02 މެއި 2025 - 07:49
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިނުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ ރޭ ހޮވައިފި އެވެ.
އެ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ސައްދާމް އެވެ. ޖުމްލަ 19 އުމްރާ ދަތުރު ދޭ އެ ޕްރޮމޯޝަނުގައި ބާކީ 18 ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވަމުން ދާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައި ވަނީ ހައްޖު ދަތުރެކެވެ. އެއީ ނަސީބުވެރި އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި، އުރީދޫ މިހާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.
އުރީދޫގެ މި ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހަށް ހާއްސަކޮށް ތައާރަފުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާ އެކު، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވެގެން ދިއުން ކަމަށް ބުންޏެވެ.
އުރީދޫން މި އަހަރުގެ އޮގަސްޓު މަހު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޯންޗުކުރި ކެމްޕެއިންގެ ދަށުން އިތުރު އޮފާތަކާއި ޕްރޮމޯޝަންތައް އަދި ހަރަކާތްތައް ވަނީ ރާވައިފަ އެވެ. އޮގަސްޓު މަހުގެ ނިޔަލަށް އެކި ހަރަކާތްތައް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy