މިއީ ވެމްކޯ ޖެހިޖެހިގެން މުބާރާތުގެ ތަށި ހޯދި ފަސްވަނަ ފަހަރު. ފަސް ފަހަރު ވެސް ތަށި ހޯދީ ޕޮލިސް ބަލިކޮށްގެން.
އެސޯސިއޭޝަން ކަޕްގެ ތައްޓާ އެކު ވެމްކޯ، މިއީ އެޓީމު މުބާރާތް ކާމިޔާބު ކުރި ފަސްވަނަ ފަހަރު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އެޕްރީލް 2025 - 23:44
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވިދިވިދިގެން ފަސްވަނަ ފަހަރަށް ކްލަބް ވެމްކޯ ހޯދައިފި އެވެ.
ވެމްކޯ ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ޕޮލިސް ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ސެޓްތައް ގެންދިޔައީ 25-20، 25-19 އަދި 25-19 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕައްޓިޔާ ޖުއަންގްޖަން އެވެ.
ވެމްކޯ ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރު ތަށި އުފުލާލީ ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. އޭގެ ފަހުން ތިން ފަހަރު ވެސް ތަށި ހޯދީ ފައިނަލްގައި ޕޮލިސް ކްލަބްގެ މައްޗަށް ގަދަވެގެންނެވެ. ވެމްކޯ ވަނީ 2018 ވަނަ އަހަރުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ޕޮލިސް އެންމެ ފަހުން އެސޯސިއޭޝަން ކަޕް ހޯދީ 2017 ވަނަ އަހަރެވެ.
އެސޯސިއޭޝަން ކަޕްގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ފަހަރުގެ މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. މިއީ އޭނާ ޖެހިޖެހިގެން މި މަގާމު ހޯދި ހަތަރުވަނަ ފަހަރެވެ.
އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުރާގެ އައިޝަތު ދީމާ ނަދީމް ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.
އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް ބަލައިލާއިރު، އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަކީ ވެމްކޯގެ އައިޝަތު މާޖިދާ އާއި ޕޮލިހުގެ އާމިނަތު އަރީޝާ އެވެ. އޮޕޮސިޓް ޕްލޭޔަރަކަށް ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ) ހޮވުނު އިރު، މިޑްލް ބްލޮކަރުނަނަށް ހޮވުނީ ޕޮލިހުގެ މަރިޔަމް އަޒުމާ އާއި ވެމްކޯގެ ނަރީމާ އިދުރީސް އެވެ. އެންމެ މޮޅު ސެޓަރަކީ ވެމްކޯގެ ފާތިމަތު ޖޫޒަން ޒަރީރެވެ. އަދި ލިބަރޯ އަކީ ވެމްކޯގެ ނުހާ ވަހީދެވެ.
މި އަހަރުގެ އެސޯސިއޭޝަން ކަޕްގެ ތިންވަނަ ހޯދާފައި ވަނީ ހުރާ ކޮމިއުނިޓީ ކްލަބެވެ.
ޖުމްލަ އަށް ޓީމު ވާދަކުރި މި މުބާރާތުގެ ކޮންމެ ގުރޫޕަކުން އެންމެ ގަދަ ތިން ޓީމު، ހޮނިހިރު ދުވަހު ފަށާ ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ކުޅޭނެ އެވެ.
ގައުމީ ލީގު ކުޅޭ ހަ ޓީމަކީ، ވެމްކޯ އާއި ޕޮލިސް އަދި ހުރާގެ އިތުރުން ފްލެކްސާ ސްޕޯޓްސް ކްލަބާއި ސިޓީ ފްރެންޑްސް ކްލަބް އަދި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ (ޖީޖީ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy