16 ޖޫން 2025 - 10:23
އިންޓަ މިލާނުގެ އީރާން ފޯވާޑް މަހުދީ ޓަރޭމީ އެ ގައުމުގައި ތާށިވެފައި ހުރުމުން، އޭނާ އަށް ކްލަބް ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިޓާލިއަން ލީގު ނިމުމުން، ގައުމީ ޓީމުގެ މެޗުތައް ކުޅުމަށާއި، އާއިލާއާ އެއްކޮށް ވަގުތު ހޭދަކޮށްލަން ތެހެރާނަށް ދިޔަ ޓަރެމީ ތާށިވީ، އީރާނާއި އިޒްރޭލުން ހަމަލާ ބަދަލުކުރަމުން އަންނާތީ، އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުންނެވެ.
އެހެންވެ އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބް ވޯލްޑް ކަޕަށް، ލޮސް އެންޖެލިސްގައި ކޭމްޕްކޮށްފައިވާ އިންޓަ ޓީމާ އޭނާ އަށް އަދި ގުޅެވޭ ގޮތެއް ނުވެ އެވެ. ޔަގީނުން ވެސް އިންޓަގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު މެކްސިކޯގެ މޮންޓެރޭއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އިޓަލީ މީޑިއާތަކުން ބުނާ ގޮތުގައި އޭނާ އަށް މުބާރާތުގެ އެއްވެސް ހިސާބެއްގައި ނުކުޅެވޭނެ އެވެ.
އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި އިންޓަ އިން އަންނަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅައި ޓަރެމީ ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.
އީރާނުގެ ކެޕްޓަން ޓަރެމީ ވަނީ، މި މަހު 10 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި، ނޯތު ކޮރެއާ އަތުން 3-0 އިން އީތާން އަމިއްލަ ގައުމު މޮޅުވި މެޗުގައި ލަނޑު ޖަހައިފަ އެވެ.
އިޒްރޭލުން އިސްވެ އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވެސް އަންނަނީ ހަމަލާދެމުންނެވެ. ދެ ގައުމުން ވެސް ހަމަލާ ދެމުންދަނީ ވައިގެ މަގުން، ޖެޓުތަކާއި، މިސައިލު ބޭނުންކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy