14 މެއި 2025 - 11:28
އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ސަމްޕްޑޯރިއާ އެ ގައުމުގެ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ. މިއީ 1991 ވަނަ އަހަރު އިޓަލީގެ ޗެމްޕިއަންކަން ހޯދައި، ޖެހިގެން އައި އަހަރު ޔޫރަޕުގެ ފައިނަލަށް ދަތުރުކުރި ކްލަބް، މިހާ ދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.
އެ ޓީމު ރެލިގޭޓްވީ އިއްޔެ ޔޫވޭ ސްޓެބިއާއާ 0-0 އިން އެއްވަރުވެ، ލީގުގެ ގަދަ 15 ޓީމުގެ ތެރޭ ނުހިމެނޭނެކަން ކަށަވަރުވުމުންނެވެ. އެ ޓީމު އޮތީ 20 ޓީމު ވާދަކުރާ ލީގުގެ 18 ވަނައިގަ އެވެ.
ސަމްޕްޑޯރިއާ 2023 ވަނަ އަހަރު އިޓަލީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެ، ކުރިމަތިވި މާލީ މައްސަލަތަކާ ހެދި ބަނގުރޫޓުވި ކިރިޔާ އެވެ. އެ ފަހަރު ކްލަބް ސަލާމަތްކުރީ އިނގިރޭސި ކްލަބް ލީޑްސް ޔުނައިޓެޑުގެ ވެރިޔާ އިޓަލީގެ އަންދްރޭ ރަޑްރިޒަނީ އާއި، މަޓެއޯ މަންފްރެޑީ ހަވާލުވެގެންނެވެ. މިހާރު އެ ކްލަބުގެ މެޖޯރިޓީ ހިއްސާދާރަކީ ސިންގަޕޫރުގެ މަހުޖަނު ޖޯސެފް ޓޭ އެވެ.
ސަމްޕްޑޯރިއާ އިން ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި ޖެނުއަރީ މަހު އާ ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އަދި އިޓަލީގެ ލެޖެންޑް އަންދްރޭ ޕިރްލޯއާ ވެސް ޓީމު ހަވާލުކުރި އެވެ. ފަހުން ކޯޗަކަށް ގެނައީ އަލްބެރިކޯ އިވާނީ އެވެ.
އިޓަލީގެ ޖެނޯއާ އަށް ނިސްބަތްވާ ސަމްޕްޑޯރިއާގެ އެންމެ ހާއްސަ އެއް ކާމިޔާބަކީ 1992 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕުގެ ފައިނަލަށް ދަތުރުކުރުމެވެ. ރޮބާޓޯ މަންޗިނީގެ ކެޕްޓަންކަމުގެ ދަށުން ނުކުމެ ފައިނަލުން އެ ފަހަރު ސަމްޕްޑޯރިއާ ބަލިވީ ބާސެލޯނާ އަތުން 1-0 އިންނެވެ.
ސަމްޕްޑޯރިއާ އަކީ މަޝްހޫރު ވަރަށް ގިނަ ކުޅުންތެރިން ކުޅެފައިވާ ކްލަބެކެވެ. އޭގެ ތެރޭގައި މަންޗިނީގެ އިތުރުން، ޖިއަންލޫކާ ވިއާލީ އާއި، ވިންޗެންޒޯ މޮންޓެލާ، ފަބިއޯ ކުއަގްލިއެރާ، އަދި އެންޓޯނިއޯ ކަސާނޯ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްއިކް ގަން މުރުގަން
15 May 2025
އަވަހަށް އާދެ ރާއްޖެއަށް .