ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، (އައިއެފްސީއޭސީސީ) ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރު ރިޟްވާން ޝަރީފާ ބައްދަލުކުރައްވަނީ--
13 މެއި 2025 - 21:45
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން، އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރު (އައިއެފްސީއޭސީސީ) ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރު ރިލްވާން ޝަރީފާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި އޮތް އެ ބައްދަލުވުމުގައި ނަވީން ވަނީ އައިއެފްސީއޭސީސީ އިން ފުލުހުންނަށް ދޭ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް އަރުވައިފަ އެވެ.
އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މާލީ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ފުލުހުންނާއި އައިއެފްސީއޭސީސީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
ނަވީން ވަނީ އިންޓަޕޯލުން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޓަޕޯލުން ދޭ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.
ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް، ހާއްސަކޮށް މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ރިޟްވާން ޝަރީފް ތައުރީފުކުރެއްވި އެވެ.
ރިލްވާންގެ މި ދަތުރަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމެއްގައި އިންޓަޕޯލް ތަމްސީލު ކުރެއްވުމަށް ރާއްޖޭއަށް ކުރައްވަމުންގެންދަވާ ދަތުރެކެވެ.
ނަވީން ވަނީ މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެފްސީއޭސީސީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
ރިލްވާނަކީ ފުލުހުންގެ ހިދުމަތުން އިންޓަޕޯލަށް ސެކަންޑްކޮށްފައިވާ އޮފިޝަލެކެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި ސަބަބުން ރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކޮސްސ
14 May 2025
ލޮލް. ފުލުހުން ކަނޑައަޅާފަ ހުންނަމީހަކަ ފުލުންހުން ބައްދަލު ކުރައްވައިފި.