އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: އޭނާ ވިދާޅުވީ ބިލަށް ބަދަލު ގެނެސްފައި އޮތީ މަގްސަދު ހާސިލް ނުވާ ގޮތަށް ކަމަށް -- ފޮޓޯ: މަޖިލިސް
15 އެޕްރީލް 2025 - 10:33
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަންދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައީ އެކަމާ ގުޅޭ ގޮތުން ހުށަހެޅި ބިލުގެ މަގްސަދު ހާސިލް ނުވާ ގޮތަށް ކަމަށް އެ ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މީކާއިލް ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު އެވެ.
ބިލު ހުށަހެޅިއިރު ބިލުގައި އޮތީ އެހެން ގައުމުތަކުގެ ޕާސްޕޯޓު ގެންގުޅޭ އިޒްރޭލުގެ މީހުންނަށް ވެސް ރާއްޖެ އެތެރެނުވެވޭނެ ގޮތަށް، ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުން ވެސް އެތެރެކުރުން މަނާކުރަން ހިމަނައިފަ އެވެ.
ބިލު ހުށަހެޅިތާ 300 އަށް ވުރެ ގިނަ ދުވަސް ފަހުން، ބިލު ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީއިން ބިލް ފާސްކުރީ، ހަމައެކަނި އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުންނަށް އެކަނި ރާއްޖެ އެތެރެވުން މަނާވާ ގޮތަށެވެ.
މި ގޮތަށް ބަދަލު ގެނައުމުން އިޒްރޭލު ޕާސްޕޯޓާ އެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އެވެ.
އިމިގްރޭޝަނުން ހުށަހެޅީ އިޒްރޭލު މީހުންނަށް ވެސް އެހެން ގައުމެއްގެ ޕާސްޕޯޓް އޮތް ނަމަ އެތެރެވެވޭ ގޮތަށް https://t.co/negmIOzqaH
— Mihaaru (@Mihaarunews) April 14, 2025
ބިލު ފާސްކުރަން މިއަދު ތަޅުމަށް ފޮނުވާފައިވާއިރު، ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ކޮމިޓީން ބިލު ފާސްކޮށްފައި އޮތީ ބިލު ހުށަހެޅި މަގްސަދާ ހިލާފަށް، މަޖިލީހުން އަވަސް އަރުވާލައިގެން ކަމަށެވެ.
މިއީ ސަރުކާރަށް ރައްޔިތުންނާއި އެހެން ފަރާތްތަކުގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރުން ނެއްޓުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ.
"ކޮމިޓީ ރިޕޯޓުން މި ބުނަނީ މަރުހަބާއޭ، މަރުހަބާއޭ އަންނާށޭ. އެކަމަކު އަންނަންވާނީ ތިބޭފުޅުން ގެންގުޅުއްވާ އަނެއް ޕާސްޕޯޓުގައޭ، އޭގައި އެތެރެވިޔަސް އެންމެ ރަނގަޅޭ،" މީކާއިލް ވިދާޅުވި އެވެ.
ބިލު އިސްލާހުކޮށްފައި އޮތް ގޮތުން އަނެއް ކަންބޮޑުވުމަކީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވޭވެނެ ގޮތަށް ހިމެނުން ކަމަށާއި، ހަމަލާތައް ހުއްޓާލައިފިކަމަށް ބަލާނީ ކޮން ހަމައަކުން ކަމެއް ބަލާނެ ގޮތެއް އެނގެން ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ.
"ކާކުތޯ ކަނޑައަޅަނީ ލާއިންސާނީ ހަމަލާ ދެމުން ގެންދާކަން. އ.ދ އިންތޯ ކަނޑައަޅަނީ މި ރައްޔިތުންގެ މަޖިލީހުންތޯ ކަނޑައަޅަނީ، [ރައީސް] ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުންތޯ ކަނޑައަޅަނީ،" މީކާއިލް ވިދާޅުވި އެވެ.
ލާއިންސާނީ އަމަލުތައް ހުއްޓަން ދެން އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި https://t.co/IRvAz33O1n
— Mihaaru (@Mihaarunews) April 14, 2025
މިހާ ފުޅާކޮށް ގާނޫނެއްގައި މުއްދަތެއް ހިމަނާއިރު، މި ކަން ކަނޑައަޅާނެ ގޮތެއް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.
އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށް ބިލުގައި އޮތް މާއްދާ އުނިކުރީ، ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހެއް ކަން ބެލޭނެ ގޮތެއް ނޯންނާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ކޮމިޓީގައި ބުނުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ީެުެުުެ
16 April 2025
ހަމަލާތައް ހުއްޓަންދެން…؟؟
އިހްސާސް
16 April 2025
މީއްކޮމެން އަދި ޅަވާނެ. ޑުއަލް ސިޓިޒެންޝިޕް އޮތްކަން އެނގޭނެ ގޮތެއް ބުނެލަދީބަލަ؟
ވިލް
16 April 2025
ކަލޯ ކަނޑު މެދުން ގެވަޅު ދިނީމަ މަގުސަދު ހާސިލު ވޭތަ؟
އަދާލަތު
16 April 2025
އެމްޑީޕީއަށް، އެމްޑިޕީ މީހަކަށް ރަނގަޅަށް ކަމެއްކުރެވޭސަރުކާރެއް، އެމީހުންނޫން އެހެންމީހަކުވެސް ނާންނާނެ.
އަމާންދީދީ
15 April 2025
ތިހާ ކުރަން ބޭނުންކަމެއް ކީއްވެތަ މީކާލު ޕާޓީގެ ވެރިކަމުގަ ނުކުރީ. މޮޅު ވާހަކަ ދައްކަނީ.
ނަސީމެބސް
15 April 2025
މީނަ މިބުނާ ގޮތުން ދެން ޖެހޭނީ އިނގިރޭސިންނާއި އެމެރިކާނުންގެ ޕާސްޕޯޓު މަނާ ކުރަން. އެގައުމުތަކުން ވެސް ދިވެހި ޕާސްޕޯޓު މަނާ ކުރާނެތާ؟ މިމީހުންގެ ޢާއިލާ އުޅެނީ އެތަންތަނުގައި ... ދެން ވަރަށް ފޯރި ހުންނާނެތާދޯ؟
ޑައިޖިން
15 April 2025
ކަލޭމެނަށް ރަގަޅަށް އެއްވެސް ސަރުކާރަކުން ދުވަހަކުވެސް ކަމެއްކުރިތަ؟ ދެން ކަލޭމެން ވެރިކަމަށް އައިސްފައި ތިޔަވަރުވެސް ނުވިދޯ؟ ނުވިތާކަށް އިޒްރޭލާއި އެއްކޮޅަށް ވޯޓު ދިނީވެސް، އިޒްރޭލުގެ ލޮލުގެ ޑޮންޓަރުން ގެންނަން އުޅުނީވެސް، އަދި އިޒްރޭލުގެ ދަނޑުހައްދާ މީހުން ގެންނަށް އުޅުނީވެސް ކަލޭމެން އަންނިގެ ވެރިކަމުގަ ދޯ؟
އާދިލް ސަލީމް
15 April 2025
އަހަންނަކީވެސް އެމްޑީޕީ މީހެއް. އެކަމަކު ސަރުކާރުން މިކަން ކުރި ގޮތަ ހަމަ ރަނގަޅު. އަދި މިއަދުން ފެށިގެން އެމްޑީޕީއަށް ތާއިދު ނުކޮށް ސަރުކާރަށް ވަކިން ހާއްސަކޮށް ރައީސް މުއިއްޒްއަށް ތާއިދު ކުރަން ނިންމައިފިން
އައްޒާން ޝާރީފް
15 April 2025
މިމީހުން މިކަން ސަރުކާރުން ނުކުރާނެ ކަމަށް ހީކޮށްގެން ތިއްބާ މިކަން ސަރުކާރުން ކުރީމަ ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން މިހާރު އުޅޭތަން މިފެންނަނީ
އާސިމް ރިޒާ
15 April 2025
ހަހަހަހަ. މިކަން މިހާ ރަނގަޅަށް ސަރުކާރުން ކުރީމަ މީނަ ދައްކާ ވާހަކަ ނިކަން ރައްޔިތުން ދެކި ބަލަ. އެމްޑީޕީ ލަދު ގަންނަންވާނެ މިގޮތަށް ވާހަކަ ދައްކަން.