި އާއްމު ސިއްހަތު ރައްކާތެރި ކުރުމަށް އިސްކަންދިނުމަކީ އެންމެ އިސް އަމާޒުކަމުގައި ވާންޖެހޭނެ،" ދުންފަތާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ އަފްއާލް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ކާމިޔާބީ ބިނާވަނީ އެންމެ ފިޔަވަޅެއްގެ މައްޗަކަށް ނޫން ކަމަށާއި އެއާ ގުޅުން ހުރި އެހެން މަސައްކަތްތައް ވެސް ކުރަންޖެހޭ ކަމަށް އަފްއާލް ވިދާޅުވި އެވެ
"ފަހަތަށް ޖެހުމުގެ ބަދަލުގައި މިހާރު ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށް އިތުރަށް ބިނާކޮށް ކުރިއަށް ދާން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން ވޭޕް މަނާކުރުމާއި ދުންފަތާ ދެކޮޅަށް އަބަދުވެސް އަޑުހަރުކޮަށް ވަކާލާތުކުރާ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން ޖުވޭރިޔާ ސައީދު (ޖުވޭ) ވިދާޅުވީ ދުންފަތުގެ ގެއްލުންތަކުން ކުޑަކުދިންނާއި ޒުވާނުން ރައްކާތެރިކުރަން، ޖީލުތަކަށް އަމާޒުކޮށްގެން ދުންފަތް މަނާކުރުމަކީ މަރުހަބާ ކިޔާ ނިންމުމެއް ކަމަށެވެ.
ނަމަވެސް، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކާއި ނިންމުންތައް އަވަސް އަވަހަށް ނުވަތަ ކުއްލި ކުއްލިއަށް ބަދަލުވުމަކީ، މިފަދަ މުހިއްމު ފިޔަވަޅުތަކަށް އާންމުން ކުރާ އިތުބާރު ކުޑަވެގެން ދިއުމުގެ ފުރުސަތު އޮތް ކަމަކަށް ވާތީ ޖުވޭ ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ދުންފަތް ކޮންޓްރޯލް ކުރުމުގައި ގެންގުޅެނީ އެދެވޭ ނަތީޖާއެއް ނެރުވޭނެ ސިޔާސަތުތަކަކަށް ހެދުމަށްޓަކައި، އެ ސިޔާސަތުތައް ސާފުކޮށް އާންމުންނަށް އަންގައިދީ އަދި ރަނގަޅަށް ތަންފީޒު ކުރެވެން ޖެހޭ. އޭގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމާއި ގާނޫނުތައް ހެދުމާއި އިޖުތިމާއީ ފެންވަރުގައި އެކަންކަން ތަންފީޒުކޮށް ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް އޮންނަންޖެހޭ،" ޖުވޭ ވިދާޅުވި އެވެ.
ކެންސަރު ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން، ދުންފަތާ ދުރު އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އާއްމުން ހޭލުންތެރިކުރަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގައި އެ ޖަމިއްޔާއިން އަބަދު ވެސް މަސައްކަތްކުރާނެ ކަމަށް ޖުވޭ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ދުންފަތާ ދެކޮޅަށް މި ފަހުން ސަރުކާރުން ގެނައި ބަދަލުތަކާ މެދު، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެޗްޕީއޭގެ މުވައްޒަފުންނާއި ޑޮކްޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، ސަރުކާރުގެ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ. އެއީ ސިއްހަތަށް ވެސް ބޮޑު ގެއްލުމެއް ލިބޭ ކަމަކަށް ވާތީ ސަރުކާރުން އަމާޒު ހިފާފައިވަނީ އެކަން ރާއްޖެއިން އެއްކޮށް ނައްތާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެނެރޭޝަން ބޭންއަކީ އެ މަގުސަދު ހާސިލްވާނެ ކަމެއްކަން މުންދު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މި ފަހުން ސިޔާސަތުތަކަށް ބަދަލު ގެނައީ އާއްމުންނަށް ލިބޭ ގެއްލުން ކުޑަކުރާށެވެ.
"އޭރު ވަކި އަދަދުތަކެއް ކަނޑައަޅައި ވަކި އިންސައްތައެއް ކަނޑައަޅައިގެން ޑިއުޓީއެއް ކަނޑައެޅީ. ހެޔޮ ނިޔަތުގައި މަގުސަދަކަށް ވީ އޭރު މީހުން ދުންފަތާ ދުރުވާނީއޭ، އެ ހިސާބުން އަދަދު މަދުވާނީއޭ. އެކަމަކު، އަދަދު މަދުވިއިރު އަޅުގަނޑުމެންގެ ހެލްތު ދާއިރާގެ ހުރިހާ ބޭފުޅުންނާ ވެސް ފާހަގަކުރެވުނީ އަދި ރިޕޯޓެއްގައި ވެސް އެބައޮތް އަޅުގަނޑުމެންނަށް ބޭރުން ވެސް އެކަމުގެ ސަމާލުކަން އައިސްފައި،" މުންދު ވިދާޅުވި އެވެ.
"ސިނގިރޭޓު ބޯ މީހުން މި ބަދަލުކުރަނީ އޮޅައިގެން[ބޯ ސިނގިރޭޓަށް]، ދިވެހިން ބުނަންޏާ ބިޑިއަށް މި ބަދަލުކުރަނީ. އެއީ އަސްލު މާ ނުރައްކާ އެއްޗެއް. އެއީ ސިނގިރޭޓުގެ އަގު ވަކި ވަރަކަށް ބޮޑުވީމަ އެއާ ދުރަށް ދިއުމުގެ ބަދަލުގައި ބައެއް މީހުން އެ ހެބިޓު ބަދަލުކުރުމުގެ ބަދަލުގައި ބައެއް މީހުން ބިޑި އޮޅަނީ. އޭގެ ސިއްހީ ގެއްލުން މާ ބޮޑު އަދި. އޭތި މި ރިވައިސްކުރީ، ސިމްޕަލް ކަމެއްގައި ހަމަ، އެންމެ ބޭނުމެއްގައި، އެއީ އޭރުން މި ދެންނެވި ހާމްއިން ކުޑަކުރުމަށްޓަކައި."
ރާއްޖޭގައި 80 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ނޫނީ ކޮންޓްރޯލް ކުރެވިދާނެ ހާލަތެއްގައި ކަން ސާފުކޮށް އެނގެ އެވެ. އެކަމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެކައްޗަކީ ސިނގިރޭޓެވެ. ނަމަވެސް، އެ ބަލިތަކުން އާއްމުން ރައްކާތެރިކޮށްދިނުމުގެ ބަދަލުގައި މި ފެނުނީ ދުންފަތް ބޭނުންކުރަން ހުޅުވައިދިން އިތުރު ދޮރެކެވެ.