އުރީދޫގެ "ލިވް އަންލިމިޓަޑް" ކެމްޕެއިން ލޯންޗުކުރުމަށް މިދިޔަ ހަފްތާގައި އޮތް ނޫސްވެރިންގެ ބައްދަލުވުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 އެޕްރީލް 2025 - 14:48
އުރީދޫން މިއަހަރު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިނުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ދޭނެ އެވެ. އަދި އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ހައްޖު ދަތުރެކެވެ. އެއީ ނަސީބުވެރި އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި އުރީދޫ މިހާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރުކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ.
އުރީދޫގެ އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހަށް ހާއްސަކޮށް ލޯންޗުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާއެކު ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވެގެން ދިއުން ކަމަށް ބުންޏެވެ.
އުރީދޫން މިއަހަރުގެ އޮގަސްޓު މަހު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޯންޗުކުރި ކެމްޕެއިންގެ ދަށުން އިތުރު އޮފާތަކާއި ޕްރޮމޯޝަންތައް އަދި ހަރަކާތްތައް ވަނީ ރާވައިފަ އެވެ. އެގޮތުން އޮގަސްޓު މަހުގެ ނިޔަލަށް އެކި ހަރަކާތްތައް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy