28 އެޕްރީލް 2025 - 09:06
އެފްއޭ ކަޕް ކާމިޔާބުކުރެވުނަސް މެންޗެސްޓާ ސިޓީ އަށް މިއީ ކާމިޔާބު ސީޒަނަކަށް ނުވާނެ ކަމަށް ރޭ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ފަހު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ނޮޓިންހަމް ފޮރެސްޓް 2-0 އިން ބަލިކޮށް ފައިނަލަށް ދަތުރުކުރި ސިޓީން، އަންނަ މަހުގެ 17 ވަނަ ދުވަހު ވެމްބްލީގައި އޮންނަ ފައިނަލުގައި ވާދަކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ.
މި މެޗުގެ ދެ ވަނަ މިނެޓުގައި ރިކޯ ލެވިސް ޖެހި ގޯލުން ސިޓީ ވަނީ ކުރި ހޯދައިފަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލް 51 ވަނަ މިނެޓުގައި ޖެހީ ޖޮސްކޯ ގްވާޑިއޯލް އެވެ.
ސިޓީ އަށް މިއީ ނާކާމިޔާބު ސީޒަނެއް ކަމަށް ގާޑިއޯލާ ސިފަކުރީ ޕްރިމިއާ ލީގު ކާމިޔާބުނުކުރެވުމުންނެވެ. އެ ޓީމުން މިދިޔަ އަހަރު ސީޒަނުގައި ކާމިޔާބުކުރި ލީގު މި ފަހަރު ހޯދީ ރޭ ލިވަޕޫލުންނެވެ.
ލީގުގެ ގަދަ ފަހެއްގެ ތެރޭ ހިމެނި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެން އޮތުމުންނާއި، އެފްއޭ ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު އޮތުމުން އަދިވެސް މިއީ ސިޓީ އަށް ކާމިޔާބު ސީޒަނަކަށް ވެދާނެ ކަމަށް އެއް ބަޔަކު ދެކެ އެވެ.
"ނުވާނެ،" ގާޑިއޯލާ ބުންޏެވެ.
"އަހަރެން ވަރަށް ގިނައިން ތަކުރާރުކޮށްފިން އެކަން. މި ސީޒަން އަހަރެމެންނަށް ރަނގަޅެއް ނޫން."
ގާޑިއޯލާ ބުނީ ލީގުގައި އެ ޓީމު އޮތީ ލިވަޕޫލާ އެތައް ޕޮއިންޓެއް ދުރުގައި ކަމަށާއި، ޗެމްޕިއަންސް ލީގުގައި ވެސް މޮޅުވީ މަދު މެޗުތަކަކުން ކަމަށެވެ.
"ގަދަ ފަހެއްގައި ނިންމާލެވުނަސް އޮޅުވާލައިގެން ނުވާނެ މިއީ އަހަރެމެންނަށް ކާމިޔާބު ސީޒަނެއް ނޫން. އަންނަ ސީޒަނުގައި ކާމިޔާބު ހޯދަން ކްލަބުން ނިންމުންތަކެއް ނިންމަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ފައިނަލަށް ދެވުމުން އުފާވާ ކަމަށާއި، އެކަމަކު އަބަދުވެސް ކާމިޔާބު މިންކުރަން ވާނީ ލީގުގައި އޮންނަ މަގާމުން ކަމަށެވެ.
މި ސީޒަނުގައި ސިޓީ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެންމެ މުހިއްމު މިޑްފީލްޑަރު ރޮޑްރީ އަށް އަނިޔާވުމެވެ. އޭނާ ނެތްތަން ފޫނުބެއްދި ސިޓީ އަށް މުހިއްމު ޕޮއިންޓްތަކެއް ގެއްލުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy