09 ޖޫން 2025 - 11:45
އިޓަލީގެ ޖެނިކް ސިނާ މޮޅުވާން ދަނިކޮށް، ފަހަތުން އަރައި މެޗު ކާމިޔާބުކޮށް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ސްޕެއިނުގެ ކާލޯސް އަލްކަރާޒް ރޭ ހޯދައިފި އެވެ.
މިއީ އުމުރުން 22 އަހަރުގެ އަލްކަރާޒްގެ ފަސް ވަނަ ގްރޭންޑް ސްލޭމެވެ. އަދި އޭނާގެ ފްރެންޗް އޯޕަންގެ ދެ ވަނަ ތަށްޓެވެ. އަނެއް ތިން ކާމިޔާބަކީ 2022 ގެ ޔޫއެސް އޯޕަން އާއި، 2023 އަދި 2024 ގެ ވިމްބަލްޑަން އެވެ.
ޕެރިހުގައި ރޭ ސިނާ އާއި އަލްކަރޭޒްގެ މެދުގައި ކުޅުނު ފައިނަލަކީ، ފްރެންޗް އޯޕަންގެ ތާރީހުގައި ވެސް ފެނިގެން ދިޔަ އެންމެ ދިގު ފައިނަލެވެ.
މެޗު ފަށައިގެން ޑޮމިނޭޓިވް ކުޅުމަކާ އެކު ސިނާ ފުރަތަމަ ދެ ސެޓު 6-4، 7-6 އިން ކާމިޔާބުކުރި އެވެ. އޭގެ ފަހުން އަލްކަރާޒް ވަނީ ތިން ވަނަ ސެޓު 6-4 އިން ކާމިޔާބުކޮށް އުއްމީދު ހޯދައިފަ އެވެ.
ހަތަރު ވަނަ ސެޓުގައި، މެޗުން މޮޅުވާން ސިނާ އަށް ތިން ފުރުސަތު ލިބުނެވެ. އެކަމަކު އަލްކަރޭޒް ވަނީ އެ ތިން ފުރުސަތު ވެސް ބޭކާރުކޮށްލައި، އެ ސެޓު ކާމިޔާބުކޮށްފަ އެވެ. އެއާ އެކު، ނަތީޖާ ނެރެން ފަސް ވަނަ ސެޓެއް ކުޅެން ޖެހުނެވެ. އަލްކަރޭޒް ޗެމްޕިއަންކަން ހޯދީ މި ސެޓު 10-2 އިން ކާމިޔާބުކޮށްގެންނެވެ.
"މި ކާމިޔާބަކީ އަމިއްލަ ނަފުސަށް އިތުބާރުކުރުން. އެއްވެސް އިރަކު ޝައްކެއް ނުއުފައްދައި، ދިޔައީ މޮޅުވާން މަސައްކަތްކުރަމުން،" އަލްކަރާޒް ބުންޏެވެ.
"ހަގީގީ ޗެމްޕިއަނުން އުފެދެނީ މިފަދަ ދަނޑިވަޅުތަކުގައި." މިއީ ސިނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލް ބައްޔެވެ. މީގެ ކުރިން އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު އަދި، ޔޫއެސް އޯޕަން އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ސިނާ ބުނީ މިއީ ވަރަށް ވޭންހުރި ބައްޔެއް ކަމަށާއި، އެކަމަކު ރޮއޮރޮއެ ހުރެވޭކަށް ނެތް ކަމަށެވެ. އެހެންވެ މަސައްކަތްކުރާނީ މި ނަތީޖާ ސިކުނޑިން ފޮހެލައި، ހަމައެކަނި މެޗުގެ ޕޮޒިޓިވްކަންކަމާ މެދު ވިސްނަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަފާ ނަދާލް
09 June 2025
“ޖެނިކް” އެއްނޫން ރަގަޅު ގޮތަކީ “ޔެނިކް”
ސުހާނާ
09 June 2025
އަލްކަރާޒް ފަހު ސެޓް ކާމިޔާބުކުރީ 7-6 އިން. 10-2 އެއީ ފަހު ގޭމު (އަލްކަރާޒް ފަހު ސެޓްގައި ކާމިޔާބުކުރި 7 ވަނަ ގޭމު) ގެ ޓައިބްރޭކް ސްކޯ.