28 މެއި 2025 - 11:01
ބާސެލޯނާގެ ޓީނޭޖް ތަރި ލަމީން ޔަމާލް އެ ކްލަބުގައި 2031 ގެ ނިޔަލަށް މަޑުކުރަން އިއްޔެ ކޮންޓްރެކްޓްއާކޮށްފި އެވެ.
އުމުރުން 17 އަހަރުގެ ޔަމާލް އަކީ މިހާރު ވެސް ބާސެލޯނާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މި ސީޒަނުގައި އެ ޓީމުން ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރުމުގައި އޭނާ ބޮޑު ހިއްސާއެއްވި އެވެ.
ބާސެލޯނާ އިން ބުނީ ޔަމާލް ކޮންޓްރެކްޓް އާކުރުން ދޭހަކޮށްލެނީ އެ ޓީމުގެ ޕްރޮޖެކްޓުގެ ހަރުދަނާކަން ކަމަށެވެ. މާލީ ދަތިތަކާ ހެދި ފަހަކަށް އައިސް ދެރަ ހާލަތެއްގައި އޮތް މިހާރު ބާސެލޯނާ މިހާރު އޮތީ ހަންސީ ފްލިކުގެ ކޯޗުކަމުގައި އަލުން ކުރީގެ ފެންވަރަށް ދިއުމުގެ މަގުމަތީގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާ ކޮންޓްރެކްޓާ އެކު ޔަމާލް ވެގެންދާނީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އަށެވެ. އޭނާ އަކީ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ހެދުމަށް އޭޖެންޓް މަސައްކަތްކުރި ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ބާސެލޯނާ އިން އެކަމަށް ގަބޫލެއް ނުވި އެވެ. އެކަމަކު ބޯނަސްތަކާ އެކު މިހާރު ވެސް އޭނާ ވެފައިވަނީ އެ އުމުރުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މަސިއާ އެކަޑަމީން ތަމްރީންވި ޔަމާލް ސީނިއާ ޓީމަށް ކުޅެން ފެށީ ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި އުމުރުން 15 އަހަރުގައި 2023 ގަ އެވެ. އަންނަ މަހު އުމުރުން 18 އަހަރު ފުރޭ ޔަމާލް އަކީ، ސްޕެއިން ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެގޮތުން އެ ޓީމަށް މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިނުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޮނީ
28 May 2025
މިރާއްޖޭގައިވެސް ދޭތެރެ ދޭތެރެއިން އުމުރުން 15، 16 އަހަރުގެ ކުދިން ވަރަށް ގަދައަށް ވިދާ. ފަހުންވާ ގޮތެއް ނޭގޭ. އެއުމުރުގައި ވިދި މަދު ބަޔަކަށް ހިފަހަޓާލެވުނީ.
ރަދީފްއޮފިޝަލް / ޕުތަ މެދްރިދް
28 May 2025
ކޮބާ ފެނޭތަ؟؟ ފެނޭ ދޯ. ވިސްކައެލް ބާސާ .