"ހެރި ޕޮޓާ" ޓީވީ ސީރީޒްގެ އެންމެ މުހިންމު ތިން ރޯލަށް ނެގި އެކްޓަރުން.
28 މެއި 2025 - 06:11
ވޯނާ ބްރަދާސް އާއި އެޗްބީއޯ ގުޅިގެން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ހެރި ޕޮޓާ" ޓީވީ ސީރީޒްގެ އެންމެ މުހިންމު ތިން ރޯލު ކުޅޭ އެކްޓަރުން އިއްޔެ އިއުލާންކޮށްފި އެވެ.
އެޗްބީއޯ އިން އިއްޔެ ވަނީ އެ ސީރީޒްގައި ހެރި ޕޮޓާއި އާއި ހާމައޮނީ ގްރެންގާ އަދި ރޮން ވީޒްލީގެ ރޯލު ކުޅޭ އެކްޓަރުގެ އިއުލާންކޮށްފަ އެވެ. މި ރޯލުތައް ކުޅޭނެ އެކްޓަރުން ހޯދީ ބޮޑު އޮޑިޝަނެއް ބާއްވައިގެންނެވެ.
އެ ސީރީޒްގައި ހެރި ޕޮޓާގެ ރޯލު ކުޅޭނީ ޑޮމިނިކް މެގޯކްލިން އެވެ. ހާމައޮނީގެ ރޯލު ކުޅޭނީ އެރަބެލާ ސްޓެންޓޮން އެވެ. އަދި ރޮންގެ ރޯލު ކުޅޭނީ އެލަސްޓެއާ ސްޓައުޓެވެ.
"ހެރި ޕޮޓާ"ގެ ފިލްމު ސީރީޒްގައި ހެރި ޕޮޓާގެ ރޯލު ކުޅުނީ ޑެނިއަލް ރެޑްކްލިފް އެވެ. އަދި ހާމައޮނީގެ ރޯލުން އެމާ ވަޓްސަން ފެނުނުއިރު، ރޮންގެ ރޯލު ކުޅުނީ ރުޕާޓް ގްރިންޓެވެ. އެ ފިލްމުތަކުން އެ ތިން އެކްޓަރުން ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަންނަ އަހަރު ސްޓްރީމް ކުރަން ފަށަން ނިންމާފައިވާ މި ސީރީޒްގެ ކާސްޓު މިހާރު ފައިނަލް ވެފައި ވާތީ އަންނަ އޯގަސްޓް މަހުގައި ޝޫޓިންތައް ފަށާނެ އެވެ.
އެޗްބީއޯ އިން އިއުލާންކުރި ގޮތުގައި، އެ ސީރީޒްގައި އެލްބަސް ޑަމްބަލްޑޯގެ ރޯލު ކުޅޭނީ އެމެރިކާގެ އެކްޓަރު ޖޯން ލިތުގޯ އެވެ. މިނާވާ މެކްގޮނަގަލްގެ ރޯލު ކުޅޭނީ އިނގިރޭސި އެކްޓަރު ޖެނެޓް މެކްޓީ އެވެ. ރޫބިއަސް ހެގްރިޑްގެ ރޯލުން އިނގިރޭސި އެކްޓަރު ނިކް ފްރޮސްޓް ފެންނާނެ އިރު، ކުރިނަސް ކުރޮލްގެ ރޯލު ކުޅޭނީ ލޫކް ތެލޮން އެވެ. އަދި އޭގަސް ފިލްޗުގެ ރޯލުން ފެންނާނީ ޕޯލް ވައިޓްހައުސް އެވެ.
ޕްރޮފެސާ ސެވަރަސް ސްނޭޕްގެ ރޯލު ކުޅޭނީ ޕާޕާ އެސިއެޑޫ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy