ޚަބަރު / ހައްޖު

ހައްޖާޖީންގެ ރައްކަލަށް އޭއައި، ޑްރޯން އަދި އެތައް ހާސް ކެމެރާއެއް

މައްކާގެ ރޯޔަލް ކޮމިޝަން ފޯ މައްކާ އެންޑް ހޮލީ ސައިޓްސްގެ ދަށުން ހިންގާ ޖެނެރަލް ޓްރާންސްޕޯޓް ސެންޓަރުގައި ހައްޖުވެރިންގެ ޓްރެފިކާއި މީހުން އެއްވެ އުޅުން ބެލެހެއްޓުމަށް މުވައްޒަފުން ކޮންޓްރޯލް ރޫމްގައި. -- ފޮޓޯ: އޭއެފްޕީ

05 ޖޫން 2025 - 07:44

4 comments

ހައްޖު މޫސުމުގައި ޗާޓުތަކާއި ސްކްރީންތަކާއި ހުސްވުމެއް ނެތް ޑޭޓާތަކުގެ ކުރިމަތީގައި ރެއާއި ދުވާލު މަސައްކަތް ކުރަމުން އަންނަ ސައޫދީގެ އޮފިޝަލުން މިފަހަރު ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީއާ އެކު މަސައްކަތް އެތައް ގުނައެއް ފުޅާކޮށްފަ އެވެ.

މިއީ މާތް ވެގެންވާ މައްކާގެ ހަރަމްފުޅުގެ މުޅި ސަރަހައްދުގައި ހަރުކޮށްފައިވާ 15،000 އަށްވުރެ ގިނަ ކެމެރާގެ ގިނަ އަދަދެއްގެ ފުޓޭޖު މޮނިޓަކުރުމުގައި ކޮންމެހެން ބޭނުންތެރި ޓެކްނޮލޮޖީއެކެވެ. މި ސިސްޓަމްތައް ތަރުތީބުކޮށްފައި ވަނީ އާދަޔާ ހިލާފަށް މީހުން ގިނަވެދާނެ ނުވަތަ ހިނގާބިނގާވެ އުޅުމުގައި ތޮއްޖެހުން އަންދާޒާ ކުރެވޭ ގޮތަށެވެ.

ދުނިޔޭގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ދީނީ ހަރަކާތުގައި ހައްޖުވެރިން އެކި ތަންތަނަށް އުފުލުމުގައި ބޭނުންކުރާ 20،000 އަށް ވުރެ ގިނަ ބަސް މެނޭޖުކުރުމުގައި ވެސް ސޮފްޓްވެއާގެ ދައުރު ބޮޑެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.4 މިލިއަން މީހުން މައްކާއަށް ޖަމާވެފައި ވާއިރު މި އެންމެން ބެލެހެއްޓުމަށް ބޭނުންކުރާ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމެވެ.

މައްކާގެ ރޯޔަލް ކޮމިޝަން ފޯ މައްކާ އެންޑް ހޮލީ ސައިޓްސްގެ ޖެނެރަލް ޓްރާންސްޕޯޓް ސެންޓަރުގެ ޓްރެފިކް އެންޑް ކްރައުޑް ކޮންޓްރޯލްގެ ކޮންޓްރޯލް ސެންޓަރުގެ ކޮމްޕިއުޓާ ވޯކްސްޓޭޝަނުގައި މުވައްޒަފަކު އޭނާގެ މަސައްކަތް ކިޔައިދެނީ. -- ފޮޓޯ: އޭއެފްޕީ

"އަޅުގަނޑުމެންގެ ޓްރެފިކް ކޮންޓްރޯލް ރޫމްގައި، އޭއައި ލޭޔަރުތައް ހުންނަ ހާއްސަ ކެމެރާތައް ބޭނުންކޮށްގެން މޫވްމަންޓްތައް އެނަލައިޒްކޮށް، ތޮއްޖެހިފައިވާ ސަރަހައްދުތައް އެނަލައިޒްކޮށް، ދެން ދިމާވެދާނެ ހާލަތެއް އަންދާޒާ ކުރަން،" ރޯޔަލް ކޮމިޝަން ފޯ މައްކާގެ ޖެނެރަލް ޓްރާންސްޕޯޓް ސެންޓަރުގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ނަޒީރު ވިދާޅުވި އެވެ.

މައްކާގައި ޕްރައިމަރީ ކޮންޓްރޯލް ރޫމެއް ހުންނައިރު، އެތަން ފުރިފައިވަނީ ސްކްރީންތަކާއި މެޕްތަކުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީބޭނުންކޮށްގެން، އެންމެ ހިނދުކޮޅަކަށް ވެސް މެދުނުކެނޑި ގެންދަނީ ބަލަހައްޓަމުންނެވެ. ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގެ ކުރިމަތީގައި ގާތްގަނޑަކަށް ބާރަ ވަރަކަށް މުވައްޒަފުން ސަފުތަކަށް އިށީނދެ، ކުރިމަތީގައި ހުންނަ ބޮޑު ސްކްރީނަކަށް ބަލަހައްޓައިގެން ތިބެނީ ހުރުމަތްތެރިވެގެންވާ ތަންތަނުގެ ވަށައިގެން އުޅޭ މީހުންގެ ހަރަކާތްތަކަށް ސަމާލުވެގެންނެވެ.

