މި އަހަރުގެ ޔޫރޯވިޝަން ކާމިޔާބުކުރި އޮސްޓްރިއާގެ ލަވަކިޔުންތެރިޔާ ޔޮހާނެސް ޕީޓްސިކް (ޖޭޖޭ).-- ފޮޓޯ: އޭޕީ
23 މެއި 2025 - 06:48
މި އަހަރުގެ ޔޫރޯވިޝަން ކާމިޔާބުކުރި އޮސްޓްރިއާގެ ލަވަކިޔުންތެރިޔާ ޔޮހާނެސް ޕީޓްސިކް (ޖޭޖޭ)، އެ މުބާރާތުގައި އިޒުރޭލަށް ބައިވެރިވުމުގެ ފުރުސަތު ނުދޭން ގޮވާލައިފި އެވެ.
ޔޫރޯވިޝަންއަކީ މުޅި ދުނިޔޭގެ ސަމާލުކަން ކޮންމެ އަހަރަކު ވެސް ލިބޭ، ޔޫރަޕްގައި ބާއްވާ އެންމެ ވަރުގަދަ ލަވަކިޔުމުގެ މުބާރާތެވެ.
އެ މުބާރާތް ޖޭޖެ ކާމިޔާބުކުރީ އިޒުރޭލުގެ ލަވަކިޔުންތެރިޔާ ޔުވަލް ރަފައެލްއާ ވާދަކޮށެވެ. ވޯޓުގެ ނަތީޖާއިން އެންމެ ކުރީގައި އިޒުރޭލުގެ ލަވަކިޔުންތެރިޔާ އުޅުނު ނަމަވެސް، ޖޫރީގެ ނިންމުން ތަފާތުވެ އެ މުބާރާތުން މޮޅުވީ ޖޭޖޭ އެވެ.
މުބާރާތުން މޮޅުވުމަށް ފަހު ސްޕެއިންގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޖޭޖޭ ވަނީ އެ މުބާރާތުގައި އިޒުރޭލަށް ވާދަކުރުމުގެ ފުރުސަތު އަންނަ އަހަރު ނުދޭން ގޮވާލައިފަ އެވެ.
"އަހަރެން ބޭނުންވަނީ އަންނަ އަހަރުގެ ޔޫރޯވިޝަން ވިއޭނާގައި ބާއްވާއިރު، އިޒުރޭލު ނުލައި އެ މުބާރާތް ބާއްވަން. އެކަމަކު ގޮތެއް ނިންމާނީ ޔޫރަޕިއަން ބްރޮޑްކާސްޓިން ޔޫނިއަނުން (މުބާރާތް އިންތިޒާމުކުރާ ފަރާތް). އަހަރެމެން ފަންނާނުންނަށް ހަމައެކަނި މި މައްސަލާގައި އަޑު އުފުލޭނީ،" ޖޭޖެ ބުންޏެވެ.
އިޒުރޭލާ ދެކޮޅަށް ޖޭޖޭ ވާހަކަދެއްކި އިރު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެންމެފަހުން ބޭއްވި ކޮންފަރެންސްގައި ވެސް ވަނީ ޔޫރޯވިޝަން އިން އިޒުރޭލަށް ފުރުސަތު ދޭތީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނުދިން ނަމަވެސް، އިޒުރޭލަށް އެ ފުރުސަތު ދިނުމުން ސުވާލު އުފެދެ އެވެ.
މިފަހަރުގެ މުބާރާތުގައި އިޒުރޭލުގެ ލަވަކިޔުންތެރިޔާއަށް އެންމެ ގިނައިން ވޯޓު ލިބުމުގައި ވެސް އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. އަދި ވޯޓިން ސިސްޓަމްގެ ހަގީގަތް ހާމަކުރުމަށް ދަނީ ގޮވާލަމުންނެވެ.
ބައެއް މީހުން ބުނި ގޮތުގައި، އެ ސުވާލު އުފައްދަން ޖެހުނީ އިޒުރޭލާ ދެކޮޅަށް އެންމެ ގިނައިން އަޑުއުފުލާ އެއް ގައުމު ކަމަށްވާ އައިލެންޑުން އެންމެ ގިނައިން ވޯޓު ދިނީ އިޒުރޭލުގެ ލަވަކިޔުންތެރިޔާއަށް ކަމަށް ވޯޓިން ސިސްޓަމުން ދެއްކުމުންނެވެ. އަދި އިޒުރޭލުގެ ލަވަކިޔުންތެރިޔާއަށް އެންމެ ގިނައިން ވޯޓު ދިން ގައުމަކީ ސްޕެއިން ކަމަށް ވެސް ވޯޓިން ސިސްޓަމުން ދައްކާތީ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އިޒުރޭލުގެ ލަވަކިޔުންތެރިޔާ ސްޓޭޖުގައި ޕާފޯމްކުރަމުން ދިޔަ ވަގުތުގައި އޯޑިއެންސްގައި ތިބި މީހުން "ފްރީ ޕެލަސްޓައިން"އޭ ގޮވި އަޑުތައް ވެސް އެ މުބާރާތް ބްރޮޑްކާސްޓް ކުރި އިރުގައި ވަނީ ސެންސަރުކޮށްފަ އެވެ.
މިއީ ޔޫރޯވިޝަން ބޭއްވި 69 ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތް ބޭއްވި ސްވިޒަލޭންޑުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެންގަބޯ
23 May 2025
ދުނިޔޭގެ ފެންވަރުގާ ބާއްވާ ހުރިހާ މުބާރާތްތަކުން އިޒްރޭލު އެކަހެރިކޮށް އެއްވެސް މުބާރާތެއްގައި ވާދަނުކުރެވޭ ގޮތައް މަޖުބޫރު ކުރަންވީ އިންސާނުން ވާދަކުރާ މުބާރާތުގައި އިޒްރޭލުން ވާދަކުރުމަކީ މިނިކާވަގެއްގެ މިސާލު ހަތިޔާރެއް ނެތް ބައެއްގެ ތެރެއަށް ބަނޑުހައި ވެފައިވާ މިނިކާވަގު ތަކެއް މީހުން އުޅޭ ތަނަކަށް އެރީމަ ވާނީ ކިހިނެތް މިނިކާވަގުގެ ޝިކާރަޔަކަށް ވަނީ