ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ހަވީރު މައްކާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މޯލްޑިވްސް ހައްޖު މިޝަން
02 ޖޫން 2025 - 23:06
ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ދިވެހިން ހައްޖުގެ އަޅުކަމަށް ގޮސް މައްކާގައި މީގެ ކުރިން މަހެއްހާ ދުވަހު ތިބުމުގެ ފުރުސަތު ލިބުނު ނަމަވެސް މި އަހަރު ހައްޖުވެރިންނަށް މައްކާގައި ތިބެވޭނީ 15 ދުވަސް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބައެއް މީހުން ފާޑުކިޔާފައިވާތީ އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން މައްކާގައި ބޭއްވި ބައްދަލުވުމަށް ފަހު، މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހަމައެކަނި 15 ދުވަހުގެ މުއްދަތަށް މައްކާގައި ތިބޭ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން އޭނާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
"އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް، އަނެއް ތިން ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެ. ހައްޖަށް ދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބޭ. ނަމަވެސް މި ފަހުގެ އަހަރުތަކުގައި އާއްމުކޮށް 22 އާއި 25 ދުވަހު ދެމެދު ތިބެފައިވޭ. އެއީ ހައްޖު ނިންމާފައި މަދީނާ އަށް އައިސް މައްކާ އަށް އެނބުރިދާތީވެ،" މިނިސްޓަރު ވިދާޅުވި އެވެ.
- ފުރަތަމަ ފްލައިޓުގައި ދިޔަ މީހުން : 19 ދުވަސް
- ދެވަނަ ފްލައިޓުގައި ދިޔަ މީހުން: 19 ދުވަސް
- ތިންވަނަ ފްލައިޓުގައި ދިޔަ މީހުން: 20 ދުވަސް.
- ހަތަރުވަނަ ފްލައިޓުގައި ދިޔަ މީހުން: 18 ދުވަސް
ނަމަވެސް މި ފަހަރު ހައްޖު ނިންމާފައި މަދީނާ އަށް ދިއުމަށް ފަހު، މައްކާއަށް އެނބުރި ނުގޮސް ރާއްޖެ އަށް ފުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތަށް ހަމަޖެއްސީ، އޭނާ ވިދާޅުވިގޮތުގައި ހައްޖުވެރިންގެ ރައްކާތެރިކަމާއި މަސްލަހަތާއި މޫސުމަށް ބަލައި ސިއްހަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާ އިން ދޭ އިރުޝާދުތަކަށް ރިއާޔަތް ކުރުމުގެ ގޮތުންނެވެ.
"ވީމާ ގައުމީ މިފަދަ ކަންކަމުގައި ހަގީގަތް އޮޅޭ ގޮތައް ވާހަކަ ނުދެއްކެވުމަށް އިލްތިމާސް ކުރަން. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާ މެދު މަޝްވަރާ ކޮށްގެން ހައްލެއް ހޯދާނެ ކަމުގެ ޔަގީންކަން ދެން،" މިނިސްޓަރު ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމަށް ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ ފައިސާ ދެއްކި ނަމަވެސް އެ މުއްދަތު މަސް ދުވަހަށް ވުރެ ކުރުވެ، ރިފަންޑު ނުލިބުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.
އެ ކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން ވިދާޅުވެފައި ވަނީ ހައްޖަށް އަގު ނަގާފައިވަނީ އޭގެ އަޅުކަމަށް ކަމަށެވެ. އެއީ ވަކި މުއްދަތަކަށް ނަގާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
"މީގެ ކުރިން ވެސް ހަމަ ދޭ ހުރިހާ ހިދުމަތްތަކެއް ދޭނެ. ދަތުރުން ނަގާ 2-3 ދުވަސް މަދު ވާނީ މިހާރު،" ޝަކީލް ކުރިން "މިހާރު" އަށް ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.
މި އަހަރު ދިވެހި ހައްޖުވެރިން ހައްޖަށް ގޮސްފައިވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުންނެެވެ. އެ އިނިޝިއޭޓިވްގެ މެމްބަރެއްގެ ފުރުސަތު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ދިނުމުން ހައްޖުގެ އަޅުކަމަށް ދަތުރުކުރުމުގައި ލިބުނު ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރި ކުރުމުން ޖިއްދާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނުވަތަ އިމިގްރޭޝަންގެ ކިއޫގައި އެއްވެސް ގޮތަކަށް މަޑުކުރަން ނުޖެހި އަވަހަށް ހޮޓަލަށް ދެވޭނެ އިންތިޒާމު މި ފަހަރު ހަމަޖެހުނެވެ. އަދި ޖިއްދާގެ އެއާޕޯޓުން ވެސް ހާއްސަ ގޮތްތަކެއް ދިވެހިންނަށް ބެހެއްޓި އެވެ.
މީގެ އިތުރުން މިނާ އިން މި ފަހަރު ދިވެހިންނަށް ފަހިކޮށްދިނީ ފެންވަރު ރަނގަޅު ތަންތަން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި އަހަރު ރާއްޖެ އަށް ސައޫދީން ދިން 1،000 ކޯޓާގައި ހައްޖަށް މީހުން ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރުސަތު1
05 June 2025
ދެން 15 ވިޔަސް 20 ވިޔަސް އޯކޭ ނޫންތޯ މަޤްޞަދު ޙާޞިލުވޭ ނޫންތޯ. 20 އަށްވުރެ އެފިޝަންޓް އެއްނު 15 ވީމާ. ފައިސާކޮޅު ވޯތުއެއް ނޫންތަ ތިޔަހާ ރަނގަޅު ޗާންސެއް، ކިންގުގެ ހެޔޮފުޅުކަމުން ލިބޭއިރު. ދެން ލިބޭ ގެރެންޓީއާ ކްލީންސިންގއާ އަޅާ ބަލާއިރު، ދެތިންދުވަހެއްގެ ލާރި އެކޮމޮޑޭޝަންއަށް އިތުރަށް ދިޔަސް މައްސަލައެއްތޯ އެލާރިވެސް ވަންނާނީ ހަމަ ސައުދީއަށޭ. އެހެން ލާރިތައްވެސް ހަމަ ސައުދީއަށް ދެނީނޫންތޯ އަޅުކަންކުރުމުގެ ފުރުސަތު ހޯދަން.
ސަބީލާ
03 June 2025
ކަންތައް ބޮޑު ނުކޮއްބަލަ. ކުރީ ޒަމާނުގަ ޖަމަލާއި ބަހުގަ ދަތުރުކުރިއިރު އެއްތަނުން އަނެއްތަނަށް ދާން ދުވަސް ސެދުވަސްނަގާ. މިހާރު މައްކާ އިނީޝިއެޓިވުންތޯ އެއްޗަކުން 3 ގަޑިއިރުގެ ރޭލުދަތުރަކުން ދާންޖެހޭ ތަނަކަށް ދެވޭ. ހައްޖުކުރަންދަނީ. ގޮސްސަ ހައްޖު ނިމުނީމަ ކޮންމެހެން ސައޫދީގަ ތިބޭކަށްނުޖެހޭދޯ؟ އެތާ އުޅެން ބޭނުންވާނަމަ ޓޫރިސްޓްވިސާގަ ގޮސް އުޅެންވީހަމަ.
ޗަރު
03 June 2025
20 ދުވަސް ހަމައެއް ނުވޭ. 15 ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެ. ދުވަސް ގުނާފައި ތިއޮތީ ދާ ދުވަހާއި އަންނަ ދުވަހާވެސް ލައިގެން.
