ސިވިލް ސާވިސް ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރައްވާފައިވާ މުޖްތާޒް: ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރުމަށް މުޖްތާޒްގެ ނަން ވަނީ ފޮނުވާފައި - ފޮޓޯ: ފަޔާޒް މޫސާ / މިހާރު
23 އެޕްރީލް 2025 - 12:42
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް ކޮމިޝަނަށް މި ހަފްތާގައި އައްޔަން ކުރެއްވި މުހައްމަދު މުޖްތާޒް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ.
ސީއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އިބްރާހިމް ރަޝީދުގެ ބަދަލުގައި ކޮމިޝަނަށް އައްޔަން ކުރެއްވި މުޖްތާޒް، ނައިބު ރައީސަކަށް އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މަޖިލީހަށް ސިޓީ ފޮނުއްވައިފަ އެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވާފައިވާ މުޖްތާޒް ސީއެސްސީއަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާސް އޮފް ލޯ ހާސިލު ކުރައްވާފައިވާ މުޖުތާޒް ވަނީ 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެންބަރު ކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސީއެސްސީން ހުސްވި ގޮނޑިއަށް އައްޔަން ކުރުމަށް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ވެސް މުޖުތާޒްގެ ނަން އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy