މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 ނޮވެމްބަރ 2025 - 13:22
ދައުލަތުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކުރަން ސަރުކާރުން މި އަހަރު ތައާރަފުކޮށްފައިވާ "މޯލްޑިވްސް 2.0"ގެ ސިޔާސަތަކީ ދައުލަތުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލަން ކުރާނެ އެންމެ ބޮޑު މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު ބޭއްވި، 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ކުރުމަށް ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރުގެ ހިންގުމުގެ ނިޒާމުން ކޮރަޕްޝަން ނައްތާލެވިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަކީ އެ މަނިކުފާނުގެ ވައުދަކަށް ވެސް ވާތީ، އެ މަގުސަދު ހާސިލްކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަނަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އޮތް ނޭދެވޭ ސިފައެއް ނަމަވެސް، ތަފާތަކީ ކޮރަޕްޝަން ނައްތާލަން އެ ގައުމަކުން ކުރާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ހިންގުމުގެ ނިޒާމަކީ ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭނެ ގޮތް ފަހިވެފައިވާ އެއްޗަކަށް ހެދުމާއި އެ ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ނައްތާލުމަކީ އަދުލުވެރިން އިންސާފުވެރި ވެރިކަމެއް ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުގެ މަތިން މި އަންނަ އަހަރަކީ މި ސަރުކާރުން، ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އެންމެ މުހިންމު އަދި އެންމެ ބޮޑު މަސައްކަތް ކަމަށްވާ "ޑިޖިޓަލައިޒޭޝަން، މޯލްޑިވްސް 2.0" ފަށާ އަހަރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0 ވެގެން ދާނީ އިރާދަކުރެއްވިއްޔާ ގަވަނެސް ނިޒާމުން، ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން ކުރާނެ އެންމެ ބޮޑު މަސައްކަތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިނަ ފަހަރަށް ކޮރަޕްޝަންގެ އަމަލު ހިންގަނީ، އަމިއްލަ ފައިދާއެއް ހޯދުމަށް އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެވެސް ގޮތަކުން އޮންނަ މީހުން ކަމަށެވެ. އަދި އެންމެ ދަށު ލެވަލްގެ ވަޒީފާއިން ފެށިގެން އެންމެ މަތީ ލެވަލްގެ މަގާމުތަކުގައި ތިބޭ މީހުން ވެސް ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިސާލެއްގެ ގޮތުގައި ނެންގެވީ ބިދޭސީންނަށް ވިސާ ދިނުމުގައި ރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތަކެވެ. ބިދޭސީންނަށް ވިސާ ދިނުމުގައި ކޮރަޕްޝަން ހިންގާތާ އެތައް ޒަމާނެއް ވެފައި ވިޔަސް، މި ސަރުކާރުން އިއްޔެ ތައާރަފުކުރި މޯލްޑިވްސް އިިމިގްރޭޝަންގެ އީ-ވިސާގެ ނިޒާމު ވާނީ އެ އަމަލު ހުއްޓުވުމަށް އެޅުނު އެންމެ ބޮޑު ފިޔަވަޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އިއްޔެ، އިމިގްރޭޝަން ސާވިސް އެއްކޮށް ވަނީ ޑިޖިޓަލައިޒްކޮށްފައި. ހިއުމަން އިންޓަވެންޝަން ހަމަ ގާތްގަނޑަކަށް ހުއްޓާލެވިފައި،" ރައީސް ވިދާޅުވި އެވެ.
"މާނައަކީ ރައްޔިތަކު މީހަކު ކައިރީގައި ބުނެ އާދޭސްކޮށްގެން ދެން އެކަމުގައި ކޮރަޕްޝަން ހިންގުމަށް ފުރުސަތު ނޯންނާނެ ގޮތަށް އޮޓޯ ސިސްޓަމަކުން ޑިޖިޓަލައިޒްކުރިއްޔޭ."
ރައީސް ވިދާޅުވީ "މޯލްޑިވްސް 2.0"ގެ މަސައްކަތް ފަށަން، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބޮޑު އަދަދެއް ކަނޑައަޅާފައި ވާނެ ކަމަށެވެ. އަންނަ އަހަރު އެ މަސައްކަތް ފަށައި 2028 ވަނަ އަހަރުގެ މެދު ތެރެއަށް ދާއިރު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
12 November 2025
އެހެންވެ ދޯ މޯލްޑިވެސް 2.0 ގެ ދަށުން އެތައް ބިލިޔަނެއްގެ ޕްރޮޖެކެޓްތައް ބިޑް ނުކޮށް ތިޔަ ބަހާލީ؟
އަފްރާސިޔާބު
12 November 2025
އޭތް! އޯތް! މިގައުމުގައި ކޮރަޕްޝްން ހިންގަނީ ވަރަށް ސިއްރުން މަދު މީހަކު ކަމުގައިވަނީ. އަދި ކޮރަޕްޝަން ހިންގަނީވެސް ދަށުފަންތީގައި ތިބި މުވައްޒަފުންނޯ. 2.0 ޕްރޮގްރާމަކީ ކޮރަޕްޝަން ވެރިންނަށް ނޭގި ނުހިންގޭނެޔޯ!
