"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
09 މެއި 2025 - 23:24
ރާއްޖޭގައި އިންތިހާއަށް އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ގައުމު ޑިޖިޓަލް ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް 2.0" އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އެ މަންޒިލަށް ވާސިލުވުމަށް ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާ އެވެ. އެ މަނިކުފާނު ވިދާޅުވީ ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބައޮތް ކަމަށާއި ޑިޖިޓަލްކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށެވެ.
ކޮރަޕްޝަން ނައްތާލުމަށް ގައުމު ހިންގުމުގެ ނިޒާމު ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ އިންސާނުންގެ ބައިވެރިވުން ކުޑަކުރެވުނު މިންވަރަކަށް ކޮރަޕްޝަނުން ސަލާމަތް ކުރެވޭނެ ކަމަށެވެ.
"ޑިޖިޓަލައިޒް ކުރެވި ހިއުމަން އިންޓެވެންޝަން ކުޑަކުރެވުނު ވަރަކުން ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިރޭ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިސާލެއްގެ ގޮތުގައި ރައީސް މުއިއްޒު ދެއްކެވީ އެ މަނިކުފާނު ދާދި ފަހުން ވަޑައިގެންނެވި އެސްޓޯނިއާ އެވެ. އެއީ ޑިޖިޓަލް ދުނިޔޭގައި އެންމެ ކުރީގައި އުޅޭ އެއް ގައުމު ކަމަށާއި އެ ގައުމަކީ ކޮރަޕްޝަން ނައްތާލާފައިވާ އިންޑެކްސްގައި އެންމެ ކުރީގައި އުޅޭ އަދި ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ކުރީގައި އުޅޭ ގައުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ދެ ކާމިޔާބުގެ ފަހަތުގައި ވަނީ ޑިޖިޓަލް ދުނިޔޭގައި އެ ގައުމަކީ ކުރީގައި އުޅޭ ގައުމަކަށް ވުމެވެ. އެހެންވެ، އެސްޓޯނިއާ ފަދަ ގައުމަކަށް ރާއްޖެ ހެދުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ 2.0" އިފުތިތާހު ކުރުމާއި "މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޯމޭޝަން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން---ފޮޓޯ: ރައީސް އޮފީސް
ޑިޖިޓަލް ކުރުމުގެ ސަބަބުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުވާނެ ކަމަށާއި ފަސޭހަކަމާ އެކު، އަވަހަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.
ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެންނެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑަކީ ސްމާޓް ކާޑަކަށް ބަދަލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން ފަދަ ކަންކަން ހިމެނެ އެވެ.
ރައީސް ވިދާޅުވީ އުމްރާނީ ތަރައްގީއާ އެއްވަރަށް މިކަމަކީ ރާއްޖެ އަށް ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު "މޯލްޑިވްސް 2.0" މިރޭ އިފުތިތާހު ކޮށްދެެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
"ހިންގުމުގެ ނިޒާމު ބަދަލުކުރުމަކީ ވަކި އުސްމިން ކުޑަ ކަމެއް ނޫން. ދެފުށް ފެންނަ އަވަސް މިނުގައި ހިދުމަތް ދެވޭ، އެއްވެސް ކަހަލަ ބެރިއާއެއް ނެތި މައުލޫމާތު ދެވޭ ހަރުދަނާ ނިޒާމެއް ގާއިމުކުރުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮފީސްތަކުން މަސައްކަތް ކުރަމުން އައި ގޮތް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށް ބޭނުންވާ ތަމްރީނުތައް ދީގެން އެކަމަށް މީހުން އަހުލުވެރި ކުރެވޭނެ އެވެ. އަދި މުޅި މަޝްރޫއުއާ ގުޅޭ ގާނޫނަކާއި އޭގެ ދަށުން އަންނަ ގާނޫނުތަކެއް ވެސް ހަދަންޖެހޭ ކަމަށާއި މި ދައުރުގެ ތެރޭގައި އެ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަކީ ދުނިޔޭގެ އެންމެން ބަލައިގަންނަ ފެންވަރުގެ ހިދުމަތް ދިނުމާއި ހިންގުމުގެ ނިޒާމު ހަރުދަނާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެންމެންގެ އެއްބާރުލުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލިމާ
12 May 2025
މިއުޅެނީ އާރޓީއައި ފޮނުވީމަ ނުދީގެން. ކޮން މޮޅު ވާހަކައެއް 2.0 އޭ ކިޔަގެން މިއަނބުރަނީ
ށަވިޔަނި
12 May 2025
އިސްލާމް ދީނުގައި ކޮރަޕްޝަން (ވައްކަން) ނައްތާލާނެ ގޮތް އެބައޮތް، ވައްކަން ކުރަނީ ކޮންބައެއްކަން، އެބައެނގޭ މި ސަރުކާރު އައި ފަހުން، ކުރިޔަށްވުރެ އެތައް ގުނައެއް އޮތީ މެކުހަށް ޖަހާފައި، ވެރިކަމަށް ދަހިވެތިވި މީހުން ދަހިވެތިވީ ވެރިކަމުގެ ތެރެއިން މުއްސަނދިވާން، މަގާމުތަކާ ހަވާލު ވުމަށް ފަހު ފެޝީ އެ މަަސައްކަތް، ވެރިމީހާއަށް އެނގުނަސް އަދި ވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ. ޑިޖިޓަލް އަކުން މީހުން ޚިޔާނާތްތެރިކަން ނައްތައެއް ނުލެވޭނެ.