އެޑްމުންޑޯ
03 June 2025
ހަދާންވާގޮތުގައި 2015 ނުވަތަ 2019 ގައި އެހަރު ހައްޖު ގައި ހޭދަވީ 22 ވަރަކަށް ދުވަސް ،
އައްލާ ބެއްޔާ
03 June 2025
"ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން ވިދާޅުވެފައި ވަނީ ހައްޖަށް އަގު ނަގާފައިވަނީ އޭގެ އަޅުކަމަށް ކަމަށެވެ" އަދި ކިރިޔާ މި އެގުނީ އަޅުކަމަކީ ވެސް ފައިސާ އަށް ގަނެވޭ އެއްޗެއް ކަން. ކުރިން މަ ހީކުރީ އަގު ނަގަނީ މައްކާގައި ތިބޭ އިރު ދޭ ހިދުމަތަށް ކަމަށް.. ކެއިން ބުއިމާއި ހޮޓަލާއި ދަތުރުތަކަށް ކަމަށް.
ޕޫރުބެ
03 June 2025
ކޮން ވެރިއެއްގެ ވެރިކަމުގަތަ 2000 ކޯޓާ ލިބުނީ؟ އަރަބިން ކައިގެން ތިބޭއިރު އިތުރުކޯޓާއެއް ނދޭދޯ؟
ރަދީފްއޮފިޝަލް /
03 June 2025
އަޅުކަން ވިއްކައިގެން ސައުދީގެ ރަސްކަލުން އުދުހެނީ.
ޑޮކްޓަރާ
03 June 2025
ޑޮކްޓަރ ޝަހީމަށް. ވެދުން ސަލާމް. ޢަރަފާތަށް ދިއުމުގެ ކުރިން އިސްލާމީ ޙުދޫދުގެ ތެރޭގައި ޢީދު ފާހަގަ ކުރުމަކީ ކޮބައިކަން މަމެންނަށް އޮޅުންފިލުއްވައިދެއްވާ. އެއީ ތިބާގެ ޒިންމާއެއް. ﷲ އަށް ބިރުވެތިވެ ޒިންމާ އަދާކުރައްވާ. ޢީދުގައި މިހާރުވެސް އިސްލާމީ ޙުދޫދުން ބޭރުން ކުރެވެމުންދާ ކަންކަން ފާހަގަކޮށްދެއްވާ އެކަންކަން ނުކުރުމަށް އަމުރުކުރައްވާ.
ބްލަޑް
03 June 2025
އަދި ކިރިޔާ މަށަށް މިއެނގުނީ ފައިސާ މިނަގަނީ ދޭ ސާރވިސް އަކަށް ނޫންކަން، އަދި ކުރާ އަޅުކަމަށްކަން.
ކެކެ މޭން
03 June 2025
"ނަމަވެސް މި ފަހަރު ހައްޖު ނިންމާފައި މަދީނާ އަށް ދިއުމަށް ފަހު، މައްކާއަށް އެނބުރި ނުގޮސް ރާއްޖެ އަށް ފުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ." ކީކޭބާ ކިޔަން މިއުޅެނީ. ދުވަސް މަދުވާ ވަރަކަށް އަޅުކަންކަންވެސް މަދުވާނެތާ! މިހެން ނޫންތަ އާންމުން މިކިޔަނީ
ޗަކް
03 June 2025
ޢަދިމާ ރަނގަޅުވާނެ ހައްޖު ދަތުރު 7 ދުވަހަށް ހަދައިފިއްޔާ. ސީދާ ދާނީ ހައްޖުދުވަހުގެ ކުރީ ދުވަހު. ދެން ޖަމްރާއަށް ހިލައުކުމަށްފަހު ތަވާފްކޮށްލައިގެން ފުރަންވީ. ޢަސްލު 5 ދުވަހުން ވާނެ. ފައިސާގެ މައްސަލަ ނުޖެހޭނެތާ ފައިސާ ދެނީ ހައްޖުގެ އަޅުކަން އަދާކުރަން ކަމަށްވީމާ. ދެން މީހުންގެ ސިއްހަތަށް ވެސް ރަނގަޅުވާނެ ނުން؟ ކޮންމެހެން ކައުބާގައި އަޅުކަންކޮށްލަން ދުވަސްކޮޅަކަށް މީހުން ބޭނުމެއް ނުވާނެ ނުންތަ؟