ހެރީ ކޭން
04 މެއި 2025 - 23:17
ޖަރުމަން ބުންޑެސްލީގާގެ ޗެމްޕިއަންކަން ބެޔާން މިޔުނިކުން ކަށަވަރުކޮށް އެ ޓީމުގެ ފޯވާޑް ހެރީ ކޭންގެ 15 އަހަރުވީ ކެރިއާގައި ފުރަތަމަ ތަށި އޭނާ ވެސް ހޯދައިފި އެވެ.
ބެޔާން އަށް ލީގު ޗެމްޕިއަންކަން މިރޭ ކަށަވަރުވީ ވާދަވެރި ބެޔާ ލެވަކޫސަން ފްރައިބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅު ނުވެވުމުންނެވެ. އެ މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ.
އުއްމީދީ ކޯޗު ޒަބީ އޮލަންސޯއާ އެކު މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ލެވަކޫސަން، މެޗު މޮޅުވިނަމަ ބެޔާނަށް އަނެއްކާވެސް އިތުރު އިންތިޒާރެއް ކުރަން ޖެހުނީ އެވެ.
އިއްޔެ ރެޑްބުލް ލައިޕްޒިގްގެ މެޗުން ލީގު ޗެމްޕިއަންކަން ހޯދެން އޮތް ނަމަވެސް އެ މެޗުން ބެޔާން އެއްވަރުވީ އެވެ. އެ މެޗަށް ސަސްޕެންޑްވެފައި ވުމުން ހެރީ ކޭން މެޗު ބެލީ ސްޓޭޑިއަމްގެ ސްޓެންޑްގައި ހުރެގެންނެވެ.
ލީގު ޗެމްޕިއަންކަން ބެޔާނަށް ކަށަވަރުވުމާ އެކު އެ ކާމިޔާބު އެންމެ ހާއްސަ ކުޅުންތެރިޔަކީ ކޭން އެވެ. އޭނާ ފިޔަވައި ބެޔާންގެ ޓީމުގައި ތިބި މަޝްހޫރު ކުޅުންތެރިންނަކީ ގިނަ ތަށިތަކެއް ހޯދި ކުޅުންތެރިންނެވެ.
ތައްޓާ ބީރައްޓެހި ކުޅުންތެރިޔަކަށް ހުރީ ކޭން އެވެ. ޓޮޓްޓަމް ހޮޓްސްޕާސް އާއި އިންގްލެންޑްގެ ގައުމީ ޓީމާ އެކު ވެސް ތައްޓާ ވަރަށް ގާތަށް ގޮސް ކޭން އަށް އަންނަ ޖެހުނީ ކަރު އެލުވާލައިގެންނެވެ.
ޔޫރޯ ފައިނަލުގައި ވިދިވިދިގެން ދެ ފަހަރު އިނގިރޭސި ގައުމީ ޓީމާ އެކު ކުޅުނު ކޭން އަށް އެ ދެ ފަހަރު ވެސް ތަށީގައި އަތެއް ނުލެވުނެވެ. ޓޮޓްނަމްއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަދި އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ދެ ފަހަރެއްގެ މަތިން ކުޅުނު އިރު ވެސް ކުރިމަތިވީ ހިތްދަތި ނަތީޖާ އެކެވެ.
އޭނާގެ ފުރަތަމަ ސީޒަންގައި ބެޔާންއާ އެކު ވީ ނާކާމިޔާބެވެ. ލީގު ގެއްލުމުގެ އިތުރަށް ޖަރުމަން ސުޕަ ކަޕްގެ މެޗުގައި ވެސް އެ ތަށި ވެސް އޭނަގެ ފުރަތަމަ ސީޒަނުގައި ގެއްލުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy