21 އެޕްރީލް 2025 - 10:39
ބާސެލޯނާ (އޭޕްރީލް 21) - ބާސެލޯނާ އެންމެ ފަހުން ލީގުގައި ފަހަތުން އަރައި 4-3 އިން ސެލްޓަވީގޯ ބަލިކުރި މެޗުގައި އެ ޓީމުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ، 36، އަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ލެވަންޑޯސްކީގެ ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ ކަމަށް ބާސެލޯނާ ނެރުނު ބަޔާނުގައިވެ އެވެ. ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތެއް ބަޔާނުގައި ހާމަކޮށްފައި ނުވިޔަސް ސްޕެއިންގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ތިން ހަފްތާއެއްހާ ދުވަހަށް އޭނާއަށް ނުކުޅެވޭނެ އެވެ.
މިކަމާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހުގެ ރޭ ކޮޕަ ޑެލް ރޭ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ވެސް ލެވަންޑޯސްކީ އަށް ނުކުޅެވޭނެ އެވެ.
ލެވަންޑޯސްކީ އަކީ މި ސީޒަންގައި މިހާތަނަށް ބާސެލޯނާއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ޖުމްލަ 48 މެޗުން 40 ގޯލު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި 11 ގޯލު ޖަހައިފައި ވާއިރު ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ މިހާތަނަށް 25 ގޯލު ޖަހައިގެންނެވެ.
ލެވަންޑޯސްކީ ކުޅުމާ ދުރުގައި ހުންނާނެ ކަމަށް ބެލެވޭ ތިން ހަފްތާގެ މުއްދަތުގައި ސްޕެނިޝް ލީގުގައި ބާސެލޯނާ، މަޔޯކާ އާއި ރަޔޯ ވަޔަޑޮލިޑާ ދެކޮޅަށް ވެސް ކުޅޭނެ އެވެ. ނަމަވެސް މޭ 6 ގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ ދެވަނަ ލެގާއި މޭ 11 ވަނަ ދުވަހުގެ ރޭ ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ލެވަންޑޯސްކީ ޓީމާ ގުޅުން އެކަށީގެންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ލެވަންޑޯސްކީގެ ބަދަލުގައި ކޯޗު ހަންސީ ފްލިކް ވަނީ މި ސީޒަންގައި ފެރާން ޓޮރޭޒް އެ މަގާމަށް ބޭނުން ކޮށްފަ އެވެ. އަދި ޑެނީ އޮލްމޯ ކުރިއަށް އަރުވައިގެން ވެސް ފްލިކް ވަނީ އެކްސްޕެރިމެންޓް ކޮށްފަ އެވެ.
ބާސެލޯނާ ވަނީ މިދިޔަ ޖެނުއަރީ މަހު ރެއާލް ބަލިކޮށްފައި ސްޕެނިޝް ސުޕަ ކަޕް އުފުލާލައިފަ އެވެ. ކޮޕަ ޑެލް ރޭގެ ފައިނަލްގައި ރެއާލާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ނުކުންނަ އިރު، ލީގުގައި އެޓީމު އޮތީ އެއްވަނައިގަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ހޮވިފައި ވާއިރު، ބާސާ އަށް މިވަނީ މި ސީޒަންގައި ހަތަރު ތަށި އުފުލާލުމުގެ ފުރުސަތު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy