ބަންގްލާދޭޝްގެ ޗިޓަގޮން ބަނދަރުގައި މިއަދު މަސައްކަތް ހުއްޓާލާފައި: ހަޅުތާލު ހުއްޓާނުލާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
29 ޖޫން 2025 - 19:52
ބަންގްލަދޭޝްގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޗިޓަގޮން ޕޯޓްގައި ކަސްޓަމްސްގެ އޮފިޝަލުން މިއަދު ފެށި ހަޅުތާލަކާ އެކު ޝިޕިންގެ ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި އެވެ.
ޗިޓަގޮންގް ބަނދަރުގައި މަސައްކަތް ހުއްޓާލީ ޓެކްސް އޮތޯރިޓީ އިސްލާހުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތާ މެދު އެތަނުގެ މުވައްޒަފުން ހިތްހަމަނުޖެހިގެން ކުރަމުން އަންނަ ހަޅުތާލުގަ އެވެ.
"މި ބަނދަރުން އާންމުކޮށް ދުވާލެއްގެ މައްޗަށް 7،000 އާއި 8،000 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނަރު މެނޭޖްކުރޭ... ނަމަވެސް މިއަދު ހެނދުނުން ފެށިގެން މުދާ އެރުވުމާއި ބޭލުމުގެ އެއްވެސް މަސައްކަތެއް ނުކުރޭ،" ޗިޓަގޮންގް ޕޯޓް އޮތޯރިޓީގެ ސެކްރެޓަރީ މުހައްމަދު އުމަރު ފާރޫގު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.
ބަންގްލަދޭޝްއަކީ ދެވަނައަށް އެންމެ ގިނައިން ގާމެންޓް އުފައްދާ ގައުމަށް ވާއިރު، އެގައުމުން އެކްސްޕޯޓްކުރާ މުދަލުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ޓެކްސްޓައިލް އަދި ގާމެންޓް އުފެއްދުންތަކެވެ.
ބަންގްލަދޭޝްގެ ގާމެންޓް މެނުފެކްޗާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ ރައީސް މަހްމޫދު ހަސަން ޚާން ވިދާޅުވީ ބަނދަރުގެ އޮޕަރޭޝަންތައް މެދުކަނޑާލުމުން އެ ސިނާއަތަށް 222 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށެވެ.
"ރިކަވަރީގެ ޚަރަދު ވަރަށް ބޮޑުވާނެ، ލަފާކޮށްލަން ވެސް ނޭނގެ، އަދި ގިނަ ފެކްޓްރީތައް ބަނގުރޫޓުވުމުގެ ބިރު އެބައޮތް،" އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
ނޭޝަނަލް ބޯޑް އޮފް ރެވެނިއު (އެންބީއާރު)ގެ މުވައްޒަފުން މެދުކެނޑުމެއްނެތި ހަޅުތާލު ކުރަމުން އަންނަތާ އެތައް ހަފުތާއެއް ވަނީ ވެފަ އެވެ. އެއީ އެ އޮތޯރިޓީ ދެ ބަޔަކަށް ބަހާލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ނެވެ.
ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު، ނޯބެލްގެ ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ މި ހަޅުތާލު ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.
"އުއްމީދަކީ ގައުމުގެ ގައުމީ މަސްލަހަތާ ހިލާފު އެޖެންޑާ އެއްފަރާތްކޮށް، އެންބީއާރުގެ މުވައްޒަފުން އެނބުރި މަސައްކަތަށް ނިކުންނާނެ ކަމަށް،" އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އެހެން ނޫން ނަމަ ރައްޔިތުންގެ ހައްގުގައި، ގައުމުގެ އިގްތިސާދު ސަލާމަތްކުރުމަށް ހަރުކަށި ފިޔަވަޅު އެޅުން ނޫން އިހުތިޔާރެއް ނޯންނާނެ،" ބަޔާނުގައިވެ އެވެ.
އެންބީއާރުގެ މުވައްޒަފުން އޮފީސްތަކުގައި ހަޅުތާލު ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން މިއަދު ވަނީ އެ މީހުން އޮފީހަށް ވަނަ ނުދީ ހުއްޓުވައިފަ އެވެ.
މައްސަލަ ބޮޑުވެފައި ވަނިކޮށް 13 ބިޒްނަސް ޗެމްބަރަކުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ވީހާ ވެސް އަވަހަކަށް މިކަމަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy