ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލާ ގަރާރަށް ވޯޓަށް އެހުމުގެ ކުރިން، ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒު ކައިރިއަށް ބަޔަކު އެއްވެ ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލަނީ. --ފޮޓޯ: އޭއެފްޕީ
05 ޖޫން 2025 - 06:29
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އާންމުންނަށް ބޭނުންވާ އެހީގެ ސާމާނު ލިބޭނެ މަގުތައް ތަނަވަސްކަންކޮށްދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން މިފަހަރު ވެސް ވީޓޯކޮށް، ފެއިލްކޮށްލައިފި އެވެ.
އެމެރިކާގެ މި ވީޓޯއާ އެކު 15 މެންބަރުންގެ ކައުންސިލްގައި އެމެރިކާއަށް ވަނީ ވަރަށް ބޮޑަށް ނުރުހުން އަމާޒުވެފަ އެވެ.
މިއަދު ވޯޓަށް އެހި ގަރާރަކީ ޣައްޒާގެ މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ސަލާމަތީ މަޖިލީހުން މި މައްސަލައިގައި ވޯޓަށް އެހި ފުރަތަމަ ގަރާރެވެ. އަދި މިއީ ޣައްޒާގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ގޮވާލި ވެސް ފުރަތަމަ ގަރާރެވެ.
"ޣައްޒާގައި ހުރި ހަގީގީ މައްސަލަތަކަށް ބަލައިގެން، ހަމަލާތައް ހުއްޓުމަކަށް ގެންނަން މިހާރު ކުރިއަށް ގެންދާ ޑިޕްލޮމެޓިކް މައްސަލަތަކަށް މި ގަރާރުގެ ސަބަބުން ހުރަސްއެޅޭނެ އަދި ހަމާސް ބާރުވެރިވާނެ،" އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ޑޮރޮތީ ޝިޔާ ބުދަ ދުވަހު ނެގި ވޯޓުގެ ކުރިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އިޒްރޭލާއި ހަމާސް އަކީ އެއްކަހަލަ ބައެއްގެ ގޮތުގައި ސިފަކުރާ ގަރާރެއް ކަމަށެވެ.
ވޯޓުގައި 14 ގައުމަކުން ގަރާރަށް ތާއީދުކުރި އިރު މިފަހަރު އެމެރިކާ ވެފައިވަނީ ދެކޮޅަށް ވޯޓު ދިން ހަމަ އެކަނި ގައުމަށެވެ. އަދި އެއްވެސް ގައުމަކުން ވޯޓުގައި ބައިވެރި ނުވެ އަދި ވަކި ކޮޅަކަށް ވޯޓު ނުދީއެއް ވެސް ނެތެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދިނުމަށް ގޮވާލާ ގަރާރަށް ވޯޓަށް އެހުމަށް ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި، އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޮރޮތީ ޝިޔާ (ކ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
ގަރާރުގައި ވަނީ އެއްވެސް ޝަރުތެއް ނެތި އިޒްރޭލާއި ހަމާސް އިން ހަމަލާތައް ހުއްޓާލުމަށެވެ. މީގެ އިތުރުން ހަމާސް އާއި އެހެން ޖަމާއަތްތަކުން ރަހީނުކޮށްފައިވާ މީހުން ވެސް އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ވަގުތުން މިނިވަންކުރުމަށް ގޮވާލައިފަ އެވެ.
ޕާކިސްތާނުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާސިމް އަހްމަދު ކައުންސިލްގައި ވިދާޅުވީ ކައުންސިލްގެ މައްޗަށް ޣައްޒާގެ މައްސަލައިގައި އޮތް ޒިންމާ އަދާނުކުރެވި އެކަމަށް ޖަވާބުދާރީވާން އަދި ޖެހޭނެ ކަމަށާއި މިއީ ސިޔާސީ ނިންމުންތަކަށް ވެސް އެކަމުގެ ސަބަބުން އަސަރުކުރާނެ ވޯޓެއް ކަމަށެވެ.
ޗައިނާގެ ސަފީރު ފޫ ކޮންގް ވިދާޅުވީ މިއަދު އަނެއްކާވެސް މި ފެންނަނީ ޣައްޒާގެ ހަމަލާތައް ހުއްޓުވަން ސަލާމަތީ މަޖިލިސް ނުކުޅެދިފައި އޮތް ސަބަބުން ހަގީގީ ސަބަބު ކަމަށާއި އެއީ އެމެރިކާއިން އެކަމަށް ތަކުރާރުކޮށް ހުރަސްއަޅަމުން ދިއުން ކަމަށެވެ.
ޣައްޒާގައި ހަމަލާތައް ފެށި އިރު އެމެރިކާގެ ރައީސަކަށް ހުންނެވި ޖޯ ބައިޑެންގެ ވެރިކަމުގައި ވެސް ގަރާރުތައް ވީޓޯކޮށްފައި ވާއިރު މިއީ ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ވީޓޯކުރި ޣައްޒާގެ ފުރަތަމަ ގަރާރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަތު
07 June 2025
އދ އަކީ ކޮންމެހެން ބައިވެރިވާންޖެހޭ ތަނެއް ނޫން. އެއްމެން އެއްކޮޅަށް އަރާފައި ވަކިގައުމެއް އެކަނި އަނެއްކޮޅުގައި އޮވެފައި ބިލު ބާތިލްކޮށްލެވޭ. މެޖޮރިޓީ އަކީ ބޭނުމެއް ނެތް އެއްޗެއް. ގައުމުތަކުގައި ރައްޔިތުން ވޯޓްލާފައިވެސް ބަސްވިކޭމީހެއްގެ ނިންމުމަށް އިންތިހާބު ބާތިލް ކޮށްލެވުން ކަހަލަ ކަމެއް. މި ވީޓޯކުރުން އެގައުމުތަކުން ނިގުޅައި ގަނެގެން އދ އެއްގެ ފައިދާ ގައުމަކަށް ކުރާނީ.
ނަސްލުނައްތައިލުން
05 June 2025
ހައްގުތަކަަށް ވަކާލާތުކުރާ ސުލްހަޔަށް ލޯބިކުރާކަމުގައި ދައުވާކޮށް އުޅޭ އެމެރިކާ އެކަނި އިދިކޮޅަށް.ވޯޓުދިނީ. މީގެން މިމީހުންގެ އަސްލު ސޫރަ ފެނިގެންދޭ. ދަރިންގެ ދަރިންނަށްވެސް މިކަންކަން ބުނެދޭންޖެހޭ.
ޢާދަނުބެ
05 June 2025
ދިމޮކުރަސީގެ ބައްޕަ ކިހިނެތް މި ހަދަނީ ހުރިހާކަމެތް މި ކުރަނީ ޔަހޫދީން މި ދުނިޔޭގަ ފަތުރުވާ ގިނަ ކުރަން