ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
12 މެއި 2025 - 12:45
މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ގައި ސައުދި އަރަބިއްޔާއަށް ދިއުމަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ހައްޖު މިޝަންގެ މެމްބަރުންގެ ޒިންމާ ވީހާ ވެސް ފުރިހަމައަށް އަދާކުރެއްވުމަށާއި ދިވެހި ހައްޖުވެރިންނަށް ފުރިހަމަ ހިދުމަތެެއް ދެވޭތޯ ޔަގީން ކުރުމަށް ޝަހީމް ނަސޭހަތްތެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ، މި އަހަރު ރާއްޖެ އިން ހައްޖަށް ދާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހު 26 ގައި މައްކާއަށް ދިއުމަށް ފުރާނެ ކަމަށެވެ.
އިތުރު ގްރޫޕްތައް ފުރާ ތާރީހުތައް އަދި ނުލިބެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަށް ވަނީ އަންނަ މަހު ހަތަރެކެވެ.
ހައްޖުވެރިންނަށް ދަތިވާ ކަންތައްތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށާއި ހައްޖުވެރިންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމަށް ހައްޖު މިޝަންގެ މެމްބަރުންނަށް ޝަހީމް އިލްތިމާސް ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައްޖު މިޝަންގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާއި މެޑިކަލް ޑޮކްޓަރަކާއި ދީނީ އިލްމުވެރިންގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ނޫސްވެރިއެކެވެ.
ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފަ އެވެ.
ހައްޖަށް ދާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ "މައްކާ ރޫޓު އިނީޝިއަޓިވް"ގައި ވެސް މި ފަހަރު ރާއްޖެ ވަނީ ހިމަނައިފަ އެވެ. އެއާ އެކު، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން ރާއްޖޭގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ހައްޖަށް ދާ މީހުންނަށް ފުރޭނެ އިންތިޒާމު ހަމަޖެހޭނެ އެވެ.
މި ބޮޑު ލުޔާ އެކު. ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ހައްޖުވެރިންނަށް ދެވޭނެ އެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހޭނެ އެވެ.
ސައުދީން ވަރަށް މަދު ގައުމަކަށް ދީފައިވާ މި ފުރުސަތު މިހާތަނަށް ލިބިފައި ވަނީ މެލޭޝިޔާ، އިންޑޮނޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ޓިއުނީޝިއާ، މޮރޮކޯ އަދި އައިވަރީ ކޯސްޓް (ކޯޓް ޑި އައިވަރީ) އަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy