ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު: ސްޕޯޓްސް މިނިސްޓްރީން ފުޓްބޯޅަ ކްލަބްތަކުގެ މެދުގައި ތަފާތު ކުރާ މައްސަލަ، ބައެއް ކަލްބަތްކުން ވަނީ ފެންމަތިކޮށްފަ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
17 އެޕްރީލް 2025 - 12:54
ކުރީ ސަރުކާރާއި، މި ސަރުކާރުގައި ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްޕޯޓްސް މިނިސްޓްރީން، ކްލަބްތަކުގެ މެދުގައި ތަފާތުކުރާ ކަމަށް ބުނެ ބައެއް ކްލަބްތަކުން އެކަމުގެ ޝަކުވާކޮށްފި އެވެ.
ކްލަބްތަކުން މި މައްސަލަ ނެގީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، އެންމެ ފަހުން ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ބުނީ ސަރުކާރުން ފައިސާ ފޯރުކޮށްދިނުމުގައި މާޒިޔާއާ އެހެން ކްލަބްތަކާ ތަފާތު ކުރާކަމަށް ބުނެ އެ މައްސަލަ ކްލަބްތަކުގެ ވެރިން ފާހަގަ ކުރި ކަމަށެވެ.
އެގޮތުން ވަނީ މިދިޔަ އަހަރު ޑޮމެސްޓިކް ފުޓްބޯޅައިގެ ސީނިއާ އެއްވެސް މުބާރާތެއް ނެތް އިރު ވެސް ސަރުކާރުން މާޒިޔާ އަށް އެކަނި 1.8 މިލިއަން ރުފިޔާދިންކަން ފާހަގަކޮށްފަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާ އެކު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ކްލަބްތަކާ ބައްދަލު ކުރަނީ --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މާޒިޔާއިން މިދިޔަ އަހަރު ކުޅުނީ އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖްގައި އެކަންޏެވެ. ސެންޓްރަލައިޒް އުސޫލުން، ކުވައިތުގައި ކުޅުނު، މާޒިޔާ ހިމެނުނު ގުރޫޕް ބީގެ މެޗުތަކުން އެ ޓީމު ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްގެ ދައުރުގައި ވެސް މާޒިޔާއާ އެހެން ކްލަބްތަކާ ތަފާތު ކުރާ މައްސަލަ ކްލަބްތަކުން ފެންމަތި ކުރި އެވެ. އެގޮތުން މަހްލޫފްގެ ވަޒީރުކަމުގައި 2023 ގައި އެކަނި ވެސް މާޒިޔާ އަށް ފަސް މިލިއަން ރުފިޔާ ހޭދަ ކުރި ކަމަށް ކްލަބްތަކުން ބުނެ އެވެ.
"ކްލަބްތަކުގެ ވެރިން ވަނީ ރާއްޕެ [މިނިސްޓަރު ރާފިއު] ގާތުގައި މި ކޮންސާންތައް ފާހަގަކޮށްފައި. މާޒިޔާއާ އެހެން ކްލަބްތަކާ ތަފާތު ކުރާ މައްސަލައިގައި ކްލަބްތަކުގެ ވެރިން ފާހަގަ ކުރީ އެކަން އެހާ ފެއާ ނޫން ކަމަށް،" ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.
"އޭއެފްސީ މުބާރާތުގައި ވާދަކުރާތީ ކޮންމެ ވެސް މިންވަރެއް ދިނުން ރަނގަޅު. އެކަމަކު އެހެން ކްލަބަކަށް މިދިޔަ އަހަރު އެއްވެސް އެއްޗެއް ނުލިބޭ. ކީއްވެ އެންމެ ކްލަބަކަށް ލިބެންވީ؟،"
ކްލަބްތަކާ އެކު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ކުރީގެ ސަރުކާރުން، ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދޭން ވައުދުވި އެއް މިލިއަން ރުފިޔާ ދިނުމުގައި ވެސް އޭރު ތަފާތު ކުރި އެވެ. އަދިވެސް އެ ފައިސާ ބައެއް ކަލްބަތަކަށް ހަމަޔަކަށް ނުލިބެ އެވެ.
އެހެން ކްލަބެއްގެ ސީނިއާ އޮފިޝަލަކު ބުނީ މިނިސްޓަރު ރާފިއު އެ މަގާމާ ހަވާލުވި އިރު ދޭން ޖެހިފައި ހުރި ފައިސާ ބައެއް ކްލަބްތަކަށް ނުދީ، ވަކި ކްލަބަކަށް މިދިޔަ އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަކީ މި ސަރުކާރުން ވެސް ކްލަބްތަކުގެ މެދުގައި ތަފާތުކުރުން ކަމަށެވެ.
"ދޭން ޖެހޭ ހުރިހާ ފައިސާއެއް ވަކި ކްލަބަކަށް ބަރާބަރަށް އެބަ ލިބޭ. އެކަމަކު އެހެން ކްލަބެއް ވެއްޖެއްޔާ މިއޮންނަނީ ޕެންޑިންގައި،" އޮފިޝަލް ބުންޏެވެ.
ކުރިން މި މަހު ފަށަން އެފްއޭއެމުން ތާވަލު ކުރި ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ވެސް ސަރުކާރުން ވަނީ ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން ފައިސާ ދޫކޮށްފަ އެވެ. އެއީ ޖުމުލަ 10 މިލިއަން ރުފިޔާ އެވެ.
