ޒަބީ އަލޮންސޯ: އޭނާ ބުނީ ފުރަތަމަ މެޗުގެ ނަތީޖާއިން މާޔޫސް ނުވާ ކަމަށް --- ފޮޓޯ: އޭއެފްޕީ
19 ޖޫން 2025 - 13:22
ފުރަތަމަ ދުވަހު އެންމެ ރަނގަޅަށް ރެއާލް މެޑްރިޑުން ކުޅޭނެ ކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށް އެ ކްލަބްގެ ކޯޗު ޒަބީ އަލޮންސޯ ބުންޏެވެ.
ރެއާލްގެ ކޯޗު ކަމާ މިދިޔަ މަހު ހަވާލުވި އަލޮންސޯގެ ކޯޗުކަމުގެ ދަށުން ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ކްލަބް ވޯލްޑް ކަޕްގައި އަލް ހިލާލާ ދެކޮޅަށް ކުޅެފަ އެވެ. ސައުދީ އަރަބިއްޔާގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ،
އަލޮންސޯ ބުނީ މެޗު އެއްވަރުވެގެން މާޔޫސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ފުރަތަމަ ދުވަހު ޓީމު ރަނގަޅަށް މަސައްކަތް ކުރާނެކަމަކަށް އަހަރެމެން އުއްމީދެއް ނުކުރަން. އަހަރެމެން މާޔޫސެއް ވެސް ނުވޭ. ގޯސްތައް ރަނގަޅު ކުރަން އަހަރެމެން ޖެހޭ ތަފާތުކޮށް މަސައްކަތް ކުރަން. ދެ ވަނަ ހާފުގައި އަހަރެމެން ރަނގަޅަށް މަސައްކަތް ކުރި. (އަހަރެންގެ ކޯޗުކަމުގެދަށުން މަސައްކަތް ފެށިތާ) މިވީ އަދި ނުވަ ދުވަސް، ތިން ޕްރެކްޓިސް ސެޝަން ކުރިއަށް ގެންދިޔައީ،" އަލޮންސޯ ބުންޏެވެ.
އެމެރިކާގައި ކުރިއަށްދާ މުބާރާތުގައި އެންމެ ގިނަ އަދަދަކަށް ޓިކެޓް ވިއްކީ ރެއާލެވެ. މެޗު ކުޅުނު މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމަކީ 65،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ރެއާލުން ވަނީ 60،000 ޓިކެޓް މެޗަށް ވިއްކާފަ އެވެ.
އެހެންވެ ހޯމް އެޑްވާންޓޭޖް އެ ޓީމަށް އޮތެވެ. އޭގެ އުނދަގޫ ހިލާލަށް ފޯރާނެ ކަމަށް ބެލެވުނު ނަމަވެސް އެ ޓީމަށް އޭގެ އަސަރު މާ ބޮޑަށް ކުރިތަނެއް ނުފެނުނެވެ.
ލިވަޕޫލް ދޫކޮށް މި މަހު ރެއާލަށް ބަދަލުވި ޑިފެންޑަރު އެލެގްޒެންޑާ އާނޯލްޑް ފުރަތަމަ 11 ގައި ހިމަނައިގެން ކުޅުނު ރެއާލްއާ ދެކޮޅަށް މެޗުގެ ފުރަތަމަ ހަމާލާ އުފެއްދީ ހިލާލުންނެވެ. އެ ޓީމުގެ ސާޖެއި މިލަންކޮވިޗް ސަވިޗް މެޗު ފެށިގެން ދެވަނަ މިނެޓްގައި ރެއާލްގެ ގޯލަށް ނުރައްކާ ކުރި އެވެ.
މެޗުގައި ރެއާލުން ފުރަތަމަ ލީޑު ނެގި އެވެ. މެޗުގެ 34 ވަނަ މިނެޓްގައި ލަނޑު ޖެހީ ގޮންޒާލޯ ގާސިއާ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުގެ ކުރިން ހިލާލުން ނަތީޖާ ހަމަހަމަ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy