58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގައި ސްކޫލު ކުދިން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ޖޫން 2025 - 09:38
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރާތީ، މި އަހަރުގެ މިނިވަން ދުވަހަށް ލޯގޯ ފަރުމާކޮށްގެން 30،000ރ. ލިބޭ މުބާރާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އަންނަ ޖުލައި 26 ގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ހޮވުމަށް ބާއްވާ މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
ލޯގޯ ފަރުމާ ކުރުމުގައި އަމަލުކުރާނެ އުސޫލެއް ވަނީ ހަދައިފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ލޯގޯގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ދިވެހި ތަރިކައިގެ އިތުރުން ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހިންގެ ދައުލަތް މިނިވަންކަމާ އެކު ދެމިއޮތުން ރަމްޒުކޮށްދޭން ޖެހެ އެވެ.
- ދިވެހި ދައުލަތުގެ އެވޭލާކަމާއި މިނިވަންކަމުގެ 60 އަހަރު ރަމްޒު ކޮށްދިނުމާއި ކުރިމަގުގައި މިނިވަންކަމުގައި ދެމިތިބުމަށް ކުރާ އުއްމީދުތައް ރަމްޒު ކޮށްދިނުން.
- މިނިވަންކަމުގެ 60 އަހަރުގައި ދިވެހި ގައުމު ހޯދި ކުރިއެރުމާއި ކުރިއަތް އޮތް ތަނުގައި ހޯދުމަށް އުއްމީދުކުރާ ކުރިއެރުން.
- ލޯގޯގައި ބޭނުންކުރާ ކުލަތަކަކީ ގައުމީ ކުލަތަކަކަށް ވެފައި އިތުރު ކުލައެއް ބޭނުންކުރާ ނަމަ ދިވެހިންގެ ކަނޑާއި ރާއްޖޭގެ މާހައުލު ރަމްޒު ކުރާ ނޫކުލަ ބޭނުންކުރުން.
- މުނާސަބަތާ ގުޅިގެން ބެޖާއި ސްޓިކާގެ ގޮތުގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވުމާއި ބެނާ އާއި ޗާޕު ކުރާ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަ ފަރުމާއެއް ކަމަށް ވުމާއި ޓީޝާޓު ފަދަ ތަކެތީގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވުން.
- އިލެކްޓްރޯނިކް މީޑިއާ އާއި އެނިމޭޝަނާއި ވީޑިއޯތަކުގައި ބޭނުން ކުރެވޭ އެއްޗަކަށް ވުން.
މިނިސްޓްރީން ބުނި ގޮތުގައި ލޯގޯ އަށް ވަނަ ދިނުމުގައި ހަތަރު ކަމަކަށް ބަލާނެ އެވެ. އެއީ އެ ލޯގޯއެއްގެ ފެންވަރާއި ފަންނީ ކަންކަން ނުވަތަ ލޮމްޕޮޒިޝަންސް އާއި ޑިޒައިން އެލެމެންޓްސް އަށް 30 މާކްސް އާއި އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތުގެ ބަޔަށް 20 މާކްސް އަދި ދިވެހިވަންތަކަމަށް 20 މާކްސް އާއި މިނިވަން 60 ގެ ސިފަތައް ރަމްޒު ކޮށްދީފައިވާ މިންވަރަށް 30 މާކްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަކު ނުދޭ
03 June 2025
އެންމެ ތިރީސް ހާސް....؟؟
މަރިޔާދު
03 June 2025
ކުރާނެ ހަމަޖެހޭ ކަމެއް ނެތިއްޔާ މައިތިރިވެގެން ތިބޭ
އަގީމު ސަރައްކާލި
03 June 2025
މިހާ އޭއަ ޒަމާނެއްގައި ތީބޭކާރު ކަމެއް. މިހާރު އެބަހުރި ބޭނުންވާ ރިކްއާމެންޓް ފީޑްކޮށްލައިގެން ބޭނުންގޮތަކަށް ލޯގޯ ފަރުމާކޮށްލެވޭނެ އޭއައި ސޮފްްޓްވެއާރތައް. ތިއައްވުރެ މާތާހިރުވާނެ އެކަމަށް ޚާއްސަމިނިސްޓްރީއެއް އޮވެމެ ފެންވަރުރަގަޅު ހުރިހާ ދިވެހިބަހުގެ މާނަ ހިމެނޭ ޑިކްޝަނަރީއެއް ތައްޔާރުކޮށް ލިބޭގޮތް ހެދިއްޔާ!!
މާލޭ ކުއްޖެއް.
03 June 2025
ކޮންމެ ގޮތެއް ހަދާފަވެސް މާލެ އާއި ރައްޖެތެރެ ވަކިން އިގޭ ގޮތަށް ލޯގޯ ހަދަންވާނީ. އޭރުން އިގޭނީ މާލޭ މީހުންނަކީ ޙާއްސަ ވެގެންވާ ބައެއްކަން.
ވޯލް
03 June 2025
ކިތަންމެ ރީތި އެއްޗެ ފަރުމާ ކުރިއަަސް ވަނަ ލިބޭނީ ސަރުކާރާ ގުޅުން އޮތް މީހަކަށް. ވަގުތު ބޭކަރު ކުރުމުގެ ބޭނުމެއް ނެތް. ބުއްދިވެރި އިންސާނެއް މިސަރުކާރުަގއި މިފަދަ ކަމަކަށް ހުށަހެޅުމެއް ހުށަނާޅާނެ.
ލަސް
03 June 2025
ލޮމްޕޮޒިޝަނުގެ މާނަ އެނގިގެން ތިކަން ވާންއޮތީ.
ބޮޑުބެގެ ބެއްޔާ
03 June 2025
ކޮމްޕޮޒިޝަން ލިޔަން އުޅެފަހެން ހީވަނީ
ލޯގޯ ކުންފުނި
03 June 2025
ލޯގޯ ހެދުމަށް ދައުލަތުގެ ކުންފުންޏެއް ހަދަން އެބަޖެހޭ. ދެން ޕްރައިވެޓް މީހުން މި ކުންފުންޏާ ވާދަ ކުރާނީ.
ކިއްލާ2222
03 June 2025
ލޯގޯ ފޮނުވަން ހަދާނީ ކިހިނެއް! ެީމެއިލް ؟