15 ޖޫން 2025 - 09:07
މަޔާމީ (ޖޫން 15) - މުޅިން އާ ފޯމެޓަށް 32 ޓީމާ އެކު މިއަދު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އާއި މިސްރުގެ ޗެމްޕިއަން އަލް އަހްލީއާ ވާދަކޮށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެއްޖެ އެވެ.
މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އަހްލީގެ މިސްރު ފޯވާޑް ޓްރެޒެގޭ ފޮނުވާލި ޕެނަލްޓީއެއް، އިންޓަ މަޔާމީގެ ގޯލްކީޕަރު އޮސްކާ އުސްތާރީ ވަނީ މަތަކޮށްފަ އެވެ.
މެސީ މި މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލްކީޕަރު މުހައްމަދު އެލްޝަނާވީ ވަނީ ހުށިޔާރުކަމާއެކު ހަމަލާތައް މަތަކޮށްފަ އެވެ. އަދި ފަހު ވަގުތު މެސީ ފޮނުވާލި ހަމަލާއެއް ވަނީ ޑިފްލެކްޓް ވެގެން ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.
އިންޓަ މަޔާމީ ގުރޫޕް ސްޓޭޖުގައި ދެން ނުކުންނާނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށެވެ. އެއަށް ފަހު އޮތީ ބްރެޒިލްގެ ޕަލްމެއިރާސް އެވެ.
ކްލަބް ވޯލްޑް ކަޕްގެ މެޗެއް ދެން އޮންނާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ. ބައްދަލުކުރާނީ ޖަރުމަނުގެ ބެޔާން މިއުނިކާއި އޮސްޓްރޭލިއާގެ އޮކްލޭންޑް ސިޓީ އެވެ. އެއަށް ފަހު މިރޭ 12 ޖަހާއިރު ޕީއެސްޖީ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާނެ އެވެ.
މިރޭ މެންދަމު 3 ޖަހާއިރު ޕޯޓޯ އާއި ޕަލްމެއިރާސް ބައްދަލު ކުރާ މެޗަށް ފަހު، ފަތިހު 5 ޖަހާއިރު ބައްދަލުކުރާނީ ބްރެޒިލްގެ ބޮޓަފޮގޯ އާއި އެމެރިކާގެ ސީޓްލް ސައުންޑްސް އެވެ.
އެމެރިކާގައި ކުރިއަށްދާ މި މުބާރާތަކީ 32 ކްލަބް ހިމަނައިގެން ފީފާ އިން ބާއްވާ މުބާރާތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލާ
15 June 2025
މެސީގެ މޮޅުކަން ރޭގަ ފެނިއްޖެ 65ގެ މީހަކުވެސް އެވަރުކޮއްލާނެ
އަހުމިއްޓޭ
15 June 2025
ސުރުޚީ “ ކްލަބް ވޯލްޑް ކަޕްގެ ފެށުން: މެސީއަށް މާ ބޮޑު ކަމެއް ނުވި، ޓީމު ސަލާމަތްކުރީ ކީޕަރު” ތަފްސީލްގައި “ މެސީ މި މެޗުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލްކީޕަރު މުހައްމަދު އެލްޝަނާވީ ވަނީ ހުށިޔާރުކަމާއެކު ހަމަލާތައް މަތަކޮށްފަ އެވެ. އަދި ފަހު ވަގުތު މެސީ ފޮނުވާލި ހަމަލާއެއް ވަނީ ޑިފްލެކްޓް ވެގެން ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވެފަ އެވެ.” ކާކުގެ ފޭންއެއްބާ މިސުރުޚީ ލިޔުނީ.
ވަރަށް ވާހަކަ
15 June 2025
އެމެރިކާގައި ކުރިއަށްދާ މި މުބާރާތަކީ 32 ކްލަބް ހިމަނައިގެން ފީފާ އިން މެސީ އަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ.
ކަޑަވިޔަސް
15 June 2025
ހާއްސަ ކުރެވޭ ވަރުގެ މީހުންނަށް ދޯ ހާއްސަކުރެވޭނީވެސް.
މުހައްމަދު
15 June 2025
ކަލޯ ހާދަ ހިތުގަޖެހިފަ. ދެން ފަހަރަކުން ޕެނަޑޯލް އަށް ޙާއްސަ ކުރާނީ