ހަމައެކަނި ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދޭތީ، އެހެން ކުޅިވަރުތަކުގެ ހަރަކާތްތެރި މީހުން ވެސް ވަނީ ކޮންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޕަޓޭ
18 April 2025
އޭއެފްސީ މުބާރާތްތަކަށް ކޮލިފައިވާ ހުރިހާ ޓީމަކަށް އަބަދުވެސް އިތުރަށް ފައިސާދޭ. މީގެކުރިން ނިއު، ވެލެންސިއާ، ވިކްޓްރީ، އައިއެފްސީ، ހުއްރިއްޔާ، އީގަލްސް، އަދި ޓީސީއަށްވެސް އޭއެފްސީ ކަޕް މެޗުތަކަށް ތައްޔާރުވުމަށް މިގޮތަށް ފައިސާދިން. އެއްޗެކޭކިޔާފަ ފުޓުބޯޅަ ނުކުޅެ ދައުލަތުގެ ހަރަދުން ޑުބާއީ ދަތުރުއަޅަންވެގެން ދައްކާ ބަހަނާ ތިޔައީ.
މިއައު
17 April 2025
ކަމެއް ނުކޮށް ތިބެން ފައިސާދިނީ މުޅިން އެހެން ކަމަކު. ގޭންގުތައް ލައިން އެއްކަމެއްވެސް ރަނގަޅެއް ނުވާނެ. މި އިންޑިއާގެ 19 ދަށުގެ ޓީމުވެސް މިގައުމީ ޓީމު މިހާރު ބަލި ކުރާނެ. ގޭންގު ދަށުވެގެން ގޮސް މިވަރު މިވަނީ
ސުހާނާ
17 April 2025
ކްލަބްތަކަކަށްވެސް، ސިޔާސީ ޕާޓީތަކަކަށްވެސް، ނޫސްމަޖައްލާތަކަކަށްވެސް ދައުލަތުން ފައިސާ ދޭކަަށް ނުޖެހޭ. އެއީ ރައްޔިތުންގެ ފައިސާ ވަކި ބަޔަކަށް ދިނުން. އެއީ ރައްޔިތުންގެ ފައިސާއަށް ވެވޭ ޚިޔާނާތެއް ކަމަށް ބެލެވޭނީ. އެކަންކަން އަމިއްލައަށް ކުރާނެ ފެންވަރު ނެތިއްޔާ ނުކޮށް ތިބޭ. ކާކު ބުނީ އެކަންކަން ކުރާށޭ؟
މުލޭ
17 April 2025
ސަރުކާރުން އެއްވެސް ކްލަބެއް ހިންގަން ފައިސާ ދޭނެކަމެއްނެތް. މިކަން ވެސް މިހާރުވެއްޖެ ވެލްފެއަރގެ ކަމަކަށް. އެންސްޕާގައި ކްލަބުތައް ރަޖިސްޓްރީ ކުރޭ.
އޮނަރަބްލް އަފީފު ދީދީ
17 April 2025
ވޭތުވެދިޔަ ތަނުގައި ދައުލަތުގެ ކުޅިވަރު ބަޖޭޓާއި ފީފާ އަދި އޭއެފްސީ އިން ރާއްޖެއަށް ދިން ހުރިހާ ފައިސާއެއްވެސް ތަޅާ ހުސްކުރީ ކ.އަތޮޅު މާލޭގެ ކަންމަތީ ޤުރޫޕްތަކަށާއި އެރަށު ގޭންގްތަކުގެ މައްޗަށް. މިއަދު އެމީހުންއެމީހުނަށް އެތިބީ ފައިސާ ބަހާގޮތާއިމެދު މައްސަލަޖެހި ތަޅާފޮޅާހިސާބަށް ކަންތައްގޮސްފަ. މިމީހުން އަދިވެސް ޤަބޫލު ކުރަނީ "ދިވެހިރާއްޖެ އަކީ" ކ.އަތޮޅު މާލެ ކަމަށް. މިކަން ބަދަލު ނުކުރާނަމަ އެހެން ރަށެއްގެ މީހުން ފުޓްބޯޅަ ބަލަން ދާނެ ކަމެއްނެތް.
އިހްސާސް
17 April 2025
މިނިސްޓަރު ރާފިއު އިސްތިއުފާދީ. ޕުރައިވެޓް ކުލަބު ހިންގަން ދައުލަތުން ތިޔަހެން ފައިސާއެއް ނުދެވޭނެ.
ވިލްތޯ
17 April 2025
މުޅި ގައުމު ހިންގަން ޖެހެނީ ސަރުކާރު ވެލްފެއާ ގަ. މިނޫން ގޮތެއް ނެތީބާ؟
އަލީއަމަރު
17 April 2025
ހެޔޮނުވާނެ. އެއްވެސް އެއްޗެއް ތިމީހުންނަށް ނުދި، ބޯޅައާއި ޖޯޒީ ގަނެދެން އޯކޭ. ވިޔަފާރި މޮޑެލްއަށް ނުހިންގެންޏާ ބައިވެރި ނުވޭ
ރަލި
17 April 2025
ހުރިހާކަމެއް ސަރުކާރުގެ ބޮލަށް ކަނޑާލާ ސަގާފަތެއް އަށަގެނުވާފަމިއޮތީ. އެއްވެސް މީހެއްގެ އަމިއްލަ ޒިންމާއެއް އެއްވެސްކަމެއްގަ ހާއްސަކޮން ކުރަންޖެހޭ ހަރަދެއްވީޔާ ޖެހެނީ ސަރުކާރުން ކުރަން. ކިޔަވާދީ މީހަކަށް ހަދައިދީފަ ގައުމަށް ހިދުމަތްކުރަން ނިކުންނަނީ ނިސްބަތުން މަދު ބައެއް.
ހެޔޮނުވާނެ
17 April 2025
ލާރި ލާރި، ތި ކުލަބުތަކަށް ފައިސާ ނުދޭށޭ. ނުޖެހޭ ދޭކަށްވެސް،