ކުޅިވަރު / ބެޑްމިންޓަން އެސޯސިއޭޝަން

އިންތިހާބު ނުބާއްވާތީ މިނިސްޓްރީން ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑްކޮށްފި

އެސޯސިއޭޝަނުގެ ކުރީގެ ރައީސް މޫސާ ނާޝިދު (ކ) ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާ އެކު. -- މިހާރު ފައިލް ފޮޓޯ

30 އެޕްރީލް 2025 - 17:49

1 comments

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އާ ހިންގާ ކޮމިޓީއެއް އިންތިހާބުކުރެވެންދެން އެ އެސޯސިއޭޝަނުގެ ގައުމީ ހައިސިއްޔަތު، ސްޕޯޓްސް މިނިސްޓްރީން މިއަދު ނަގައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިންތިހާބެއް ނުބޭއްވުނުތަނުގައި، އަސާސީ ގަވާއިދަށް އިސްލާހު ވެސް ގެނެވިފައެއް ނުވެ އެވެ.

މިނިސްޓްރީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ސަބަބުތަކާ ހުރެ، އަސާސީ ގަވާއިދަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އިންތިހާބެއް ބޭއްވެންދެން ވަގުތީ ގޮތުން ގައުމީ ހައިސިއްޔަތު ނެގީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އެސޯސިއޭޝަނުގެ ނަމުގައި އެއްވެސް މުއާމަލާތެއް ކުރުން މަނާވާނެކަމާއި އެފަދަ އެއްވެސް މުއާމަލާތެއް އެ ކޮމިޓީގެ އެއްވެސް މެންބަރަކު ކުރިޔަސް އެއީ ސައްހަ މުއާމަލާތެއްގެ ގޮތުގައި ނުބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"އެހެންނަމަވެސް، ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންނާއި އޮފިޝަލުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގައުމު އަދި އެސޯސިއޭޝަން ތަމްސީލު ކުރުމަށް ހުރަހެއް ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ،" އިއުލާނުގައިވެ އެވެ.

މިނިސްޓްރީން ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ އެ އެސޯސިއޭޝަންގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުކޮށް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށް އެކި ގޮތްގޮތުން ކުރެވުނު ގިނަ މަސައްކަތްތަކުގައި އެ އެސޯސިއޭޝަންގެ އެއްބާރުލުން ނުލިބި ދިގުލައިގެން ދިއުމުން ކަމަށެވެ. އަދި އެސޯސިއޭޝަންގެ އަމަލުތައް ހުރި ގޮތުން، އެ އެސޯސިއޭޝަންގެ މެންބަރުންނާއި، އޮފިޝަލުން އަދި ހާއްސަކޮށް ކުޅުންތެރިންނަށް ފޫބައްދަން ދަތި ގެއްލުންތައް ލިބެމުން ދިއުމަކީ ވެސް މި ނިންމުން ނިންމަން ޖެހުނު ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މިނިސްޓްރީން ވަނީ އެސޯސިއޭޝަނުގެ މެމްބަރުންގެ ބައިވެރިވުމާ އެކު، އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިހާބު ކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް އޮލިމްޕިކް ކޮމިޓީ ގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް-ހޮކް ކޮމިޓީއެއް އެކުލަވާލަން ވެސް ނިންމައިފަ އެވެ.

އެ ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަސް ތެރޭގައި މަސައްކަތް ނިންމައި އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީއާ އެ އެސޯސިއޭޝަން ހަވާލު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

އިންތިހާބުގެ ކުރިން ހިންގާ ގަވާއިދު އިސްލާހުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް އެންގެވުމުން ވެސް އެސޯސިއޭޝަނުން އޭރު މަސައްކަތްކުރީ އެ އެންގުމަށް ތަބާނުވެ އިންތިހާބު ބާއްވާށެވެ.

ތޮލާލް އެންގެވީ އެ އެސޯސިއޭޝަނާ ގުޅިގެން ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާ އެކު، ކަންކަން ހައްލު ކުރުމަށް ފަހު ނޫނީ އިންތިހާބު ކުރިއަށް ނުގެންދާށެވެ. އެންމެ ބޮޑު ޝަކުވާއަކީ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިނުވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކަށް 100 އަށް ވުރެ ގިނަ ވޯޓް ދެވުމެވެ.

މީގެ އިތުރުން އޭރުގެ ރައީސް މޫސާ ނާޝިދަށް ކޮރަޕްޝަނުގެ ތުހުމަތު ވެސް ވަރަށް ބޮޑަށް ކުރެވުނެވެ. ތުހުމަތުތަކާ ގުޅިގެން މޫސަގެ ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ އާއި އޭނާ އާ ގުޅުން ހުރި އެހެން ތަންތަން އޭސީސީން ރެއިޑް ވެސް ކުރި އެވެ.

އެކަންކަމާ ގުޅިގެން އިންތިހާބު ނުބޭއްވި ދައުރު ހަމަވެފައި ވަނިކޮށް މިދިޔަ އަހަރުގެ ޖުލައި މަހު މޫސަ އިސްތިއުފާ ދެއްވި އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެސޯސިއޭޝަނުގައި އޭނާގެ ނުފޫޒާއި، ކޮންޓްރޯލް އޮންނަ ކަމަށް ތުހުމަތުކުރެވެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޅި

30 April 2025

އެފްއޭއެމަށްވެސް ތިހެން ހަދާބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454