ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރު ކުރި މުޒާހަރާގައި ފުލުހުން ހަމަލާ ދިނުމުން ޒަހަމްވި މީހަކަށް ފަރުވާ ދޭން ގެންދަނީ: މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭން އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހުއްދަ ދެއްވާ އަޑު އިވޭ އޯޑިއޯއެއް ވަނީ ލީކުވެފައި. -- ފޮޓޯ: އޭއެފްޕީ
09 ޖުލައި 2025 - 12:22
ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުން ޝައިހް ހަސީނާ އިސްތިއުފާ ދެއްވަން މަޖުބޫރުކުރުވި މުޒާހަރާތައް ކުރިއަށް ދިޔައިރު "ލީތަލް ވެޕަން" ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭން އޭނާ ހުއްދަ ދެއްވާ އޯޑިއޯއެއް ލީކުވެއްޖެ އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު އިންޑިއާއަށް ވަޑައިގެން ފިއްލަވައިގެން އުޅުއްވާ ހަސީނާގެ މައްޗަށް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ 1،400 އަށް ވުރެ ގިނަ މީހުން މެރި މައްސަލައިގައި ދައުވާ ވެސް އުފުލައިފަ އެވެ.
އުމުރުން 77 އަހަރުގެ ހަސީނާގެ މައްޗަށް މި މައްސަލައިގައި، އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ދައުވާކޮށް ޝަރީއަތްތައް ވަނީ ޣައިރު ހާޒިރުގައި ފަށައިފަ އެވެ.
ލީކުވެފައިވާ އޯޑިއޯ "ބީބީސީ އައި" ގެ އިންވެސްޓިގޭޝަން ޓީމުގެ ފޮރެންސިކް ތަޖުރިބާކާރުން އެނަލައިޒްކުރުމަށް ފަހު ބުނީ އެއީ ހަދާފައިވާ އޯޑިއޯއަކަށް ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.
ޖުލައި 18، 2024 ގެ ތާރީހުގައިވާ އެ އޯޑިއޯގައި އިވެނީ މުޒާހަރާގެ ބައިވެރިން "ފެނުނު ކޮންމެ ތާކުން ހަމަލާދޭން" ހުއްދަ ދެއްވާތީ އެވެ. އަދި މިކަމުގައި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ވެސް ދެއްވަ އެވެ.
ބަންގްލާދޭޝް ފުލުހުން ވެސް ބުނެފައިވަނީ މި އޯޑިއޯގައި އިވެނީ ހަސީނާގެ އަޑުކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
ޖުލައި 1، 2024 ގައި ހަސީނާގެ ސަރުކާރާ ދެކޮޅަށް އެންމެ ފުރަތަމަ ދަރިވަރުން މުޒާހަރާތައް ފެށީ ސަރުކާރު ވަޒީފާތަކަށް މީހުން ހޮވުމުގައި އަމަލުކުރާ ކޯޓާ ސިސްޓަމުގެ މައްސަލައިގަ އެވެ. މި މުޒާހަރާ ކުރާތާ 16 ދުވަސް ފަހުން ވަރުގަދަވާން ފެށީ ފުލުހުން މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރަން ފެށުމާ އެކުގަ އެވެ.
މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކުރުމުން ހާހަކަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެކަމުގެ ޒިންމާ ހަސީނާ އުފުއްލަވަން ނުޖެހޭ ކަމަށް ވިދާޅުވެ އޭނާގެ ވަކީލް ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒުމާން
12 July 2025
ވޯޓަކާއި ނުލައި މިހާރު ބަނގްލަދޭޝްގެ ވެރިއަކަށް ހުރި ޑޮކްޓަރ ޔޫނުސް އެމަޤާމުގައި ހުންނަމުން ދާއިރު، އެގޮތްވެސް އެޤައުމުގެ ރައްޔިތުންނަށް ރަނގަޅެވެ. އަޅެފަހެ އެޤައުމުގައި ޤާނޫނު އަސާސީ އެއް ނޯންނަނީ ހެއްޔެވެ.
ބަބަސް
10 July 2025
މިވަރުގެ ބޮޑު މުޖުރިމަކަށް ހިމާޔަތްދީގެން އިންޑިއާ މިއޮތީ. އެކަމަކު އެންމެބޮޑު ޑިމޮކްރެސީޔޯ!