ކައިރީގައިވާ ފަރުބަދަތަކުގައި ހުދު ކުލައިގެ ކުދި ރޮބޮޓްތަކެއް ފަދައިން ފެންނަ ކެމެރާތަކުން މައްކާއިން އަރަފާތު ފަރުބަދައާ ހަމައަށް ހައްޖާޖީން ދަތުރުކުރާ 20 ކިލޯމީޓަރު (12 މޭލު) ގައި ހުންނަ އިމާރާތްތަކާއި މަގުތައް ބެލެ އެވެ.

ނަޒީރު ވިދާޅުވީ އަބަދު މޮނިޓަ ކުރުމުގެ ބޭނުމަކީ ކާރޫބާރު ބޮޑު މަގުތަކުގައި ހިނގާ މީހުންނާއި ވެހިކަލްތަކުގެ މަދުކުރުމުގެ އިތުރުން ގަދަ ހޫނުގައި ހިނގާބިނގާވެ އުޅުމުގެ ވަގުތު ކުޑަކުރުމަށް އަވަހަށް ބަހަށް އެރޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

މައްކާގެ ރޯޔަލް ކޮމިޝަން ފޯ މައްކާ އެންޑް ހޮލީ ސައިޓްސްގައި ހުންނަ ޖެނެރަލް ޓްރާންސްޕޯޓް ސެންޓަރުގައި ހައްޖުވެރިންގެ ޓްރެފިކާއި މީހުން އެއްވެ އުޅުން ބެލެހެއްޓުމަށް މުވައްޒަފަކު ކޮންޓްރޯލް ރޫމުގައި ރޭޑިއޯ ޓްރާންސިވާއެއް ބޭނުންކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޖަމްރާއަށް ހިލަ އުކުމުގެ ތެރޭގައި 2،300 ހައްޖާޖީއަކު މަރުވި، ހައްޖުގެ އަޅުކަމުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައި ބެލެވިފައިވާ މައްސަލައަށް މިހާރު 10 އަހަރު ވެއްޖެ އެވެ. ހަމަ މިފަދަ އެކި ހާދިސާތަކުގައި 2006، 1998 އަދި 1994 ގައި ވެސް އެތައް ސަތޭކަ ބަޔަކު މަރުވި އެވެ.

މީގެ އިތުރުން 1990 ވަނަ އަހަރު ޓަނަލްއެއްގެ ވެންޓިލޭޝަން ސިސްޓަމް ފެއިލްވުމުގެ ސަބަބުން ނޭވާ ހާސްވެގެންނާއި އެތަނުގެ ތެރޭގައި ފިތިގެން 1426 ހައްޖުވެރިން މަރުވި އެވެ.

ޓްރާންސްޕޯޓް ސެންޓަރުގައި ހައްޖުގެ އިތުރުން މުޅި އަހަރި ކުރިއަށްދާ އުމްރާގެ އަޅުކަމާ ގުޅުން ހުރި ކަންކަން ބަލަހައްޓަމުން އަންނަ މުހައްމަދު އަލް ގަރްނީ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއާ އެކު، ކޮންޓްރޯލް ރޫމަކީ "އަހަރެމެން ސީދާ އެތަނުގައި ގޮސް ތިބުން" ކަމަށެވެ.

އޭނާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ޓްރެފިކް ދައުރުވާ މިންވަރު ދެނެގަނެ، ކުއްލި ހާލަތްތައް ދިމާވުމުގެ ކުރިން ވެސް ދެނެގަނެވޭނެ ކަމަށެވެ. އަދި އެއް ތަނެއްގައި ތިބި މީހުންގެ އަދަދު މި ޓެކްނޮލޮޖީގެ ސަބަބުން ދެނެގަނެވޭނެ ކަމަށް އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ކެމެރާ އާއި އާޓިފިޝަލް އިންޓެލިޖެންސުން، އެތަނަށް ކަނޑައަޅާފައިވާ އެންމެ ގިނަ އަދަދަށް މީހުން ޖަމާވެއްޖެ ނަމަ އެކަން އެނގޭނެ އެވެ. އޭރުން އެތަނަކަށް އިތުރު ހައްޖާޖީން ދިޔަ ނުދީ މީހުން މަދު ދިމަދިމާލަށް ފޮނުވަން އެނގޭނެ ކަމަށް ގަރްނީ ވިދާޅުވި އެވެ.

