ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ހުރިހާ މަސައްކަތެއް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރާ "ޕީޖީއޯ 2.0" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
ރައީސް މުއިއްޒު "ޕީޖީއޯ 2.0" އިފްތިތާހުކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޑިޖިޓަލް ޓްރާންސްފޮމެޝަންގެ ދެ އަހަރު ދުވަހުގެ ހާއްސަ ސިޔާސަތެއްގެ ދަށުން ފެށި "ޕީޖީއޯ 2.0" އަކީ ޕީޖީ އޮފީހުން ޒަމާނުއްސުރެ ކަރުދާހުގައި ކުރަމުން އައި މަސައްކަތް ޑިޖިޓަލް ނިޒާމަކަށް އެއްކޮށް ބަދަލުކުރުމަށް ހިންގާ މަޝްރޫއެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގައި ޕްރޮސިކުޓަރުންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ. އޭއައިގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރު ކުރެވޭނެ އެވެ.
އޭއައިގެ އެހީގައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ހަލުވި ކުރެވި، ހެކި ވަޒަންކުރުމާއި ގާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޕްރޮސެކިއުޓަރުން ހޭދަކުރާ ވަގުތު ވެސް ސަލާމަތްކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އޭއައިގެ އެހީގައި މަސައްކަތްތައް ފަސޭހަކުރި ނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ ޕްރޮސިކިއުޓަރުން އަމިއްލައަށް ކަމަށެވެ. އޭއައިގެ އެހީ ހޯދުމުގެ މަގުސަދަކީ ޕްރޮސެކިއުޝަންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށް އެ އޮފީހުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވަނީ ހެއްކާ ބެހޭ ގާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ޝާއިއުކޮށްފައިވާ "އެވިޑެންސް އަ ޕްރެކްޓިޝަނާ ގައިޑް" ފޮތް ވެސް ނެރެފަ އެވެ.
ޕީޖީ އޮފީހުގެ އާ ވެބްސައިޓާއި އާންމުންނަށް ހިދުމަތް ދިނުމަށް "އީ-ދޮރޯށި" އަދި "ލެތުން"ގެ ނަމުގައި ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ވެސް އެ ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައިވެ އެވެ. ހާއްސަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ގާނޫނަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ކޯޓުތަކުގެ ނިންމުންތައް އަދި އިނގިރޭސި ތަރުޖަމާ ވެސް ލިބޭނެ އެވެ.