06 މެއި 2025 - 11:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލަ އަށް މިއަދު ހަތަރު އަހަރު ފުރުނުއިރު، އިންސާފު ނުލިބި ލަސްވާތީ ތަހުގީގު އަވަހަށް ނިންމައި އިންސާފު ހޯދައިދޭން ޑިމޮކްރެޓްސް އިން އެދިއްޖެ އެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް ހަތަރު އަހަރު ފުރުމާ ގުޅިގެން، އެ މަނިކުފާނު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައަށް މިހާތަނަށް ވެސް އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިދިޔަ އަހަރުގެ މާޗު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވިޔަސް އޭގެ ފަހުން އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތް ކަމުގެ ކަންބޮޑުވުން ވެސް ޑިމޮކްރެޓްސް އިން ފާޅުކުރި އެވެ.
ނަޝީދަށް ހަމަލާ ދޭން ގޮއްވާލި ސައިކަލް -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއް ކަމަށް ވިޔަސް އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅު އަޅައި އަމަލު ކުރުމަށް ހަމަޖެހިފައިވާ ކުށަކަށް ވާއިރު އެކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާ ކަމަށް ދެކެމެވެ،" އެ ބަޔާނުގައި ވެ އެވެ.
"މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިފައި ވުމުގެ އަސްލަކީ ވެސް މިއީ ކަމުގައި ދެކެމެވެ."
ހަމަލާ ދިނުމުގެ ކުރިން ވެސް ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވާ ކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާކަން އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އެކަމަކު، އެ ހަމަލާ ދީފައި ވަނީ ވެސް ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު ކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނަވަނިކޮށް ކަމަށް ވެސް ޑިމޮކްރެޓްސް އިން ފާހަގަ ކޮށްފައިވެ އެވެ.
ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވިފައި ނުވާ ކަމަށާއި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައި ނުވާ ކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން ފާޅުކުރި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ނިޝާން އަލީ/ މިހާރު
މިހާތަނަށް އެ މައްސަލާގައި ހުކުމެއް އައިސްފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްޗށް އައިސްފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އެހެން މީސްމީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދާއިރު، މިދިޔަ އަހަރުގެ އޭޕްރީލް 19 ގައި ބޭއްވި ޝަރީއަތުގައި، އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ، އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް ފަހު ދެ ފަރާތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އެ ތާވަލް އޮތް ގޮތުން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާ އިންސާފުވެރިކަމާ އެކު ތަހުގީގު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރަށް ހޯދައި ނުދެވުނު އިންސާފު އެ މަނިކުފާނުގެ ސަރުކާރުގައި ހޯދައި ދެއްވާނެ ކަަމަށެވެ.
ނަޝީދު ގޭގައި އުޅުއްވާ ވަގުތު އެ މަގު އޮންނަނީ ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ވެސް ކޮށްފައި--
ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، 16 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.
ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ އަދުހަމްގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނެއްކާ ސޯލިހުދުވަސް ދިޔައި
07 May 2025
ތި އުޅުއްވަނީ އިންސާފު ހޯދާކަށް ނޫނެވެ. މަށަށް ވެރިކަން ނުކުރެވިދާނެތީ އެހެންމީހަކަށް ވެސް ނުދޭށެވެ.
ކޮރަލް
06 May 2025
އިންސާފު އަވަހެއް ނުވާނެ އެވެ. އިންސާފު ލިބެންވާ މީހާ ހުރީ އެފްރިކާ ގަ އެވެ. އަވަސް ކުރަން ސަރުކާރުން ނޯޓިހެއް ނެރެގެން ވިއަސް އޭނަ މި ގައުމަށް ގެންނަން ވީ އެވެ.
އ
06 May 2025
ތި އިންސާފު ލިބުނު މީހަކު ދައްކަބަލަ.... މި ގައުމު އޮތް ގޮތަކައްތާ މިގައުމު ހިގާނީ... ތި ދައްކަނީ މިގައުމުގައި ވެރިކަންކުރި މީހެއްގެ ވާހަކަ ދެން ކިހިނެއް އާއްމު ރައްޔަތުމީހާގެ ހައްގު ވީތަނެއް ހޯދާނީ...
ތަފްސީލު
06 May 2025
ނަޝީދު ދެކެ ނުހަނު ލޯބިވާ، ސޯލިހު، އެމްޑީޕީ ވެރިކަމުގަ ނުކުރެވުނު ތަހުގީގެއް އެހެން ބަޔަކަށް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން، އަދި ތަހުގީގުކުރިޔަސް އެމްޑީޕީން އެކަން ބަލައެއް ވެސް ނުގަންނާނެ، ކަމަކާ ޖެހުނީމަ އެމްޑީޕީން ހޯދައިދޭ އިންސާފު ނަޝީދުގެ ހާދިސާއަށް ނަޒަރު ހިންގާލިޔަސް ހާމަވާނެ
ސުންދުސީ ޕަރީ
06 May 2025
ދެން ނަޝީދު އިންސާފް ހޯދަން ރައީސް ކަމަށް ވާދަ ކުރޭ! ދެން ހޮވިއްގިއްޔާ އަމިއްލަ އަށް އިންސާފު ހޯދޭތޯ ބަލާ! އެހެން ނޫނީ މަނިކުފާނު ހިމޭނުން ބޭރު ދުދިޔޭގަ އޮވޭ! އޯކޭ ވާނެ!!
އަލިކާ ދިއްދޫ
06 May 2025
ރައީސް ނަޝީދައް އަވަހައް އިންސާފުލިބި މިހަމަލާ ދޭންޖެހުނުސަބަބާއި ހަމަލާގައި ބައިވެެރިވި އަދި މިކަންރޭއްވި ފަރާތައް އަވަހައް ހޯދާ އެބަޖެހޭ އިންސާފުގާއިމުކުރަން. ގާނޫނުން އެބަޖެހޭ ހިންގައް މިއުޅެނީ ނިޒާމުގެ މައްސަލައެއްނޫން އިހުލާސްތެރިކަމާއެކު ގާނޫނު ތަންފީޒުކުރާނެ ބައެއް ނުވަތަ ވެރިން ބޭނުންވަނީ. ހަމަހަމަކަމާއެކު އިންސާފުލިބުމަކީ ކޮންމެއް މީހަކައްވެސް ލިބިގެންވާ ހައްގެއް
އެމްސް
06 May 2025
އެމްޑީޕީ ވެރިކަމެއްގަ، އެޕާޓީގެ އިސްމެމްބަރެއް، މަޖިލިސް ރައީސްގެ މަޤާމުގަ ހުއްޓާ ނުލިބުނު އިންސާފެއް ދެެން ލިބޭނީ ފަހެ ކާކަށްބާއެވެ؟
ފަހި
06 May 2025
މަޙްސަރުދުވަހުން ނޫނީ ހަޤީޤީ އިންޞާފެއްނުލިބޭނެ ކެތްކުރޭ
ހަހަރު
06 May 2025
ކޮބާތޯ ތިކިޔާ އިންސާފަކީ.. ގައިމު މީހަކު ޖަލިގަވެސް އެބަ ގެންގުޅެ ތިކަމެއްގަ. އިންސާފަކަށް ދެންވާނީ އެކަން ކުރި މީހާވެސް ގޮއްވާލީމާތަ
އެމްސް
06 May 2025
ފަންޑް ފޮށްޓާއި އަސްލު ބޮސް ކޮބާ؟
ޒަރީމާ
06 May 2025
ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ރައީސް ނަޝީދު ރަހީންކޮށް ގާނޫންއިން ބޭރުން ހައްޔަރުކުރިތާ ކިތައް އަހަރުވެއްޖެތޯ؟ ނަޝީދު އިންސާފު، ޑިމޮކްރަސީގެ ވާހަކަ ނުދައްކާށެވެ. މަނިކުފާނު ފުރަތަމަ އިސްލާހުވޭ!
އެމްސް
06 May 2025
މާނައަކީ އީވާން ނަސީމް މެން ފަދަ މަރަށް އިންސާފު ނުހޯދާ އެހެން މަރެެއް ބަލާނެކަމެއް ނެތޭ؟