ސަރުދާރުު
11 May 2025
ޑިޖިޓަލް ވެގެން ކޮރަޕްޝަން ނައްތާލެވެންޏާ މާލެސިޓީ މާވެހި ޕޯޓަލްއިން އެކަން އެގޮތަށް ނުވަނީ ކީއްވެތޯ؟
ދޫނހެބެރި
12 May 2025
ފުރަތަމަ މެންބަރުންގެ ފައިގައި ޓެގު އެޅުވީ، އިންސާފުގެ ކަންފުޅެއްވެސް ނެތި ފަނޑިޔާރުންނަށް އެހަދާލާގޮތް، އެޗްޑީސީގެ މައްސަލަ، ސިޔާސީ މަގާމުތައް، މިނިވަން ތަންތަން މުށުތެރެއަށް ގެންދާގޮތުން ސަރުކާރުން ހައްގުތައް ނިގުޅައިން ގަންނަން ނުކުރާނެ ކަމެއް ނޯންނާނެކަން ހާމަކަން ބޮޑުކޮށް އެބައެނގޭ.
މޯލްޑިވްސް ވަރޝަން
11 May 2025
2.0 ގައި ވޯރކްޕަރމިޓް އެޕްރޫވަލް ކަޓުގެ އަގު ބޮޑުތަ؟
ީުޔތެއދޗގޖ
11 May 2025
ކޮރަޕްޝަން ގިނަވަނީ ގައުމު ޑިޖިޓަލް ނުވެގެންތަ ނޫނީ ތަންފީޒީ އިދާރާ ތަކުގަ ކަމެއް ނެތީމަތަ؟؟
ފާފު
12 May 2025
2.00 ނެތިގެންތަ ޔުމްނުގެ މައްސަލައިގައި ފެށުނުއިރު ވެސް ގޯސްހެދީ، އެކަމުގައި ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރާއިރު ކަހާތަން ހިރުވާވެސް ނުލާ. ސިޔާސީ ވަޒީފާގެ އަދަދު 2.00 ން ހާމަވާނެ ތޯއްޗެއް؟
ޖޯކް
10 May 2025
ސިކުނޑި ޑިޖިޓަލް ކުރަންވީނުން.
ވޯޓް އޮޅުވުން ތީގެ ސިއްރަކީ
10 May 2025
އިމާރާތެއް އެނދީމަ އެތާނގަ ހުރި ޕީޑީއެފް ފައިލް ރައްކާތެރި ކަމާއެކު ނުބެލެހެއްޓުނު ބަޔެއް، ކޮން ޑިޖިޓަލެއް ކުރަން ތިމަރުދެނީ.
އޭސީ.ސީ
10 May 2025
މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށް ބުނާއިރު އޭގެން ނައްތާލެވޭނެ ކޮރަޕްޝަންތައް މިސާލާއެކު ކިޔާދިނީމަ އެނގޭނީ. މިސާލަކަށް: ސީޔާސީ މީހުންގެ ނުފޫޒުން ވަޒީފާދިނުން، ސީޔާސީ މީހުންގެ ނުފޫޒު ފުލުހުންނަށާއި ޖުޑިޝަރީއަށް ފޯރުވުން. ސަރުކާރުން ތަނެއްކުއްޔަށް ނަގާއިރު އެކަމުގައި އުޅޭ ސަރުކާރު މުވައްޒަފު ނަގާ ކޮމިޝަން، އެހެންވެސް ޕުރޮޖެކްޓުތަކުން ނަގާ ކޮމިޝަން. މިކަންކަން ހުއްޓޭނެތޯ؟
ޚެިއި
11 May 2025
ވަގުތުން ހުއްޓޭނެ. އެވަރު ސިސްޓަމެކޭ ހަދަނީ
އަސް
10 May 2025
މި ވެެރިކަން އައި އިރުވެސް ބޮޑު % އެއް ޑިޖިޓަލް ކޮށްފަ އޮތީ، ކޮރަޕްޝަން ދިޔައީ މައްޗަށް.
އެންމެ ކުޑަމިނުން ކާނާ ކޮޅު އެތެރެނުކޮށް ވާވަރު ކޮށްލަން؟
10 May 2025
ހަނގުރާމައަށް އެއްދުވަހަށް ވުރެ އަނެއް ދުވަސް ކައިރިވަމުން ދާއިރު އަމިއްލަ ފުދުންތެރިކަން ގެނައުމަށް ކުރީ ކޮންކަމެއްތޯ ؟؟؟