އިޒްރޭލްގެ ޕާސްޕޯޓް ގެންގުޅޭ އެންމެން ރާއްޖެ އައުން މަނާކުރުމުގެ ބަދަލުގައި ތާއީދު ކުރަނީ އިޒްރޭލް ވެރިންނާއި ސިފައިން ރާއްޖެ އައުން މަނާ ކުރުމަށް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ބުނެފި އެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މިއަދު ބައްދަލުވުމުގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ، އެ ޖަމްއިއްޔާގެ މެންބަރުންގެ ހިޔާލު ހުރީ ވަކި ބަޔަކަށް އަމާޒުކޮށްގެން ޕާސްޕޯޓް ކުރަން ކަމަށެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ވެސް އޮތީ ރާއްޖެ ބޮއިކޮޓް ކޮށްފައި ކަމަށާއި އެހެންވެ، އިޒްރޭލްގެ މާ ގިނަ ޓޫރިސްޓުންތަކެއް ކުރިއަށް އޮތް ތަނުގައި އަންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލަކީ ރާއްޖެއަށް ކުޑަ މާކެޓެއްކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މި ކަމުގައި ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ދެ ޕާސްޕޯޓު ގެންގުޅޭ މީހުންގެ މައްސަލަ ކަމަށެވެ. އެގޮތުން، ބައެއް ރަޝިއާގެ މީހުންގެ އިތުރުން ފަލަސްތީނުގެ ގިނަ ބަޔަކު ވެސް އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަން ބޭރުގެ މާލީ އިދާރާތަކުން ނިންމުމުގައި މިކަމާ ގުޅުން އޮތް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށް ވިދާޅުވެ، ގިޔާސް ވިދާޅުވީ އިޒްރޭލުގެ ފަހަތުގައި އެމެރިކާ ފަދަ ބޮޑެތި ގައުމުތައް އޮތް ކަމަށާއި އެހެން ކަމުން ޕާސްޕޯޓު އެއްކޮށް މަނާކޮށްފިނަމަ، ރާއްޖެއަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށެވެ.
އެހެންކަމުން މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އިޒްރޭލްގެ ސަރުކާރާ ވެރިންނަށް ޓާގެޓުކޮށްގެން ޕާސްޕޯޓް މަނާކުރުން ކަމަށާއި އެކަމަށް މަޓާޓޯއިން ތާއީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލްގެ ވެރިންގެ ޕާސްޕޯޓް އެކަނި މަނާކުރަން ފެންނަ ކަމަށް ގެސްޓު ހައުސް އެސޯސިއޭޝަނުން ވެސް ކުރިން ވަނީ ބުނެފަ އެވެ.
އިޒްރޭލް ޕާސްޕޯޓް މަނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމެކެވެ. އެކަން ކެބިނެޓުން ނިންމުމަށް ފަހު މަޖިލީހުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްދޭން މަޖިލީހުގައި އެދިފައިވެ އެވެ.
އޭރު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް ނަސީމް އޮތީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އަދި ގިނަ ދުވަސް ވަންދެން ކޮމިޓީގައި އެ ބިލް ޕާކްކޮށްފައި އޮތުމަށް ފަހު އެ ބިލް ދިރާސާކުރުމުގެ މަސައްކަތް 241 ކޮމިޓީން މިހާރު ކުރަމުން ދާއިރު، އެ ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާތަކުގެ ހިޔާލު އެކަމުގައި ހޯދުމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ލަފާކުރަނީ އެކަމުގައި ގޮތެއް ނިންމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.