މިއަހަރުގެ ރަމަޟާން މަހު ހަރަމްފުޅު ފުލް ކެޕޭސިޓީއަށް ދިއުމުން މި ސިސްޓަމުން ދެނެގަތެވެ.

ހައްޖަށް ދާ މީހުންގެ ޓްރެފިކާއި މީހުން އެއްވެ އުޅުން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ ކޮންޓްރޯލް ރޫމްގައި ރޯޔަލް ކޮމިޝަން ފޯ މައްކާގެ ޖެނެރަލް ޓްރާންސްޕޯޓް ސެންޓަރުގެ ސީއީއޯ މުހައްމަދު ނާޒިރު އިއްޔެ އިންޓަވިއު ދެއްވަނީ. -- އޭއެފްޕީ

"އެ ހިސާބުން، ހަރަމްފުޅަށް އިތުރު މީހުން އައުން ހުއްޓުވައި މީހުން މެނޭޖްކުރަން އެނގުނު،" އޭނާ ވިދާޅުވި އެވެ.

އެޑްވާންސް ޓެކްނޮލޮޖީ ބޭނުންކުރަނީ ހަމައެކަނި ލޮޖިސްޓިކްސްގެ ބޭނުމަކަށް ނޫނެވެ. މި ޓެކްނޮލޮޖީން، ހުއްދަ ނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ގޮސް އުޅޭ މީހުން ވެސް ދެނެގަނެވޭނެ އެވެ. ސައޫދީން ބުނެފައިވާ ގޮތުގައި ހޫނު ގަދަވެގެން މިދިޔަ އަހަރު 1،301 ހައްޖާޖީއަކު މަރުވި އިރު އޭގެ ތެރޭގައި ގިނައީ ރަސްމީ ހުއްދަ ނެތި އުސޫލުތަކުގެ ބޭރުން ގޮސް އުޅުނު މީހުންނެވެ.

މިދިޔަ އަހަރު ފިނިހޫނުމިން 51.8 ޑިގްރީ ސެލްސިއަސް (125.2 ފެރެންހައިޓް) އަށް އެރިއިރު އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވީ، ހައްޖު ހުއްދަ ނެތުމުން އެއާކޮންޑިޝަން ޓެންޓުތަކާއި ބަސްތަކަށް ވަނުމުގެ ހުއްދަ ނުލިބި އުޅެން ޖެހުނު މީހުންނަށެވެ. މި ހަފުތާގައިވެސް ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައި ވާއިރު އެ ހާލަތަށް ވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

މިއަހަރު ދަނީ ސިއްރުން މައްކާއަށް ވަންނަން އުޅޭ މީހުން ހޯދަން، ކެމެރާ ހަރުކޮށްފައިވާ ޑްރޯންގެ ފްލީޓެއް ހަރަކާތްތެރިވަމުންނެވެ.

"އާޓިފިޝަލް އިންޓެލިޖެންސާއި ޑްރޯން އަދި ތާމަލް އިމޭޖިން ކެމެރާ ފަދަ އެހެނިހެން ވަސީލަތްތައް މި ގެންދަނީ ބޭނުންކުރަމުން،" ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ސެކިއުރިޓީ ލެފްޓިނެންޓް ޖެނެރަލް މުހައްމަދު ބިން އަބްދުﷲ އަލް ބައްސާމީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

މީގެ އިތުރުން ސައޫދީ ސްޕެޝަލް ފޯސަސް ފޯ ރޯޑްސް ސެކިއުރިޓީން މައްކާގެ ވަށައިގެންވާ ސަރަހައްދާއި ހުރުމަތްތެރިވެގެންވާ ތަންތަން ބެލެހެއްޓުމަށް "ސްމާޓް ތާމަލް އިމޭޖިން" ޓެކްނޮލޮޖީ ބޭނުންކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. -- އޭއެފްޕީ

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 85%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ1234

06 June 2025

ޙައްޖާއި އުމްރާއަކީ މިހާރު ދީނީ ކަމަކަށް ވުރެއް ބޮޑަށް ވިޔަފާރިއެކެވެ! ޥިސްނާ ފިކުރު ކުރާ ބަޔަކަށް މީގެންވެސް އިބްރަތެއް ހާސިލްވާނެއެވެ... ވައްސަލާމް!!!!!

The name is already taken The name is available. Register?

އަބްޑޫޅް +

05 June 2025

ކާފަރުންގެ ޓެކޮނޯލޮޖީ ދޯ؟ ޙޫމް.

The name is already taken The name is available. Register?

ޙަޞީ

05 June 2025

ފޮޓޯނެގުމަކީ ހަރާމްކަމެކޭ ކިޔާއުޅުނު

The name is already taken The name is available. Register?

ދަނޑުން

05 June 2025

މަރުޙަބާ ސައޫދީ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454