ޕެންޝަން ސީއީއޯ ޝުޖާތާ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
21 އެޕްރީލް 2025 - 11:54
ޕެންޝަން ނިޒާމުގެ ތެރެއިން ބޭސިކް ޕެންޝަނަށް ކޮންމެ މަހަކު 100 މިލިއަން ރުފިޔާ ހޭދަވާ ކަމަށާއި 2030 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓަށް އިތުރުވުމުން، ދައުލަތަށް އެ ހަރަދު ކުރަން އުނދަގޫވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑަބަލް ޕެންޝަން ދިނުމާއި ސަރުކާރުގެ ވަކި ވަކި އިދާރާތަކުން ހިންގާ ޕެންޝަން ސްކީމްތައް ހުއްޓުވުމަށްޓަކައި މާލިއްޔަތު ކޮމިޓީން އިސްނަގައިގެން ފެށި މަސައްކަތާ އެކު، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނު ވުޖޫދަށް އައިތާ 15 އަހަރުވީ އިރު، އެ ސްކީމުގެ ބޭރުން ވަކި ވަކި މުއައްސަސާތަކުން ހިންގާ ސްކީމުތަކުން ދޭ ފައިދާތައް އުވާލާ އިރު، ކުއްލިއަކަށް އުވާލުމުގެ ބަދަލުގައި މެދުމިނުގެ ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓާލާ އިރު، އެކަމުގައި އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅައި، އެކަން ހުއްޓޭނެ ތާރީހެއް ކަނޑައެޅުން ވަރަށް މުހިއްމު ކަމަށެވެ.
ޝުޖާތާ ވިދާޅުވީ، ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކާ ގުޅިގެން، އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެ، ތަފާތު ކުރުން ބޮޑު ނިޒާމެއް އުފެދިފައި އޮތުމަކީ އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. އަދި ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް އުފައްދާފައި އޮތް އިރު އޭގެ ބޭރުން އެއްވެސް ކޮންޓްރިބިއުޝަނަކާ ނުލައި ހިންގާ ސްކީމުގެ ސަބަބުން، ޕެންޝަން ގާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވަން ބޭނުންވާ މީހުން މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ބައެއް ބޭފުޅުންނަށް އެބަ އެނގިލައްވާ އެބަ ލިބޭކަން ޑިފައިންޑް ބެނިފިޓެއް. ވަޒީފާ އިން ވަކިވާ ހިނދު. އަނެއްކާ ވެސް އެ ފޯލް ވަނީ ސަރުކާރުގައި އުޅޭ މުވައްޒަފުންނަށް. އެހެންވީމަ އެބަ އުޅޭ އިކުއިޓީގެ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
ޝުޖާތާ ވިދާޅުވީ، 2030 ވަނަ އަހަރަށް ދާއިރު 65 އަހަރުގެ އާބާދީ ހަތް ޕަސެންޓަށް އިތުރުވާނެ ކަމަށެވެ.
"އެހެންވީމަ މިހާރު މި ހުރި ވަރުގައި އިނާޔަތްތައް ބެހެއްޓި ކަމުގައިވީ ނަމަވެސް ވަރަށް ބޮޑަށް ހަރަދު ބޮޑުވެގެންދާނެ. މިހާރު މި ހުރިވަރުގައި ވެސް އިނާޔަތްތައް ނުވެސް ބެހެއްޓޭނެ ކަން ވިސްނާލަން ޖެހޭ. ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުގެ ސަބަބުން، އިންފްލޭޝަން ޓެސްޓު ކުރެވިގެން ބަދަލުތައް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދުގެ ކޮމިޓީގައި މެންބަރުން ވަނީ، ވަކި ވަކި އިދާރާތަކުން ޕެންޝަން ސްކީމުތައް ހިންގުމުގެ ބަދަލުގައި އެ ހުރިހާ ބާރެއް ޕެންޝަން ގާނޫނުގެ ތެރެއިން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ހަވާލު ކުރަން، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތްތައް ރާވާނެ ގޮތުގެ ޓައިމްލައިނެއް ހިއްސާކުރުމަށް އެ އިދާރާއަށް އެދިފަ އެވެ. އެކަމުގައި ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނާ އެކު މަޝްވަރާތައް ކުރުމަށް ވަނީ ރާވައިފަ އެވެ.
ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 272 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. މިދިޔަ އަހަރު ޑަބަލް ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޑަބަލް ޕެންޝަނަށް 70 މިލިއަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިރަމިޑް1
21 April 2025
ޕެންޝަން ނިޒާމުގެ ސަބަބުން ވީ އެންމެ މުހިންމު ކަމަކީ، ސަރުކާރަށް ބައިވަރު ފައިސާތަކެއް ލިބުން. މި ނިޒާމަކީ ސަރުކާރަށް ފައިސާދޭން އޮންނަ ނިޒާމެއްކަން ތިޔައޮފީހަށްވެސް އެނގޭ. ދެން ދެތިން ކުންފުންޏެއްގައި އިންވެސްޓްކޮށްލެވުނަސް ފަންޑުގެ ހަމަ ވަރަށް ބޮޑުބައި އޮތީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުރަން ފައިސާދިނުމަށްޓަކައި. ރިޓާން އޮންނަނީ ކަރުދާހުގައި. ޕޮންޒީ ނިޒާމެކޭ ތަފާތެއްނެތް. ނަމަވެސް ކީއްތޯ ކުރާނީ. މުސާރަ ނުހަނު ބޮޑުވިއްޔަ. ސޯ. ހޫ ކެއަރޒް.
ޕެންސަނަރު
21 April 2025
ޕެންޝަން އޮފީހުން ތަންތަނުގަ އިންވެސްޓް ކުރީމަ ކޮންމެ އަހަރަކު ލިބޭފައިދާ ހާމަ ކުރަން ގޮވާލަން.
މައި ބޭބީ
21 April 2025
މިކަމާ ވިސްނާ. ޕެންޝަން ގާނޫނުގެ ދަށުން 20 އަހަރު ޚިދުމަތް ކުރުމުން ލިބޭ އެކްރޫޑް ޕެންޝަން ދޭންޖެހޭ މީހުން އަހަރުން އަހަރަށް ދާނީ މަދުވަމުން. އެހެނީ އެ ޕެންޝަނަކީ 13 މެއި 2009 އާ ހަމަޔަށް 20 އަހަރުވެފަ ތިބި މީހުންނަށް ލިބޭ އެއްޗެއް. ފާއިތުވި 15 އަހަރުތެރޭ މީގެތެރެއިން އެތައް ބަޔަކު މިހާރަކު ދުނިޔޭގަ ނުތިބޭނެ. އެއީ ބަޖެޓުން ސަލާމަތް ކުރެވޭނެ ފައިސާ. މިވާހަކަ ނުދައްކަނީ ކީއްވެ؟
ހިންގުން
21 April 2025
ތިޔަ ފަންޑު ހިންގަން އެނގޭ މީހުންނަށް ފުރުސަތުދެއްވައި، ނޭނގޭ މީހުން ބޭރުކޮށްދެއްވާ.
އެއް ޕަސެންޓް
21 April 2025
ޕެންޝަން އޮފީހު މުވައްޒަފުންގެ އެކިއެކި ކަންކަމަށް ޚަރަދުކޮށް ކުރާނެކަމެއް ކުރަން، އެތަނަށް ލިބޭ އާމްދަނީގެ 1% ކަނޑައަޅާފައިވާ ކަމަށް ދެކެވޭ ވާހަކަޔަކީ ހަމަ ތެދެއްބާ.
ކުދުބެއްޔާ
21 April 2025
ބެއްޔާގެ ބޮޑުބޭބެއަކީ ދުވަހަކުވެސް ތަނެއްގާ ވަޒީފާއެއް އަދާކުރި މީހެއްނޫން. އެކަމަކު ބެއްޔާގެ މުޅި އުމުރު މިހޭދަވީ ދައުލަތުގެ ވަޒީފާގަ. ބެއްޔާ އުމުރުން 65 ވުމުން ލިބޭއެއްޗެއް މިލިބެނީ ދުވަހަކުވެސް މި އިންސުއަރެންސަށް އެއްވެސް މިންވަރެން ނުދައްކާ ބޮޑުބޭބެއަށްވެސް ލިބޭވަރުގެ އަދަދެއްވީމާ ތަފާތުކުރުމެއް ނުފެނޭތޯ؟؟؟؟؟
123321
21 April 2025
ކަލޭމެން ކޮންމެ ސަކަރާތެއްޖެހިޔަސް، އުމުރުދުވަހު ސަރުކާރައް ހިދުމަތްކޮށް އޭނަގެމުސާރައިން ޕަސެންޓް ކެނޑިމީހާޔާ ދުވަހަކު ވަޒީފާޔައް ނުގޮސް 65 ވާމީހާޔާތަފާތުވާން އެބަޖެހޭ، އޭނަގެ މުސާރައިން ކަނޑާފަ ޕެނޝަން ފަންޑުގަ ހުރިހުރިހާ ލާރި އޭނަޔައްލިބެންޖެހޭނެ،އަސާސީ ޕެންޝަނާއެއްކޮށް
ހުސެންޓޭ
21 April 2025
އަހަރެމެންގެ މުސާރައިން މަހަކަށް މުސާރައިން ޕެންޝަނަށް މަޖުބޫރުން ލާރި ކެނޑުން ހުއްޓާލާ. މުސާރައިން ނުކެނޑިޔަސް 65 އަހަރު ވީމާ މަށަށްވެސް ޕެންޝަން ލިބޭނެ. މަގުމަތީ އުޅޭ ޕާޓޭއަށްވެސް ޖަލުގައި އުމުރު ހޭދަ ކުރާ ގައިދީއަށްވެސް 65 އަހަރު ވީމާ 5000 ރުފިޔާ އެބަލިބޭ
ހުސެން ތަކުރު
21 April 2025
65 އަހަރު ވުމުން ޕެންޝަން ބޭނުންވާ މީހުން މިހާރުއްސުރެ ކޮންމެ މަހަކު ވަކި ވަރެއް ޕެންޝަން ފަންޑަށް ލާން މަޖުބޫރުކުރަންވީ. ކޮންޓްރިބިއުޓް ނުކުރާ މީހަކަށް ޕެންޝަން ނުދޭންވީ. ވަޒީފާއަކަށް ނުގޮސް، ދައުލަތަށް ޚިދުމަތެއް ނުކުރާ މީހަކަށް 65 އަހަރު ވީމާ، 5000 ރުފިޔާ ދައުލަތުގެ ބަޖެޓުން ދިނުން ބުއްދި ހަމައެއް ނުޖެހޭ.
ހީހީ ސުލީހް
21 April 2025
ދިވެހިންނަށް އިނގެންޖެހޭ ހަގީގަތަކީ ޕެންސަންގަ ހުރިކަމަށް ބުނާ ފައިސާ ހުރީ ހަމައެކަނި ޕޭޕަރުގަކަން، އަސްލު ފައިސާ މިހާރުވީ ތަނެއް އިނގޭ މީހަކު މިގައުމުގަ ނެތްކަން