18 ޖޫން 2025 - 10:59
އިޓަލީގެ ނަޕޯލީ އަށް ދާދި ފަހުން ސޮއިކުރި ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާގެ ޝަރަފުގައި "ކެވިން ޑި ބްރައުނީ" ނަމުގައި އެ ކްލަބުގެ ސަޕޯޓަރަކު ޖެލާޓޯ އައިސްކްރީމް ފްލޭވާއެއް ތައާރަފުކޮށްފި އެވެ.
ނަޕޯލީ ނިސްބަތްވާ ނޭޕްލްސްއަކީ އިޓަލީ ކެއުމުގެ އެންމެ މަޝްހޫރު އެއް ސިޓީ ވެސް މެ އެވެ. ޕިއްޒާ އުފަންކުރީ ވެސް އެ ސިޓީންނެވެ.
"ކެވިން ޑި ބްރައުނީ" ގެ ނަމުގައި ތައާރަފުކުރި މި ޖެލާޓޯގައި ހިމެނެނީ ޗޮކްލެޓް ބްރައުނީ އާއި، ޑި ބްރޭނާ ނިސްބަތްވާ ބެލްޖިއަމަށް ހާއްސަ، ބެލްޖިއަން ބިސްކޮފް އެވެ.
ނަޕޯލީ ސަޕޯޓަރުންނަކީ އެ ކްލަބަށް ސޮއިކުރާ ކުޅުންތެރިންނަށް އާދަޔާހިލާފު މަރުހަބާއެއް އަބަދުވެސް ކިޔާ ބަޔެކެވެ. މީގެ ކުރިން ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސިމްހެންގެ ނަމުގައި ކޭކެއް، އަދި ބެލްޖިއަމުގެ ރޮމެލޫ ލުކާކޫގެ ނަމުގައި ބުއިމެއް ވެސް ތައާރަފުކުރި އެވެ.
މެންޗެސްޓާ ސިޓީގެ ކޮންޓްރެކްޓް ހަމަވުމުން ޑި ބްރޭނާ ނަޕޯލީއާ ގުޅުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ. ބެލެވިފައި އޮތީ އޭނާ ގުޅޭނީ ބޮޑު މުސާރައެއް ހޯދުމުގެ ނިޔަތުގައި ސައޫދީ އަރަބިއްޔާ ލީގުގެ ކްލަބަކާ ކަމަށެވެ.
އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި ކްލަބުން އަންނަނީ ޑި ބްރޭނާގެ އިތުރުން މަޝްހޫރު އެހެން ކުޅުންތެރިން ވެސް ގެންނަމުންނެވެ. އަމާޒަކީ ޑިއޭގޯ މަރަޑޯނާގެ ޒަމާނުގައި އެ ކްލަބުން ކުރި ފަދަ ރަސްކަމެއް އަލުން ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy