20 އެޕްރީލް 2025 - 09:39
އަމިއްލަ ދަނޑުގައި 2-1 އިން ލެ ހާވް ބަލިކޮށް، ލީގުގެ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ ޕީއެސްޖީން، ބަލި ނުވެ ލީގު ނިންމަން އަމާޒު ހިފައިފި އެވެ.
ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޑީޒަޔާ ޑޫއޭ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ގޮންސާލޯ ރާމޯސް ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް، ލެ ހާވްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އީސާ ސުމާރޭ އެވެ.
ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭގެ ކޯޗު ކަމުގައި ޕީއެސްޖީ ވަނީ މި މެޗުގެ ކުރިން، ލީގުގައި ބާކީ ހަ މެޗު އޮއްވައި ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.
ބަލި ނުވެ ޗެމްޕިއަންކަން ހޯދުމަކީ މީގެ ކުރިން ފްރާންސް ލީގުގައި އެއްވެސް ޓީމަކަށް ގާއިމު ކުރެވިފައިވާ ރެކޯޑެއް ނޫނެވެ. ނަމަވެސް ޕީއެސްޖީގައި ތިބި ކުޅުންތެރިންނަށް އެކަން ކުރެވިދާނެ ކަމަށް ކޯޗު އެންރީކޭ ގަބޫލު ކުރެ އެވެ.
"އަހަރެމެންނަށް ރެކޯޑެއް ގާއިމު ކުރެވިދާނެ މިތިބަ ކުޅުންތެރިންގެ ހިތްވަރުން،" ރޭގެ މެޗުގެ ކުރިން އެންރީކޭ ބުނެފައިވެ އެވެ.
"މިއީ [ބަލި ނުވެ ލީގު ފުރިހަމަ ކުރުމަކީ] މާ ގިނައިން ވާ ކަންކަމެއް ނޫން، އެކަން ހަނދާނުގައި ބަހައްޓައިގެން ހިތްވަރު ލިބިގަންނަނީ. އަހަރެމެންނަށް އޮތީ ޗެމްޕިއަންކަން ވެސް ޔަގީން ވެފައި."
ރޭގެ މޮޅާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 29 މެޗުން 77 ޕޮއިންޓް ހޯދައިގެންނެވެ. އެއީ 24 މެޗުން މޮޅުވެ ފަސް މެޗު އެއްވަރު ކޮށްލައިގެންނެވެ. ބާކީ އަދި ފަސް މެޗު ޕީއެސްޖީއަށް އެބަ އޮތެވެ.
ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލލުން ވެސް ޖާގަ ހޯދައިފަ އެވެ. އަންނަ ހަފްތާ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ލީގުގައި ދެ މެޗު ކުޅޭނެ އެވެ.
އަންނަ މަހުގެ ފަހުކޮޅު އޮންނަ ފްރާންސް ކަޕްގެ ފައިނަލަށް ވެސް ޕީއެސްޖީ ވަނީ ހޮވިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭނުން
20 April 2025
މެސީ އާ ނޭމާ އާ އެމް ބާޕޭ އަދި ސުވަރޭޒް ހުރެގެން އެއްވެސް ކަމެއްނުވި މިހާރު މާ ރަނގަޅެއްނު އެމީހުން ނެތީމަ ، ނަތިޖާ