ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި އިނާމު ލިބުނު ކުއްޖެއްގެ ބޮލުގައި ރަންތާޖު އަޅުވައިފައި.-- ފޮޓޯ: ރައީސް އޮފީސް
16 އެޕްރީލް 2025 - 17:46
މޮރޮކޯގައި ބާއްވާ އިންޓަނޭޝަނަލް ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ގުރުއާނާ ބެހޭ މަރުކަޒުން މިއަދު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މޮރޮކޯގައި އަންނަ އޯގަސްޓް މަހު ބޭއްވާ އިންޓަނޭޝަނަލް ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެ އަށް ލިބުމުން، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އާންމުކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މުބާރާތުގައި ދެ ކެޓެގަރީއަކުން ވާދަކުރެވޭނެ ކަމަށާއި ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިޔަކު ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
• ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ މީހަކަށް ވުން
• ދިވެއްސަކަށް ވުން
• ރާއްޖޭގެ މަޝްހޫރު ގާރީއަކަށް ނުވުން
• ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ މީހަކަށް ނުވުން
މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިhttps://t.co/77x5JucoHQ
— Ministry of Islamic Affairs (@MVIaffairs) April 16, 2025
ގުރުއާނާ ބެހޭ މަރުކަޒުން ބުނީ މި މުބާރާތަކީ ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށާއި ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިޔަކު ހޮވާނީ އެ މަރުކަޒުން އިމްތިހާނުކުރުމަށް ފަހުގައި ކަމަށެވެ.
އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަހުރޫމުވެފައިވާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހަކު މި މުބާރާތަށް ދިއުމަށް ހޮވިއްޖެ ނަމަ، އެ ބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.
މިި މުބާރާތުގައި ބައިވެރިވާން އެދޭ މީހުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް މި މަހު 21 ވަނަ ދުވަހުގެ 12:00 ގެ ކުރިން ގުރުއާނާ ބެހޭ މަރުކަޒަށް ނުވަތަ އެ މަރުކަޒުގެ އީ-މެއިލް "[email protected]" އަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހީމު
17 April 2025
ހާދަ ކުޑަކުޑަ މުހުލަތެކޭ މުއްދަތެކޭ ތި ދިނޭ. 16 އެޕްރިލް ބުދަ، 17 އެޕްރިލް ބުރާސްފަތި، 18، 19، ހުކުރު ހުނިހިރު (ބަންދު)، 20 އާދިއްތަ، 21 ހޯމަ. ވަކި ބަޔަކު ހޮވައިފި ދޯ މިހާރު؟
އަލީ ބުހައިރީ
17 April 2025
ރަންނަމާރި ވާހަކައިގައި އާދެ މަޣްރިބް ގެވާހަކަ! ޖިންނި އެރިއިރު މޮރޮކޯގެ ބޭފުޅެއް ގުރުއާން ކިޔަވާ ވިދާޅުވީ! މިހާރު ގިނަ މީހުން އެވާހަކަ ގަބޫލު ވެސް ނުކުރޭ! ރަގަޅައްވިއްޔާ މޮރޮކޯ ކިޔާ ގައުމެއްވެސް ނޯންނާނެ! ދެރަ ދެއްތޯ؟ އޮޅުވާލުންގަޑު ބޮޑުކަމުން!