ކުޅިވަރު / ކްލަބް ވޯލްޑް ކަޕް

ހަމޭސްގެ ކްލަބްގެ ބަދަލުގައި ޖިރޫގެ ލޮސް އެންޖެލަސް ވޯލްޑް ކަޕަށް

ޖިރޫ އާއި ލޮރިސް؛ ދެ ކުޅުންތެރިން ކުޅެމުން އަންނަ އެލްއޭއެފްސީ އަށް ވަނީ ކްލަބް ވޯލްޑް ކަޕުން ފުރުސަތު ލިބިފަ.--

02 ޖޫން 2025 - 06:03

ލޮސް އެންޖެލަސް (ޖޫން 1) - އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފަހު ޖާގަ، ފްރާންސްގެ ކުރީގެ ސްޓްރައިކަރު އޮލިވިއޭ ޖިރޫ އާއި ގޯލްކީޕަރު ހޫގޯ ލޮރިސް ކުޅެމުން އަންނަ ލޮސް އެންޖެލެސް އެފްސީ (އެލްއޭ އެފްސީ) ހޯދައިފި އެވެ.

އެމެރިކާގެ އެލްއޭ އެފްސީ އަށް ވޯލްޑް ކަޕްގެ ޖާގަ ލިބުނީ ހޮނިހިރު ދުވަހު ކުޅުނު ޕްލޭއޮފްގައި މެކްސިކޯގެ ލްލަބް އެމެރިކާއާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން 2-1 އިން މޮޅުވެގެންނެވެ.

ޖިރޫ އާއި ލޮރިސް އަކީ ވެސް 2018 ގެ ފީފާ ވޯލްޑް ކަޕް ފްރާންސް އާއެކު އުފުލާލި ދެ ކުޅުންތެރިންނެވެ. ފްރާންސްގެ އޭރުގެ ކެޕްޓަނަކީ ލޮރިސް އެވެ.

ޕްލޭއޮފް މެޗުގައި ޖިރޫ.--

ދެވަނަ ހާފުގައި ކްލަބް އެމެރިކާގެ އުރުގުއޭ ފޯވާޑް ބްރިއަން ރޮޑްރިގޭޒް ޕެނަލްޓީއަކުން ޖަހައިދިން ގޯލުން ކްލަބް އެމެރިކާ އޮތީ މެޗުން މޮޅުވުމާ ދާދި ކައިރީގަ އެވެ. އެކަމަކު މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް އެލްއޭ އަށް އެއްވަރު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު އީގޯ ޖީސުސް އެވެ. މިއީ 22 އަހަރުގެ ކުޅުންތެރިޔާގެ ކެރިއަރުގައި ވެސް ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އެ ޓީމު މޮޅުވި ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖަހައިދިނީ ގަބޮން ފޯވާޑް ޑެނިސް ބޯއަންގާ އެވެ.

މި އަހަރު 32 ކްލަބާ އެކު އާ ފޯމެޓަށް ބާއްވާ ކްލަބް ވޯލްޑް ކަޕްގައި ވާދަ ކުރާ ޓީމުތައް މީގެ ކުރިން އޮތީ ޔަގީން ވެފަ އެވެ. ނަމަވެސް ޕްލޭއޮފެއް ކުޅެން ޖެހުނީ އޯނާޝިޕްގެ މައްސަލައެއްގައި މެކްސިކޯގެ ލިޔޯން، މުބާރާތުން ބޭރު ކުރުމުންނެވެ. އެ ޓީމަށް މުބާރާތުން ޖާގަ ދިނީ 2023 ގެ ކޮންކާކަފް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމަށް ވުމުންނެވެ.

ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ކުޅެމުން އަންނަ ލިޔޯން އަށް މިދިޔަ މާޗު މަހު ފުރުސަތު ގެއްލުމުން އެ ކްލަބުން ވަނީ ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) ގައި މައްސަލަ އިސްތިއުނާފް ވެސް ކޮށްފަ އެވެ. ނަމަވެސް އިސްތިއުނާފުގައި ކާމިޔާބު ނުވުމުން ޕްލޭއޮފެއް ކުޅެގެން ފަހު ޖާގަ މިވަނީ ކަނޑައަޅައިފަ އެވެ.

ޕްލޭއޮފްގައި އެލްއޭ ވާދަކުރީ 2023 ވަނަ އަހަރުގެ ކޮންކާކަފް ޗެމްޕިއަންސް ލީގު ރަނަރަޕްގެ ހައިސިއްޔަތުންނެވެ. އަދި ކްލަބް އެމެރިކާ ވާދަކުރީ މިދިޔަ އަހަރުގެ މުބާރާތުން ދެވަނައަށް އެންމެ ރަނގަޅު މެކްސިކޯ ކްލަބްގެ ހައިސިއްޔަތުންނެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ މެކްސިކޯގެ ޕަޗޫކާ އެވެ. މެކްސިކޯ ލީގުގައި ކުޅޭ ޕަޗޫކާ އާއި ލިޔޯންގެ އޯނަރަކީ ވެސް ގްރޫޕޯ ޕަޗޫކާ އެވެ.

ކްލަބް ވޯލްޑް ކަޕްގައި އެލްއޭ އެފްސީ ވާދަ ކުރާނީ ގްރޫޕް ޑީގަ އެވެ. މި ގުރޫޕްގައި ހިމެނެނީ އިންގްލެންޑްގެ ޗެލްސީ އާއި ބްރެޒިލްގެ ފްލަމެންގޯ އަދި ޓިއުނީޝިއާގެ އެސްޕަރާންޒޭ ޑި ތޫނިސް އެވެ.

މިދިޔަ މަހު ކޮންފަރެންސް ލީގު ކާމިޔާބު ކުރި ޗެލްސީ އާއެކު ޖިރޫ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި ފްލަމެންގޯގެ ކޯޗަކީ ޗެލްސީ އާއެކު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާ ބްރެޒިލްގެ ފިލިޕޭ ލުއިސް އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454