ބަޑިތަކުރު
12 November 2025
ތިޔަކަމުން ކޮރަޕްޝަން ނައްތާލެވޭނަމަ ފުރަތަމަ ތިޔަ ނިޒާމް ގާއިމުކުރަންވީ ކަސްޓްމްސްގައެވެ. އެތާނގެ ތެރޭގައި ކޮރަޕްޝަން އޮތްވަރުން އެއްވެސް މީހަކަށް ފިޔަވަޅު އަޅަންވެސް ދަތިވާ މިންވަރަށް ކަންތައް ގޯސްވެފައިވާކަން އެނގެނީ އިހަށްދުވަހު ވަކިކުރިމީހާވެސް މަހެއް ނުވަނީސް އެހުރީ ވަޒީފާ އިއާދަކޮށްފައެވެ. ބޮޑެތި ކުންފުނިތަކުން ހަދިޔާ ލިބޭ މީހުންނާއި މަހު މުސާރަފަދައިން އިނާޔަތް ލިބޭމީހުންވެސް އެތާނގައި ތިބޭކަމަށްވެއެވެ.
ސަރުދާރުު
12 November 2025
ތިޔަ މޯލްޑިވްސް 2.0 ހެދުމަށް އެންމެ ބޮޑު ކޮރަޕްޝަންދާނީ މިހާރުވެސް އެކަން ހަވާލުކުރި ޓުރޭޑްނެޓް ދަރަނިވެގެން އެއުޅެނީ
ކޮސް
11 November 2025
ރާއްޖޭގެ 2.0 އަކީ ވޯޓުލާ ސިސްޓަމުގެ ތެރެއިން " ކުޑަކާފު , ބޮޑުކާފު" ގެ އާ ވަރޝަން. ނަމުގަ ހަރަދު ކުޑަކުރުން.
ނޫސަންގު
11 November 2025
އެއްވެސް ސިސްޓަމެއް ނުހިނގާނެ މީހުންނާ ނުލާ. ކޮރަޕްޓް ވަނީ މީހުން. އެކަން ފަހިކޮށްދެނީ ލީޑަރޝިޕުން. ކޮރަޕްޝަން ނައްތާލަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގައުމުގެ އިސް ސަފުން ޢަމަލާ ބަހުން އެކަން ދެއްކުން. އެފަދަ ސަގާފަތެއް ޕާޓީގަަޔާ މަޖިލީހުގައި ކެބިނެޓް އަދި ކުންފުނިތަކުގެ އަޝަގެންނެވުން. ވެރިކަމާ ޙަވާލުވެ އެމްޑީޕީ މެމްބަރުންތަކެއް ގަނެލީ. ދެން ވެވަޑައިގަތީ ބިއްލޫރި ޓަނަލްގެ ބޮޑު ދޮގު ވަޢުދު. ދެން ކިހިނެއް ތިވާހަކަ ގަބޫލް ކުރާނީ
އަފްރާސިޔާބު
12 November 2025
ނޫން. އަތުން ލިޔާތީ ކޮރަޕްޝަންގެ އަމަލު ހިނގަނީ. ސިސްޓަމުގެ ތެރެއިން ކަރަޕްޝަނެއް ނުހިނގާނެ. ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިނގާނީ.
ޑީިޑީި
11 November 2025
2.0 ކަރޮޕްޝަން ނިމެންޏާ ހާދަބަޔަކު ފަގީރުވެގެންދާނޭ.
އެހެންނު
11 November 2025
ދެފުއް ފެންނަގޮތެއް ބަޖެޓެއް ހުށަހަޅަން ނުކެރޭ ބަޔަކު ކޮރަޕްޝަންގެ ވާހަކަ ނުދައްކަމާ ބިހީ.
ހުސް ދޮގު 2.0
11 November 2025
ތިކަމެއް ދުވަހަކުވެސް ނުނިމޭނެ. ތިއީ ބްރިޖެއް ނޫން. އީފާސްގައި އެހާވަރަށް މައްސަލަ ބޮޑުނަމަ 2.0ގެ މައްސަލަ އެއަށްވުރެ ބޮޑުވާނެ. މިއުޅެނީ މީހުންގެ އީފާސް ލޮކްވެގެން ޑޮކްޓަރަށް ނުދެކެވޭ ހާލުގަ. ހުކުރުދުވަސް ނަމަ އަންލޮކްވެސް ނުވެވޭ.
ނުނން
11 November 2025
ހަމައަންނަނީ ހިނި ......