ދިރާގު ރޯޑް ރޭހުގެ 5 ކިލޯމީޓަރު ދުވުމުގެ ބައިވެރިން ދުވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖޫން 2025 - 12:04
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މިއަހަރުގެ ދުވުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެ ކަމަށް ދިރާގުން އިއުލާނުކޮށްފި އެވެ.
ދިރާގު ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގުން ވަނީ މިއަހަރު "ދިރާގު ފުވައްމުލައް ރަން" ބާއްވައިފަ އެވެ.
މި އަހަރުގެ ރޯޑް ރޭހުގައި ވެސް ދުވުންތެރިންނަށް ހާފް މެރެތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު ކެޓެގަރީ އަދި 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި ބައިވެރިވެވޭނެ އެވެ. ފަސް ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީގައި އޮފީސް/ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ އެވެ.
މި ދުވުމުގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ފައިސާގެ ބޮޑެތި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000ރ. ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.
ދިރާގުން ބުނީ މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެއް ކަމަށެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގުން އެންޖީއޯތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ދިރާގުން މި ދުވުން ބާއްވަން ފެށީ 2007 ވަނަ އަހަރު އެވެ. މިއީ މި ދުވުން ބާއްވާ 16 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާމިނަތު1
26 June 2025
ސިއްޙީ ކުއްލި ހާލަތެއް ދިމާވެދާނެ ކަމަށް މިފަހަރު ރެޑީ ވެވޭނެ ބާ؟ މީހަކު ނިޔާވަގެން ދިޔައިރު މިކަމަށް ކިހާވަރަކަށްތޯ މިފަހަރު ރެޑީވެވޭނީ؟