ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ: އޭނާއަކީ އަބަދުވެސް ފިޓްނެސްއަށް އިސްކަންދޭ މީހެއް.
27 މެއި 2025 - 07:06
ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެއްޓީ އޭނާގެ ފުރަތަމަ ކާފަ ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރުމަށްޓަކާ އޭނާގެ ފިޓްނެސް ރޫޓީންއަށް ބަދަލު ގެނެސްފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސުނިލް ވަނީ ކާފަ ދަރިފުޅު ލިބުމާ އެކު އޭނާގެ ދިރިއުޅުމަށް އައި ބަދަލުތައް ކިޔައިދީފަ އެވެ.
ސުނިލްގެ ދޮށީ ދަރިފުޅު އަތިޔާ ޝެޓީ އާއި ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް އަށް އަންހެން ކުއްޖަކު ލިބުނީ މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދެމަފިރިންގެ އަލަތު ދަރިފުޅަށް ކިޔަނީ އިވާރާ ވިޕުލާ ރާހުލް އެވެ.
ސުނިލް ބުނީ އޭނާ ހުންނަނީ ކާފަ ދަރިފުޅު ދެކެ މޮޔަވެފައި ކަމަށާއި އަބަދު ހުރެވެނީ އެ ކުއްޖާ ކައިިރިއަށް ގެއަށް ނުދެވިގެން ކެތްމަދުވެފައި ކަމަށެވެ.
"އެންމެ އުފާވާ ކަމަކީ ވަރަށް އަވަހަށް އޭނާ އަހަރެން ދިރިއުޅޭ އިމާރާތަށް ބަދަލުވާނެތީ. އެއީ މިހާރު އެންމެ ކެތްމަދުވެފައި ހުރި ކަމަކީ. އަހަރެންގެ ކަސްރަތު ޝެޑިއުލް ވެސް ބަދަލުކޮށްފިން، މިހާރު ހެނދުނު 6:30 ވާއިރަށް ޖިމް ނިންމާލާފައި ކާފަގެ ޒިންމާތައް އަދާކުރަން ދަން. އޭރު ގޭގެ އެހެން އެންމެން ތިބޭނީ ނިދާފައި،" ސުނިލް ބުންޏެވެ.
"އަހަރެންގެ ޓްރެއިނިންތައް ބަދަލުކޮށްފިން. މިހާރު ބޮޑަށް ފޯކަސް ކުރަނީ ބެންޑިން އާއި ލިފްޓިން އަށް، އަހަރެންގެ ބުރަކަށީގައި ވަރު ޖެހޭނެ ކަހަލަ ކަސްރަތުތައް ކުރަން. އެއީ ތުއްތު ކުދިން ވިއްޔާ އަބަދު އުރައިގެން އުޅެން ޖެހޭނީ. ބައެއް މީހުން ހީކުރަނީ އަހަރެން މަޖަލަކަށް ދައްކާ ވާހަކައެކޭ، އެކަމަކު މިއީ ހަމަ ހަގީގަތް."
ބޮލީވުޑްގެ އެކްޓަރު ސުނިލް ޝެޓީ: އޭނާއަކީ އަބަދުވެސް ފިޓްނެސްއަށް އިސްކަންދޭ މީހެއް.
އުމުރުން 63 އަހަރުގެ ސުނިލް ބުނީ މީހާގެ އުމުރު މައްޗަށް ދާ ވަރަކަށް ބުރަކަށްޓާއި އުނަގަނޑުގެ މައްސަލަތައް ދިމާވާ ކަމަށާއި މީހާގެ ފައިގެ ވަރު ވެސް ދަށްވާ ކަމަށެވެ. އެހެންވެ، މީހާގެ ބުންވަރު ހެޔޮވަރުކޮށް ބެހެއްޓުމަށްޓަކާ މި ކަހަލަ ކަސްރަތުތަކަށް ފޯކަސް ކުރުމަކީ އެ އުމުރުގައި ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.
"މި ކަހަލަ ކަސްރަތުތައް ކުރަންޏާ އަހަންނަށް އުނދަގުލެއް ނެތި އެ ކުދިންނާ އެކު ކުޅެ މަޖާކޮށް ހެދޭނެ،" ސުނިލް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ހިންދީ ނޭނުގަނަސް ދަޅްކަން ބެލިން.
27 May 2025
ލެޖެންޑެއް.އަހަރެންނަށް ވަރަށް ރީތި މީނަގެ ފިލްމް ދަޅުކަން. އެކްޓިން ހަމަ 100