ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަށި އުފުލާލަނީ. -- ފޮޓޯ: އޭއެއެފްޕީ
09 ޖޫން 2025 - 10:48
ޕެނަލްޓީ ޖަހައިގެން 5-3 އިން ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް ޕޯޗުގަލުން ޔުއެފާ ނޭޝަންސް ލީގު ރޭ ކާމިޔާބުކޮށްފި އެވެ.
ފުރިހަމަ ވަގުތާއި، އިތުރު ވަގުތު ނިމުނުއިރު 2-2 އިން އެއްވަރުވެފައި އޮތް މި މެޗުގެ އުސްއައްޔަކީ ޕޯޗުގަލްގެ އުމުރުން 40 އަހަރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަށި އުފުލާލުމެވެ. މިއީ އޭނާގެ ބައިނަލްއަގްވާމީ ތިން ވަނަ ޓްރޮފީ އެވެ. އަނެއް ދެ ކާމިޔާބަކީ 2016 ގެ ޔޫރޯ އާއި، 2019 ގެ ނޭޝަންސް ލީގެވެ.
މިއުނިކުގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ޕޯޗުގަލަށް ދެ ވަނަ ފަހަރަށް މެޗު އެއްވަރުކޮށްދީ، ޕެނަލްޓީއާ ހަމަޔަށް ގެންގޮސްދިން ލަނޑު ޖެހި ރޮނާލްޑޯ ވަނީ ރޭގެ މެޗުގެ 90 މިނެޓު ގާތްގަނޑަކަށް ކުޅެފަ އެވެ.
މި މެޗުގެ ކުރީކޮޅު ސްޕެއިނުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެގޮތުން ނިކޯ ވިލިއަމްސް އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ފުރުސަތެއްގައި ސްޕެއިނުން ލީޑު ނެގީ 21 ވަނަ މިނެޓުގައި މާޓިން ޒުބިމެންޑީގެ ގޯލުން ޖެހި ގޯލުންނެވެ. އޭގެ ފަސް މިނެޓު ފަހުން ނޫނޯ މެންޑޭޒް ގޯލު ޖަހައި ޕޯޗުގަލަށް އެއްވަރުކޮށްދިނެވެ.
މި ގޯލާ އެކު ޕޯޗުގަލުން ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ކޮންޓްރޯލް ވެސް ނެގި އެވެ. އެކަމަކު ފުރަތަމަ ހާފުގެ މިނެޓުގައި މިކޭލް އޮޔަޒަބާލް ސްޕެއިނަށް އަލުން ކުރި ހޯދައިދިނެވެ. އޭގެ ފަހުން ރޮނާލްޑޯ ޕޯޗުގަލަށް އެއްވަރުކޮށްދިނީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި މެންޑޭޒް ދިން ބޯޅައަކުން 61 ވަނަ މިނެޓުގަ އެވެ.
އެ ނަތީޖާގައި އޮވެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތުގެ 30 މިނެޓުގެ ކުޅުން ނިމުމުން ޕެނަލްޓީ ޖަހަން ޖެހުނީ އެވެ. ޕޯޗުގަލުން ފުރަތަމަ ހަތަރު ޕެނަލްޓީ އަދި ސްޕެއިނުން ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައި އޮއްވާ، މައްސަލަ ދިމާވީ ސްޕެއިނުގެ ހަތަރު ވަނަ ޕެނަލްޓީ ކެޕްޓަން އަލްވާރޯ މޮރާޓާ އަތުން ބޭކާރުވުމުންނެވެ. އެއާ އެކު ޕޯޗުގަލްގެ ފަސް ވަނަ ޕެނަލްޓީ ރުބެން ނެވެސް ކާމިޔާބުކުރުމުން އެ ޓީމަށް ތަށި ޔަގީންވީ އެވެ.
ސްޕެއިނުގެ އުމުރުން 17 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ލަމީން ޔަމާލް އަށް ރޭގެ މެޗުގައި، ސެމީގައި ފްރާންސް އަތުން 5-4 އިން މޮޅުވި މެޗުގައި ދެއްކި ޖާދޫ ތަކުރާރެއް ނުކުރެވުނެވެ. އޭނާ ހުއްޓުވުމުގައި ޕޯޗުގަލްގެ ފުލްބެކް މެންޑޭޒް މޮޅު ކުޅުމެއް ދެއްކި އެވެ. ސްޕެއިނުން އިތުރު ވަގުތުގެ ފުރަތަމަ ހާފަށް ފަހު ޔަމާލް ބަދަލުކުރުމުން، ޕެނަލްޓީ ޖަހަން ފުރުސަތެއް ވެސް ނުލިބުނެވެ. ނޭޝަންސް ލީގަކީ، ޔޫރަޕުގެ ގައުމުތައް އެކި ޑިވިޝަންތަކަށް ބަހާލައިގެން، ދެ އަހަރުގެ ތެރޭ ކުރިއަށްގެންދާ ގޮތަށް ޔުއެފާ އިން ބާއްވާ މުބާރާތެކެވެ. އިންޓަނޭޝަނަލް ފްރެންޑްލީތަކުގެ ބަދަލުގައި ޔޫރަޕުގެ ގައުމުތަކަށް ވާދަވެރި މެޗުތައް ހޯދައިދޭން ބާއްވާ މި މުބާރާތުގެ ފައިނަލްސް އޮންނާނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައީސް
10 June 2025
ސްޕެއިން ކުޅުންތެރިންރޮނީ ވޯލްޑްކަޕްތަށި ގެއލުނީމަބާ
ައަސޭލާ
10 June 2025
މުނާފިގު ހަސަދަވެރިންގެ ދޫތަކުން ސަލާމަތް ކޮށްދެވާ ދިގު އުމުރު ފުޅެއް އަދި ދުޅަހެޔޮ ސިއްހަތެކާ ކާމިޔާބީ ރޮނާލްޑޯއަށް ދެއްވާންދޭ.
ވެދުންމުން
10 June 2025
އެންމެފަހުން ޕެނާލްޑޯއަށް ސިމްޕަތީ ތައްޓެއް ލިބިއްޖެދޯ.
އަސޭލާ
09 June 2025
ވޯލްޑްކަޕްކަޕް ކުޅޭ ވަރުގަދަ ޓީމުތަށްކުޅޭ ލީގެއްމީވެސް ހަޖަމް ރޮނާލްޑޯ އަކީ މޮޅުމީހެއް
ޑެބީ
09 June 2025
ވޯލްޑްކަޕަށްވުރެންވެސް ޝަރަފުވެރި ތަށްޓެއް ތިޔޮތީ ލިބިފަ
ސެބީ
09 June 2025
ޕެނާ ހިތުން އެއީ ވޯލްޑްކަޕެއް.
ރަދީފްއޮފިޝަލް / ނޭޝަންސް
09 June 2025
މަރުހަބާ ރޮނާލްޑޯ.ޕޯޗުގަލް ހުރިހާ ފޭނުންނަށް މަރުހަބާ.