ސުނިލް ޝެޓީ އޭނާގެ ދަރިފުޅު އަތިޔާ ޝެޓީއާއެކު.
23 މެއި 2025 - 06:47
ބޮލީވުޑްގެ އެކްޓްރެސް އަތިޔާ ޝެޓީ ފިލްމު ކުޅުން ހުއްޓާލައިފި އެވެ.
އަތިޔާ ފިލްމު ކުޅުން ހުއްޓާލިކަން ހާމަކުރީ އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ އެވެ.
ސުނިލް "ޒޫމް" އަށް ދިން އިންޓަވިއުއެއްގައި ބުނީ އަތިޔާ ފިލްމީ ދާއިރާގައި މަސައްކަތްކުރުމަށް މިހާރު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އޭނާ ގާތުގައި ބުނެފައިވާ ކަމަށެވެ. އަތިޔާގެ އެ ނިންމުމަށް ވަރަށް އިހުތިރާމްކުރާ ކަމަށް ސުނިލް ބުންޏެވެ.
އަތިޔާއަށް ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ވެސް ލިބުނު ކަމަށާއި އެކަމަކު، އެ ހުރިހާ ފުރުސަތެއް އޭނާ ދޫކޮށްލީ ކަމަށް ސުނިލް ބުންޏެވެ.
އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލްއާ ކައިވެނިކޮށް، ކުއްޖަކު ލިބުނު ފަހުން އަތިޔާ އުޅެނީ ފިލްމީ ދާއިރާއާ ވަރަށް ދުރުގަ އެވެ.
"މިހާރު އޭނާ އެ ކުޅެނީ ހަޔާތުގައި ކުޅޭނެ އެންމެ ބޮޑު ރޯލު. އެ ކުޅެނީ އެންމެ ރީތި ފިލްމު، އެއީ ދިރިއުޅުމަކީ. މައެއްގެ ރޯލު. އޭނާ ވަރަށް އުފަލުގައި އުޅެނީ،" ސުނިލް ބުންޏެވެ.
އަތިޔާ ވަނީ އޭނާގެ ކުރު ފިލްމީ ކެރިއަރުގައި ތިން ފިލްމެއް ކުޅެފަ އެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 2015 ގައި ގެނެސްދިން "ހީރޯ" އިންނެވެ. އޭގެ ފަހުން ކުޅުނު ދެ ފިލްމަކީ "މުބާރަކާން" އާއި "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.
ރާހުލް އާއި އަތިޔާއަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ އަންހެން ކުއްޖެކެވެ.
އަތިޔާގެ އިތުރުން ސުނިލްގެ ހަގު ދަރިފުޅު އަހަން ޝެޓީ ވެސް އަންނަނީ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުންނެވެ. އަހަން މިހާތަނަށް އެއް ފިލްމު ކުޅެފައިވާއިރު، އޭނާގެ އިތުރު ދެ ފިލްމެއް މިހާރު އަންނަނީ ޝޫޓްކުރަމުންނެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 2021 ގައި ނުކުތް "ތަޑަޕް" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy