އެސްޓީއޯއިން ބޭއްވި ރޭޑިއޯގްރަފަރުންގެ ކޯސް ނިންމި ދަރިވަރުން -- ފޮޓޯ: އެސްޓީއޯ
24 އެޕްރީލް 2025 - 10:56
އެސްޓީއޯއިން އިސްނަގައިގެން ފެށި ރޭޑިއޯގްރަފީ ކޯސް 23 މީހަކު ފުރިހަމަކޮށްފި އެވެ.
މިހާތަނަށް އެ ދާއިރާއިން ދެ ދަރިވަރަކު އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުހަލާގައި ދަނީ މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯއިން ބުނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި އެ ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ބުނިގޮތުގައި މުޖުތަމައުއަށް މުހިންމު މިފަދަ މަޝްރޫއެއްގެ ތެރެއިން ގާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެސްޓީއޯއަށް ލިބުނު ފަހުރެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބިނާކުރަނިވި ހިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ރޭޑިއޯގްރަފަރުން ތަމްރީނު ކުރަން ފެށީ އެ ދާއިރާއަށް ދިވެހިން އުފެއްދުމަށާއި ހިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ. އެ ތަމްރީނު ޕްރޮގްރާމު ކުރިއަށް ގެންދިޔައީ އެސްޓީއޯ ޖީއީ ހެލްތުކެއާއާ އެކު އެވެ. ރާއްޖޭގައި މިހާރު ވެސް 150 އަށް ވުރެ ގިނަ ރޭޑިއޯގްރާފަރުން ތިބިއިރު އޭގެ ތެރޭގައި ތިބީ 17 ދިވެހިންނެވެ.
ރޭޑިއޯގްރަފަރުންނަށް ހިންގި ޑިޕްލޮމާ ޕްރޮގްރާމު -- ފޮޓޯ: އެސްޓީއޯ
އެސްޓީއޯއަކީ ޖީއީ ހެލްތުކެއާގެ ގިނަ އަދަދެއްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރާ ކުންފުންޏެކެވެ. އަދި އެއީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތަކަށް ވާތީ ޖީ.އީ ހެލްތުކެއާއާ ގުޅިގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 2018 ވަނަ އަހަރު އެވެ.
އެ ކޯސް ހިންގީ އެސްޓީއޯގެ ޓްރެއިނިން އިންސްޓިޓިއުޓް އުފައްދައި، ހަޔާ އެޑިއުކޭޝަންގައި މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ފަހު އެވެ. އަދި 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ކޯހުގެ މުގައްރަރު އެކުލަވާލުމަށްފަހު، އެމްކިއުއޭގެ އެފްރޫވަލް ވެސް ހޯދާފައިވެ އެވެ.
ކޯސް ހިންގުމުގެ ހުއްދަ ލިބުމާ ގުޅިގެން، އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ހަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވެ އެވެ. އަދި އެ ކޯހުގައި ބައިވެރިވި ފަރާތްތަކަށް ކޮންމެ މަހަކު 2,300ރ. ގެ ޕޮކެޓްމަނީއެއް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy