ހޮސްޕިޓަލެއްގެ ނާސަރީގައި ބާއްވާފައި އޮތް ތުއްތު ކުއްޖެއް: ހަންގޭރީގައި އުފަންވާ ރޭޓް މަތިކުރުމަށް މިހާރު ވަނީ ދަރިން ގިނަ އަންހެނުން އަތުން އިންކަމް ޓެކްސް ނުނަގަން ނިންމާފައި.
30 އެޕްރީލް 2025 - 06:03
ހަންގޭރީގައި އާބާދީ ދަށަށްދާ މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދޭއް ނުވަތަ ތިން ދަރިން ތިބި އަންހެނުންގެ އަތުން އާމްދަނީގެ ޓެކްސް ނުނަގާ ގޮތަށް އިއްޔެ ގާނޫނެއް ފާސްކޮށްފި އެވެ.
ބޮޑުވަޒީރު ވިކްޓަ އޯރްބާންގެ ނޭޝަނަލިސްޓް ސަރުކާރުން 2010 ވަނަ އަހަރުން ފެށިގެން އަންނަނީ އުފަންވާ ނިސްބަތް އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ސަބްސިޑައިޒް ކޮށްފައިވާ ލޯނާއި އާއިލާތަކަށް ބޯހިޔާވަހިކަމުގެ އިނާޔަތްތަކާއި ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބި އަންހެނުންނަށް ޓެކްސްއިން ލުޔެއް ދިނުން ހިމެނެ އެވެ.
ގާނޫނަށް އަލަށް ގެނައި ބަދަލުގައި އުމުރުން 40 އަހަރުން މަތީގެ އަންހެނުންގެ ތެރެއިން ދެ ދަރިން ތިބޭ މީހުންނަށް، އަންނަ އަހަރުން ފެށިގެން މުޅި އުމުރަށް އިންކަމް ޓެކްސް އިން އިސްތިސްނާ ވާނެ އެވެ. އަދި މި އުސޫލު ހިނގާ އަންހެނުން އިތުރުކުރަމުން ގެންގޮސް، މަދުވެގެން ދެ ދަރިން ތިބޭ ހުރިހާ އަންހެނުންނަށް 2029 ވަނަ އަހަރުގެ ނިޔަލަށް އިންކަމް ޓެކްސް އިސްތިސްނާވާ ގޮތް ހަދާނެ އެވެ.
މި ގާނޫނުގެ ދަށުން، ތިން ދަރިން ތިބޭ އަންހެނުން އިންކަމް ޓެކްސް އިން މި އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްތިސްނާ ވާނެ އެވެ.
ބޮޑުވަޒީރު އޯރްބާން ވަނީ މިއީ ޓެކްސް ލުއިކުރުމަށް ޔޫރަޕްގައި ހިންގާ އެންމެ ބޮޑު ޕްރޮގްރާމް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހަންގޭރީ އަކީ "ފެމިލީ ޓެކްސް ހެވަން" އަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
އިގްތިސާދީ މާހިރުން ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ. ސަރުކާރުން ވެސް އެއްބަސްވާ ގޮތުގައި 2029 ވަނަ އަހަރުގެ ނިޔަލަށް އެ ފިޔަވަޅުތަކަށް 2.38 ބިލިއަން ޔޫރޯ (2.71 ބިލިއަން ޑޮލަރު) ހޭދަވާނެ އެވެ.
އުފަންވާ ކުދިންގެ ރޭޓް ދަށްވަމުން ގޮސް ހަންގޭރީގައި މިދިޔަ މާޗް މަހާ ހަމަޔަށް އެ ރޭޓް ހުރީ ކޮންމެ އަންހެނަކަށް 1.31 ގަ އެވެ. މި ރޭޓް 2021 ވަނަ އަހަރު 1.61 ގައި ހުރުމަށް ފަހު ދަށްވެފައި ވާއިރު އެއީ ޔޫރަޕްގެ އެވްރެޖް ރޭޓް ކަމަށްވާ 1.53 އަށްވުރެ މަތީ ރޭޓެކެވެ.
ސަރުކާރުގެ އަމާޒަކީ ދަރިމައިވުމުގެ ނިސްބަތް 2035 ވަނަ އަހަރުގެ ނިޔަލަށް 2.1 އަށް މަތިކުރުމެވެ. މި ރޭޓަށް މަތިކުރެވިއްޖެ ނަމަ އާބާދީ ދަށަށް ދިއުމުގެ ޓްރެންޑް ބަދަލުވެ އިތުރުވާން ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އުފަންވާ ރޭޓް ހަންގޭރީގައި އެންމެ ދަށަށް ދިޔައީ 2011 ވަނަ އަހަރު އެވެ. އެ އަހަރުގެ ރޭޓަކީ 1.23 އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1 ޖިންސް
30 April 2025
ޢަދިވެސް އެއްޖިންސުން ކައިވެނި ކުރަން ހުއްދަދީ. ލައްކަ ވިހާނެ
ކޮތަރޭ
30 April 2025
ހަންގޭރީ މީހަކާ އިނދެގެން ދާންވީ ހަންގޭރީއަށް
އަމީތަ
30 April 2025
ރާއްޖޭގަ ބަލާނެ އިތުރު ޓެކްސްއެއް ނެގޭނެ ގޮތެއް އޮތް ތޯ
ސަލީމު އިދުރީސް
30 April 2025
މިތާ މުސާރައިން ޓެކުސް ނުކަޑާ އޮޅިގެން ތިއުޅެނީ މިތާޓެކުސް ކަޑަނީ ޓުއަރިސްޓުން އަތުން ބޮލުން ދުންއަރާވަރައް